ބުރާސްފަތި ދުވަހުން ފެށިގެން ސުޕްރީމް ކޯޓު ރިސެސްއަށް ދަނީ
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށް ސުޕްރީމް ކޯޓު ރިސެސްއަށް ދާން ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ. ސުޕްރީމް ކޯޓުން މިއަދު ބުނީ ކޯޓުތަކުގެ ގާނޫނުގެ ހަތް ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މި މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ. މި މަހުގެ އެންމެ ފަހު ރަސްމީ ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. ރިސެސްގެ މުއްދަތުގައި ޝަރީއަތުގެ އަޑުއެހުމެއް ނުބޭއްވި ކަމުގައިވިޔަސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އިދާރީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ ކޯޓުން ބުންޏެވެ. މިހާރު ސުޕްރީމް ކޯޓުގެ ހިންގުމާ ހަވާލުވެވަޑައިގެން ހުނެންވީ އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ދެން އެ ކޯޓުގައި ތިއްބެވީ، ފަނޑިޔާރުން އައިޝާ ޝުޖޫން، އަބްދުލްޣަނީ މުހައްމަދު އަދި މަހާޒު އަލީ ޒާހިރެވެ. މި ފަހުން އެ ކޯޓުން ދެ ފަނޑިޔާރަކު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ އުއްތަަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އެވެ. އޭގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ރިޓަޔާ ކުރައްވައިފަ އެވެ. އަދި އަބްދުލްޣަނީ ފަނޑިޔާރުކަމުން ވަކިކޮށް ދިނުމަށް ވެސް ޖޭއެސްސީއިން މިހާރު ވަނީ މަޖިލީހުގައި އެދިފަ އެވެ. ސުޕްރީމް ކޯޓްގެ ހުސްވެފައިވާ ތިން ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ