ޤުރުއާނުގެ ތަރުޖަމާއަކީ ހުއްޖަތެއްނޫން ކަމަށް، 11 އަހަރު ކުރިން ވިދާޅުވި ވާހަކަފުޅު މައުމޫން ސާފުކޮށްދެއްވައިފި

ކީރިތި ގުރުއާނުގެ ތަރުޖަމާއަކީ ހުއްޖަތެއްނޫން ކަމަށް، މީގެ 11 އަހަރު ކުރިން ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމު ވިދާޅުވި ވާހަކަފުޅު މިއަދު އޮޅުންފިލުއްވައި ދެއްވައިފިއެވެ.
މީގެ 11 އަހަރު ކުރިން ރައީސް މައުމޫންގެ ވެރިކަމުގެ ފަހު އަހަރު، 2008 ވަނަ އަހަރު ޓީވީއެމުން ގެނެސްދިން ސިޔާސަތު ޕްރޮގްރާމްގައި، އަންހެނުން ބުރުގާ އެޅުމާ ގުޅޭ ގޮތުން މުހައްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސް މައުމޫނު ވިދާޅުވީ، ކީރިތި ގުރުއާނުގެ ތަރުޖަމާއަކީ ހުއްޖަތެއް ނޫން ކަމަށެވެ.
"ގުރުއާނުގެ ތަރުޖަމާއަކީ ހުއްޖަތެއްނޫން، ގުރުއާނުގެ ތަރުޖަމާއަކީ އިންސާނުން ކުރާ އެއްޗެއް، އެ ތަރުޖަމާ ރަނގަޅަށް ވެސް ކުރެވިދާނެ. ގޯސްކޮށް ވެސް ކުރެވިދާނެ. އެހެނެއްނޫން އަރަބި ބަހުން އޮންނަ ލަފުޒުން ދޭހަވާ އެއްޗެއްވިއްޔާ މައްސަލައެއް ނެތް، އެހެން ނަމަވެސް ތި ތަރުޖަމާއަކީ އެއްވެސް ހާލެއްގަ ހުއްޖަތެއްނޫން،" ޓީވީ ޕްރޮގްރާމްގައި މީގެ 11 އަހަރު ކުރިން މައުމޫނު ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން އެހެން ވިދާޅުވުމާ ގުޅިގެން ދީނީ އެތައް ބަޔަކާއި އާންމުންގެ ފާޑު ކިޔުންތައް އެތައް ދުވަހެއްވަންދެން މައުމޫނަށް ރައްދުވަމުން ދިޔައެވެ. ނަމަވެސް އެކަން ސާފު ކޮށްދެއްވަމުން ކީރިތި ގުރުއާނާއި ކީރިތި ގުރުއާނުގެ ތަރުޖަމާގެ ނަމުގައި މިއަދު ނެރުއްވި ބަޔާނެއްގައި ރައީސް މައުމޫން ވިދާޅުވީ، ކީރިތި ގުރުއާނަކީ ހުއްޖަތެއްނޫން ކަމަށް އެއްވެސް އިރަކު ވިދާޅުވެފައި ނުވާނެ ކަމަށެވެ.
"އެއްވެސް އިރަކު އަޅުގަނޑު ދީފައިވާ އިންޓަވިއުއެއްގައި ކީރިތި ގުރުއާނަކީ ހުއްޖަތެއްނޫނޭ ބުނެފައެއް ނޯންނާނެއެވެ. އެހެން ނަމަވެސް ކީރިތި ގުރުއާންގެ ތަރުޖަމާއަކީ ހުއްޖަތެއްނޫނޭ ބުނެފައިވާނެއެވެ. އެއީ މީގެ 11 އަހަރު ކުރިން އަޅުގަނޑު ދީފައިވާ ޓީވީ އިންޓަވިއު އެއްގައެވެ. އެ އިިންޓަވިއުގައި ގުރުއާންގެ ތަރުޖަމާއަކީ ހުއްޖަތެއްނޫނޭ ބުނުމުން، ބައެއް މީހުން އަޅުގަނޑުގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އަޅުވަމުން އައިސްފައިވެއެވެ. އެ އިންޓަވިއުގައި މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން އަޅުގަނޑަށް އެ ބުނެވުނީ، ހަގީގަތުގައި ވެސް ހަމަ އެކަން އޮތް ގޮތަށެވެ.،" މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ ބަޔާނުގައި ރައީސް މައުމޫން އިތުރަށް ވިދާޅުވީ، ކީރިތި ގުރުއާނާއި ކީރިތި ގުރުއާންގެ ތަރުޖަމާއަކީ މުޅިން ތަފާތު ދެ އެއްޗެއް ކަމަށެވެ. އެގޮތުން ކީރިތި ގުރުއާން ނިސްބަތް ވަނީ ﷲ ސުބުހާނަހޫ ވަތައާލާއަށް ކަމަށާއި ތަރުޖަމާ ނިސްބަތް ވަނީ އިންސާނުންނަށް ކަމަށެވެ.
"ކީރިތި ގުރުއާނަކީ ޖިބްރީލް އަލައިހިއްސަލާމް މެދުވެރި ކުރައްވައި ކީރިތި ރަސޫލާގެ ހިތްޕުޅަށް މާތް ﷲ ބާވައިލެއްވި، އެކަލާނގެ ހައްގު ބަސްފުޅު، އެ ބަސްފުޅު ބާވައިލެއްވީ އަރަބި ބަހުން. ގުރުއާންގެ ތަރުޖަމާއަކީ، އެ ތަރުޖަމާކުރާ އިންސާނެއްގެ ބުއްދިއަށް، އެ އާޔަތެއްގެ މާނަ ވިސްނިފައިވާ ގޮތަކަށް، އޭނާގެ އަމިއްލަ ބަހުން، އޭނަގެ އިލްމީ ފެންވަރުހުރި މިިންވަރަކުން އަމިއްލަ ލަފްޒު ތަކަކުން އިބާރާތްކުރާ އެއްޗެއް،" މައުމޫނު ވިދާާޅުވެފައިވެއެވެ.
އަދި ވިދާޅުވީ، އެއްވެސް އެއްޗެއް އެއްބަހުން އަނެއްބަހަށް ތަރުޖަމާ ކުރުމަކީ، ފަސޭހަކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުންތައް ރައީސް މައުމޫންގެ ބަޔާނުގައި ވެސް ވަނީ ތަފްސީލްކޮށް ބަޔާން ކޮށްދެއްވައިފައެވެ.
އެގޮތުން ކީރިތި ގުރުއާންގެ އާޔަތެއްގެ، ނުވަތަ އާޔަތުން ބައެއްގެ މާނަ ފުރިހަމައަށް ދޭހަވާ ގޮތަށް ތަރުޖަމާ ކުރުމަށްޓަކައި، އެ އާޔަތުގައި ނުހިމެނޭ އިތުރު ލަފްޒު ބޭނުން ކުރާތަން އަންނަ ކަމަށާއި އަރަބި ބަހުން ހުންނަ ގުރުއާން ތަފްސީރު ފޮތް ފޮތުގައި ހުންނަނީ އެގޮތަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
"އިނގިރޭސި ތަރުޖަމާ ތަކުގައި މިދެންނެވި ބޭނުމަށް ލިޔަންޖެހޭ އިތުރު ލަފްޒުތައް ބައެއް ފަހަރު ބްރެކެޓެއްގެ ތެރޭގައި ލިޔެފައި ހުރެއެވެ. އަނެއްބައި ފަހަރު ބްރެކެޓެއް ނެތި ލިޔެފައި ހުރެއެވެ. ދިވެހި ތަރުޖަމާގައި ބައެއް ފަހަރު "އެބަހީ" އޭ ލިޔެފައި، އޭގެ ފަހަތުގައި ލިޔެފައި ހުރެއެވެ. ކީރިތި ގުރުއާނުގެ ފުރިހަމަ މާނަ ދޭހަކޮށްދިނުމަށްޓަކައި މިފަދަ ގޮތަކަށް ބޭނުން ކުރަންޖެހޭތީ، ގުރުއާނުގެ ތަރުޖަމާތަކަށް ބައެއް އިލްމުވެރިން ވިދާޅުވަނީ، އެއީ ގުރުއާން ދޭހަވާ މާނައިގެ ތަރުޖަމާއެއް ކަމަށެވެ.،" ރައީސް މައުމޫންގެ ބަޔާނުގައިވެއެވެ.
މައުމޫނު ވިދާޅުވި ގޮތުގައި ކީރިތި ގުރުއާނަކީ މާތް ﷲގެ ކަލާމްފުލު ކަމަށްވީތީ، އެއީ އެންމެ ފުރިހަމަ ގޮތުގައި އިހުތިރާމް ކުރަންޖެހޭ މުގައްދަސް އެއްޗެކެވެ. އަދި ކީރިތި ގުރުއާނަކީ އޭގެ ކުރިމަތިން ވެސް އަދި އޭގެ ފަހަތުން ވެސް، އެއްވެސް ބާތިލްކަމެއް ނާންނާނެ އެއްޗެއް ކަމަށް މާތް ﷲގެ ވަހީބަސްފުޅު ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި ކީރިތި ގުރުއާންގެ ތަރުޖަމާއަކީ ކޮންމެ ބަހަކުން ކުރިއަސް އަދި ކިތަންމެ މޮޅަކަށް، ކިތަންމެ ފުރިހަމަކޮށް ކުރިޔަސް މުގައްދަސް އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ.
އަދި ކީރިތި ގުރުއާން ކިޔެވުމަކީ، އޭގެ ޒާތުގައި ވެސް އަޅުކަމެއް ކަމަށާއި، ގިނަގުނަ ސަވާބުލިބޭ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް ކީރިތި ގުރުއާންގެ ތަރުޖަމާ ކިއުމަކީ، ފައިދާބޮޑުކަމެއް ނަމަވެސް އެއީ އަޅުކަމެއްނޫންކަމަށް ވިދާޅުވެފައިވެއެވެ.
"ކީރިތި ގުރުއާން ކިޔެވުމަކީ ނަމާދުގެ ރުކުނެކެވެ. ފާތިހާ ސޫރަތް ނުކިޔަވައި އެއްވެސް ނަމާދެއް ސައްހައެއް ނުވާނެއެވެ. ގުރުއާންގެ ބަދަލުގައި އޭގެ ތަރުޖަމާ ކިޔައިގެން ގުރުއާން ކިޔެވުމުގެ ރުކުން ފުރިހަމައެއް ނުވާނެއެވެ. ނަމާދު ސައްހައެއް ނުވާނެއެވެ.،" ބަޔާނުގައިވެއެވެ.
އަދި ކީރިތި ގުރުއާނަކީ ﷲގެ ކަލާމްފުޅުކަމަށްވާތީ މުސްހަފްގައި އަތްލުން ނުވަތަ އެފޮތް އުފުލުން ހުއްދަވަނީ، ހަމައެކަނި ދެ ހަދަސުން ތޯހިރުވެ ހުރި މީހަކަށް ކަމަށާއި ތަރުޖަމާގައި އަތްލުމާއި އުފުލުމަށް އެ ތޮހާރަތު ބޭނުން ނޫންކަން ފާހަގަކުރައްވާ ރައިސް މައުމޫން އިތުރަށް ވިދާޅުވީ، ކީރިތި ގުރުއާނަކީ އިސްލާމްދީނުގެ އެންމެ ފުރަތަމަ، އަދި އެންމެ މަތިވެރި، އެންމެ ވަރުގަދަ މަސްދަރުކަމުން އިސްލާމްދީނުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ކީރިތި ގުރުއާން ކަމަށެވެ.
"ޝަރުއީ ނަޒަރަކުން ބަލާއިރު ހުއްޖަތަކީ އެ މައްޗަށް އަމަލުކުރުން ކަނޑައެޅިގެން ލާޒިމްވާ ގޮތަށް އައިސްފައިވާ ޝަރުއީ ދަލީލެވެ. މިސާލަކީ ކީރިތި ގުރުއާންގައި އައިސްފައިވާ މާތް ﷲގެ ސާފު ސީދާ ސޮރީހަ އަމުރުފުޅުތަކާއި ނަހީތަކެވެ. ހަމަ އެފަދައިން ކީރިތި ރަސޫލާގެ ސުންނަތުގެ ތެރެއިން އެއްވެސް ޝައްކެއް، އޮޅުމެއް ނެތް ގޮތުގައި ވާރިދުވެފައިވާ ސައްހަ ހަދީސްފުޅުތަކެވެ. އެ ހަދީސްފުޅުތަކުގައި އައިސްފައިވާ ސާފު ސީދާ އޮޅުމެއް ނެތް ސަރީހަ އަމުރުފުޅުތަކާއި ނަހީތަކެވެ.،" ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކީރިތި ގުރުއާނުގެ ތަރުޖަމާއިން އެކިއެކި ޝަރުއީ ހުކުމްތައް ދެނެގަތުމާއި، އެކި ކަންކަމުގެ ހުއްޖަތުގެ ގޮތުގައި އާޔަތްތައް ބޭނުން ކުރަންވާނީ، އެފަދަ ފެންވަރަކަށް ޝަރުއިީ އިލްމުތައް ހާސިލް ކުރައްވާފައިވާ ބޭފުޅުން ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެއެވެ.
"އެހެނީ ގުރުއާނުގެ އާޔަތްތަކުގެ ހަގީގީ މާނަ އާއި މަޖާޒީ މާނަ އާއި އޭގައި ހިމެނޭ އާއްމު ހުކުމްތަކާއި ހާއްސަ ހުކުމްތަކާއި މުތުލަގު ހުކުމްތަކާއި މުގައްޔަދު ހުކުމްތައް ފަދަ ކަންކަން ރަނގަޅަށް އެނގުމަކާނުގައި، ގުރުއާންގެ އެކިއެކި އާޔަތްތަކުގެ ފުރިހަމަ މާނަ އާއި ދޭހަކޮށްދޭ ހުކުމް އާއި މަގުސަދު އެއްގޮތަކަށް ވެސް އޮޅުން ނުފިލާނެތީއެވެ.،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ