ކައުންސިލްގެ އިއްތިފާގުން ޖޭޕީގެ ލީޑަރުގެ މަގާމަށް ގާސިމް އިންތިހާބުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލްގެ އިއްތިފާގުން އެ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހިމް މިރޭ އިންތިހާބުކޮށްފި އެވެ.
ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ކައުންސިލްގައި ބައިވެރިވި 61 މެންބަރުންގެ ވޯޓުންނެވެ. މިރޭ ބޭއްވި ޖޭޕީގެ ހާއްސަ ކައުންސިލްގެ ބައްދަލުވުމުން ގާސިމް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. މަގާމަށް ކުރިމަތިލެއްވީ ވެސް ގާސިމް ޢެކަންޏެވެ.
ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ، ޕާޓީގެ މަގާމު ގެއްލިވަޑައިގަތުމުން މިހާތަނަށް ޕާޓީގެ އެކްޓިން ލީޑަރުގެ ގޮތުގައި ހުންނެވީ ކައުންސިލް މެންބަރު ޑރ. ހުސެއިން ރަޝީދެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ފާސްކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެކަން އެގޮތަށް ކުރުމަށް ޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅުއްވުމުން 61 މެމްބަރުންގެ އިއްތިފާގުން އެ ދުވަހު އޮތީ އެ ނިންމުން ފާސްކޮށްފަ އެވެ.
ޖޭލީގެ ލީޑަރަކަށް ގާސިމް އިބްރާހިމް އިންތިޚާބު ކުރުމާ ގުޅޭ އިއުލާން މިދިޔަ ޖޫން 28 ގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ލީޑަރުގެ މަސްއޫލިއްޔަތުތައް، އެ ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސައިން ރަޝީދު ހަސަނާ ހަވާލު ކުރަން ފާސްކުރި އެވެ. އެ ގޮތަށް އޭރު ފާސްކުރީ ގާސިމް ޖަލު ހުކުމެއްގައި ހުންނެވުމުންނެވެ.
ގާސިމަށް އެ މަގާމު ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކު، ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެތީ އެވެ.
ނަމަވެސް، ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދާދި ފަހުން ވަނީ ބާތިލްކޮށް އޭނާ މިނިވަން ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ