މަހާޒު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑްރަގް ކޯޓުގެ ކުރީގެ ގާޒީ މަހާޒު އަލީ ޒާހިރު މިއަދު އައްޔަންކޮށްފިއެވެ. އެ މަގާމަށް މަހާޒް އައްޔަންކޮށްފައި ވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް ވަނީ ފަނޑިޔާރު ކަމުގެ ލިޔުން މަހާޒަށް ހަވާލުކޮށްދެއްވައިފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް މަހާޒު އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް އެދިލެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ރައީސް ހުށަހެޅުއްވި ނަމާއެކު ފަނޑިޔާރު ކަމަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއުކޮށް ޖޭއެސްސީއިން ރައީސަށް ފޮނުވީ މަހާޒުގެ އިތުރުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދުގެ ނަމެވެ. ދެ ބޭފުޅުންގެ ނަން ވެސް ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިންވެސް ނިންމީ މަހާޒާއި ދިޔާނާގެ ނަން ތަޅުމަށް ހުށަހަޅައި ތަޅުމުން ގޮތެއް ނިންމަން ދޫކޮށްލުމަށެވެ. މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 55 މެމްބަރުންގެ ވޯޓާއެކު ފާސްކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ އަރީފް އާއި، ފަނޑިޔާރު އަލްއުސްތާޛް އާދަމް މުހައްމަދު އަބްދުﷲ އާއި، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުހައްމަދު އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ