ތޮއްޑޫ ޕްރީ ސްކޫލް ފާހާނާއާ ގުޅޭގޮތުން ސުވާލުކުރުމުން، ކައުންސިލުން ފާހާނާ ސާފުކޮށްފި!

ތޮއްޑޫ ކައުންސިލުން ހިންގަމުން އަންނަ އެރަށު ޕްރީ ސުކޫލްގެ ފާހާނާއަކީ ބޭނުން ނުކުރެވޭވަރަށް ނުތާހިރު ތަނެއްކަމަށް ބުނެ ދައުރުވަމުންދާ ވާހަކައާއި ގުޅިގެން "ދަޕްރެސް" އިން ސުވާލު ކުރުމުން، އެ ފާހާނާތައް ތޮއްޑޫ ކައުންސިލުން ސާފުކޮށްފިއެވެ.
ބޭބީ ނާސަރީ އަދި ނާސަރީ ގްރޭޑްގައި ކިޔަވަމުން އަންނަ 57 ތުއްތު ކުދިން ބޭނުންކުރާ ހަތަރު ފާހާނާގެ ތެރެއިން ބޭނުންކުރެވޭ ދެ ފާހާނާއެއްގެ ހާލަތު ބަޔާންކޮށް މިއަދު ފޭސްބުކުގައި އާއްމުވި ޕޯސްޓަކާއި ގުޅިގެން ސުވާލު ދެންނެވުމުން ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވީ، އެ ވާހަކަތަކީ ދޮގެއްކަމަށެވެ. އަދި ދައުރުވަމުން ދަނީ ބޭނުން ނުކުރާ ދެ ފާހާނާގެ ފޮޓޯ ކަމަށެވެ.
ނަމަވެސް އެރަށުން "ދަޕްރެސް" އަށް ފޮޓޯ ފޮނުވި މީހާ ވަނީ ދެ ފަހަރަކަށް ފޮޓޯ ފޮނުވާފައެވެ. އަދި ދެފަހަރަށް ފޮނުވި ފޮޓޯގައިވެސް ހަތަރު ފާހާނާ ފެނެއެވެ. އޭގެ ތެރެއިން މިހާރު ބޭނުން ކުރާ ދެ ފާހާނާ ހުރީ ވަރަށް ބޮޑަށް ހަޑިވެފައެވެ. ފޮޓޯ ފޮނުވި މީހާ އަކީ އެ ޕްރީ ސްކޫލް ދަރިވަރެއްގެ ބެލެނިވެރިއެކެވެ.
އޭނާ ބުނީ ފޮޓޯތަކުން ފެންނަ ފާހަނާގެ ހާލަތު ކިޔަވައިދިން އިރުވެސް ހުރީ އެހެން ކަމަށާއި، އެތަނުގެ ސާފުތާހިރުކަން ކުޑަކަމަށެވެ. މީގެ އިތުރުން ފާހާނާގެ މުސްލިމް ޝަވަރުތައް ހަލާކުވެފައިވާއިރު، ފާހާނާ ފްލެޝް ކުރެވޭނެ ގޮތެއް ވެސް ނުހުންނަ ކަމަށެވެ. އަދި އެތަނަކީ 57 ދަރިވަރުން ބޭނުންކުރާ ތަނަކަށް ވެފައި، އެތަން ސާފްކުރަނީ ހަފްތާއަކު 2 ދުވަހު ކަމަށެވެ.
"މިއީ ކުޑަކުދިންތަކެއް ބޭނުން ކުރާ ފާހާނަ. އެކަމަކު އެތަނަކީ މީހަކު ބޭނުންކުރަން ހެޔޮވާވަރު ތަނެއް ނޫން. މި ވާހަކަ ތަކުރާރުކޮށް ކައުންސިލަށް ބެލެނިވެރިންނާއި، ޓީޗަރުން ޝަކުވާގެ ގޮތުގައި ހުށަހެޅި. އެކަމަކު މި އަހަރު ނިމިގެން މިދިޔައީ އެކަމަށް ހައްލެއް ނުލިބި. އަޅާލާނެ މީހަކު ނުހުރޭ އެތަން ކައުންސިލުން ހިންގި ނަމަވެސް" ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުންޏެވެ.
މީގެ އިތުރުން ވެސް އިތުރު ތިން ބެލެނިވެރިންނާ އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ދިނީ އެއް ޖަވާބެކެވެ. ކައުންސިލުން އަޅާނުލާ ކަމަށާއި، އެ ފާހާނާއަކީ ސާފްތާހިރުކަން ކުޑަ އަދި ބޭނުން ކުރަން އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. މީގެ އިތުރުން އެތަނުގެ ހަރަދުތައް ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހޭތީ އެތަނަށް ބޭނުންވާ ކަންކަން ކުރުމަށް ބެލެނިވެރިން ނުކުމެ 45،000 ރުފިޔާ ހޯދާ ކައުންސިލާއި ހަވާލު ކުރި ކަމަށާއި، ނަމަވެސް އެ ފައިސާއިން ވެސް މަރާމާތުގެ އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް ބެލެނިވެރިއަކު ބުންޏެވެ.
ޕްރީ ސްކޫލްގައި މަސައްކަތް ކުރާ ޓީޗަރަކު ބުނީ އެ ފާހާނައަކީ ކުޑަކުދިން ބޭނުންކުރަން އެއްމެ އެކަށޭނެ ތަނެއް ނޫން ކަމަށެވެ. އަދި އެ ފާހާނާ ފްލެޝް ނުކުރެވޭއިރު، މުސްލިމް ޝަވަރު ބޭނުން ނުކުރެވޭކަމަށެވެ. އަދި ފާހާނާގެ ސާފްތާހިރުކަން ކުޑަވުމުން، ބެލެނިވެރިންގެ ޝަކުވާ ބޮޑުކަމަށާއި، ކުއްޖަކު ފާހާނާއަށް ދާން ބޭނުންވެއްޖެ ނަމަ އެ ކުއްޖެއްގެ ބެލެނިވެރިންނަށް ގުޅުމަށް ގިނަ ބެލެނިވެރިން އެދިފައިވާ ކަމަށެވެ.
"މި ނިމިގެންދާ އަހަރު ތެރޭގައި އެ ފާހާނާގެ އެއްވެސް މަރާމާތެއް ނުކުރޭ. ދަރިވަރުންގެ ފާހާނާއަކީ ކުޑަކުދިން ކީއްކުރަން، ބޮޑެތި މީހުން ބޭނުންކުރަން ހެޔޮވަރު ތަނެއްވެސް ނޫން. މުސްލިމް ޝަވަރު ދޫކޮށްލީމަ އެކި ތަންތަނަށް ފެން ބުރައިގެން ދާނީ. ފްލެޝް ނުކުރެވޭ. އަދި ކީއްކުރަން ޓީޗަރުންގެ ފާހާނާގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ. އެތަނުގެ ލައިޓެއް ބަދަލުކޮށްދެވުނީ މިއަހަރު ނިމެން އެއް މަހަށް ވެފައި ވަނިކޮށް. މިއީ މިތާގެ ހާތަލު" ޕްރީ ސްކޫލްގެ ހާލަތު ކިޔައި ދެމުން އެތަނުގެ ޓީޗަރަކު ބުންޏެވެ.
މި ސުވާލުތައް ކައުންސިލްގެ ރައީސާއާ ކުރައްވާ، އެތަނުގެ ފޮޓޯ ފޮނުވުމަށް 12:40 ގައި އެދުމުން ފޮޓޯ ފޮނުވީ އޭގެ ގާތްގަޑަކަށް އެއްގަޑިއިރާ 25 ވަރަކަށް މިނެޓް ފަހުންނެވެ. ކައުންސިލްގެ ރައީސާ ފޮނުއްވި ފޮޓޯގައި ފާހާނަތައް ހުރީ ސާފްކޮށްފައެވެ. އަދި އެއީ އެތަން ހުރިގޮތް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެރަށުގެ ބެލެނިވެރިއަކު އިއްޔެ މެންދުރު 1:07 ގައި ބުނީ ކައުންސިލުން އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ކަމަށާއި، ކައުންސިލް އިދާރާގެ މަސައްކަތު މީހާ އެތަނުގެ ފާހާނަތައް ސާފްކުރި ކަމަށެވެ.
މި ވާހަކަތައް ކައުންސިލް ރައީސާ ކައިރި އެހުމުން ޖަވާބު ދިނީ ރުޅިވެރިގޮތަކަށެވެ. އަދި ބެލެނިވެރިން ބުނާ ގޮތަށް ހަބަރު ލިޔުމުން ނިމުނީ ނޫންކަމަށާއި، ކައުންސިލްގެ ބަސްހޯދަނީ ކީއްކުރަންތޯ ސުވާލު ކުރައްވާ ހިތްހަމަ ނުޖެހުމުގެ ރާގަކުން ވާހަކަ ދެއްކެެވިއެވެ.
"ކުދިން ނުތިބެންޔާ ހުންނާނީ އެކަހަލަ ގޮތަކަށް ދޯ. އެއީ ކުދިން ކިޔަވަން ނުދާތާ މަހެއް ވެއްޖެ. އަޅުގަނޑު މަސައްކަތު މީހާ ކައިރި ދެންނެވިން ފޮޓޯ ނަގާފައި ފޮނުވަދެން" ނިއުޝާ ވިދާޅުވިއެވެ. އަދި އެތަނުގައި ކައުންސިލަރުން ތިއްބެވިކަމަށް ބެލެނިވެރިއަކު "ދަޕްރެސް" އަށް މައުލޫމާތު ދިން ވާހަކަ ބުނުމުން ނިއުޝާ ވިދާޅުވީ "އަޅުގަނޑުމެން ބެލުމުގެ ދަށުގައި ހުރިތަނެއްވީމަ އަޅުގަނޑުމެން ދެއްތޯ ހުޅުވައިދޭނީ. ދެން ތިބޭފުޅާ އަޅުގަނޑުމެންނަށް ގުޅައިގެން ތި މައްސަލައިގަ މައުލޫމާތު ހޯދުމުގެ ބޭނުމެއް ނެތެއް ނޫންތޯ؟ އެހެންވީމާ ތިބޭފުޅުން ބެލެނިވެރިންނާ ވާހަކަ ދައްކައިގެން ހަބަރު ލިޔުނީމަ ރަނގަޅު ވާނެ ނޫންތޯ؟" ނުރުހުމުގެ ރާގުގައި ނިއުޝާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންވެސް ހަބަރު ގެންނަންވާ ގޮތަށް ހަބަރު ގެނެސްދޭނަން. އެކަމަކު މި ދަންނަވަނީ މިހާރު ކިޔަވައި ނުދޭތާ މިހާ ދުވަސް ވެއްޖޭ، އެހެންވީމަ އެތަނަށް ފަތްކޮޅެއް ވެއްޓިފައި ހުރެދާނެ އެހެންނުންތޯ؟ އެކަމަކު ކުދިންނަށް ކިޔަވައިދޭއިރު ތިގޮތަކަށް ފާހާނާއެއް ނުހުންނާނެ. އެބޭފުޅުން ލާފައި ހުރި ފޮޓޯއަކީ ބޭނުން ނުކުރާ ފާހާނާގެ ފޮޓޯ އަކީ ކައުންސިލް ބަދުނާމުކުރަން ލާފައި ހުރި ފޮޓޯ" ނިއުޝާ ވިދާޅުވިއެވެ.
އަދި "ދަޕްރެސް" އިން މައުލޫމާތު ހޯދަން ގުޅީ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކުރި މީހުންނާ އެއްކޮޅަށް ވާހަކަ ދައްކާ ބެލެނިވެރިންނަށް ކަމަށާއި، ރަނގަޅަށް ހުންނެވި ބެލެނިވެރިއަކަށް އެއްމެ ފަަހަރަކުވެސް ގުޅާލަ ދެއްވުމަށް ނިއުޝާ ވިދާޅުވިއެވެ. އަދި އެފަދަ ބެލެނިވެރިއެއްގެ ނަންބަރު ފޮނުވައިދިނުމަށް އެދުމުންވެސް، ނަންބަރެއް ފޮނުވައި ދީފައި ނުވެއެވެ.
ބެލެނިވެރިންނާއި އާއްމުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވާ ކައުންސިލްގެ ރައީސާ ވިދާޅުވީ އެތަނުގެ ފާހާނާތައް ސާފުކޮށް ބަހައްޓާ ކަމަށާއި، އެތަނުގެ މަރާމާތު ނުކުރެވެނީ ޕްރީސްކޫލް ހިންގައިގެން ފައިދާއެއް ނުލިބޭތީ ކަމަށެވެ. އަދި އެތަން ހިންގަނީ ގެއްލުމުގައި ކަމަށާއި، ހަތަރު ޓީޗަރުން އެތަނުގައި މަސައްކަތް ކުރާއިރު، ދަރިވަރެއްގެ އަތުން ނަގަނީ ފީއެއްގެ ގޮތުގައި 300 ރުފިޔާއެވެ. ޓީޗަރެއްގެ މުސާރައަކީ 5000 ރުފިޔާއެވެ.
57 ދަރިވަރުންގެ އަތުން 300 ރުފިޔާ ނަގާނަމަ އެއީ މަހެއްގެ މައްޗަށް 17،100 ރުފިޔާއެވެ. އަދި ހަތަރު ޓީޗަރުންގެ މުސާރައިގެ ގޮތުގައި 20،000 ރުފިޔާ ދީފައި 2900 ރުފިޔާ ކައުންސިލަށް ގެއްލުން ދައްކައެވެ. އަދި ކަރަންޓް ބިލަށްވެސް ފައިސާ ހަމަ ނުޖެހެއެވެ. އެހެންކަމުން ޕްރީ ސްކޫލަށް ލިބޭ އާމްދަނީ އިން އެތަނުގެ ހަރަދުތައް ފޫ ނުބެދެއެވެ. މަސައްކަތު މީހާއަކީ ކައުންސިލްގެ ސިވިލް މުވައްޒަފަކެވެ.
މިކަމާއި ގުޅިގެން ބެލެނިވެރިއަކު ބުނީ ދަރިވަރުންގެ އަތުން ނަގާ ފީ ބޮޑުކުރަން ގިނަ ބެލެނިވެރިން އެއްބަސް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކައުންސިލާއެކުވެސް ވާހަކަ ދެކެވުނު ކަމަށެވެ. ނަމަވެސް މުޅި އަހަރު ތެރޭގައި ކައުންސިލާއެކު ބެލެނިވެރިންނަށް ބައްދަލުކުރެވުނީ އެއްމެ ތިން ފަހަރު ކަމަށާއި، ކައުންސިލްގެ ފަރުވާކުޑަކަން އެކަމުން ދައްކާ ކަމަށެވެ.
ކައުންސިލްގެ ރައީސާ ނިއުޝާ ވިދާޅުވީ 45،000 ރުފިޔާ ބޭނުންކުރަނީ ދަރިވަރުންގެ ގްރެޖުއޭޝަންއާއި ބާއްވާ އެކިއެކި ހަފްލާތަކަށް ކަމަށެވެ. އަދި އެ ފައިސާ އެހެން ކަންކަމުގައި ބޭނުން ކުރުމުން ބެލެނިވެރިން ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ބެލެނިވެރިންނާއެކު ބައްދަލުކުރެވުނީ ތިން ފަހަރު ކަމަށާއި، އިތުރު ބައްދަލުވުމެއް ނުބޭއްވުނީ ވަގުތު ނުވެގެން ކަމަށެވެ.
"އަޅުގަނޑުމެން އެ ފައިސާ ހޯދީ އެކަހަލަ (މާރާމާތުގެ) މަސައްކަތަކަށް ނޫން. ކުދިންނަށް ބޭނުންވާ އިތުރު ހަރަކާތްތަކަށް ހޯދި ފައިސާ އެއަކީ. އެހެންކަމުން މި ދެންނެވި ކަންތަކަށް ހަރަދު ކުރުމުން ބެލެނިވެރިން ހިތްހަމަ ނުޖެހޭ ބެލެނިވެރިން މަސައްކަތް ކޮށްގެން ހޯދާ ފައިސާއެއް. އެހެންވީމަ އެ ފައިސާ ބެހެއްޓީ ކުދިންނަށް ބޭނުންވާ އިތުރު ހަރަކާތުގައި ބޭނުންކުރަން" ނިއުޝާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ