މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭ ވަރުގެ އަޒުމެއް އެއްވެސް ވެރިއެއްގެ ކިބައިން ނުފެނޭ: އުމަރު

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭ ވަރުގެ އަޒުމެއް އެއްވެސް ވެރިއެއްގެ ކިބައިން ނުފެންނަ ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ފޭސްބުކް ޕޯސްޓެއްގައި އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅައިގެން ނޫނީ، މި މުޖުތަމައު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އުމަރުގެ އެ ޕޯސްޓާއެކު މަސްތުގެ ހާލަތުގައި އިން ޒުވާނަކު ވެސްޓް ޕާކު ސަރަހައްދު ޖެޓީ މަތިން މޫދަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުކުރައްވައިފައެވެ.
މި މައްސަލަ ހަމަޖެއްސުމަށް ބޭނުންވާ ސާބިތުކަމާއި ނުގުޑާ ފަދަ އަޒުމް އަދި އެއްވެސް ވެރިއެއްގެ ކިބައިން ނުފެންނަ ކަމަށާއި އުމަރުގެ ވެރިކަމެއްގައި މަސްތުވާތަކެތީގެ މައްސަލަ ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''ރާއްޖެއަށް ޑްރަގު އެތެރެކޮށް ވިއްކާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅައިގެން މެނުވީ، މި މުޖުތަމައު ޑްރަގުގެ ވަބާއިން ސަލާމަތް ނުކުރެވޭނެ. މި މައްސަލަ ހަމަޖެއްސުމަށް ބޭނުންވާ ސާބިތުކަމާއި ނުގުޑާ ފަދަ އަޒުމް އަދި އެއްވެސް ވެރިއެއްގެ ކިބައިން ނުފެނޭ. މާތްﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުގެ ވެރިކަމެއްގައި ޑްރަގުގެ މައްސަލަ ހަމަޖައްސާނަން.'' މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާ އެކު އުމަރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ