ޕީޖީ އިސްތިއުފާ ނުދީފިއްޔާ އިތުބާރު ނެތް ކަމަށް ހުށަހަޅާނަން: މެމްބަރު އަބުޅޯ

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން އިސްތިއުފާ ނުދެއްވައިފި ނަމަ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރު އަބްދުﷲ މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޖީ ބިޝާމް އެ މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށާއި އެކަމަނާ އިސްތިއުފާ ނުދެއްވައިފި ނަމަ، އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
PG Bisham Magaamun Isthiufaa Dhevvan Jehey. Noonee Ithubaaru Neihkamuge Massala Majilihah Hushahalhaanan. pic.twitter.com/mj86wKvTG1— Abdulla Ahmed (@AblhoMP) November 18, 2018
މެމްބަރު އަބުޅޯގެ ޓްވީޓްރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ލީޑަރުން ޖަލަށް ލުމާއި ހައްޔަރު ކުރުން ފަދަ ކަންކަމާ ގުޅިގެން، އޭރުގެ އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑުކިޔުންތަކެއް ބިޝާމަށް އަމާޒުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަކީ މިނިވަން މަގާމެއް ކަމަށްވާތީ، އެ މަގާމަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ. މި ވަގުތު މަޖިލީހުގައި އޮތީ އާ ސަރުކާރުގެ އަޣުލަބިއްޔަތެވެ. އެކަމަކު ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.
ކުރިން އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ބިޝާމް ޕީޖީގެ މަގާމަށް ނޮވެމްބަރު، 2015 ގައި އައްޔަން ކުރެއްވީ އޭރުގެ ޕީޖީ މުހުތާޒް މުހުސިންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކި ކުރުމުންނެވެ. މުހުތާޒްގެ ކުރިން ޕީޖީގެ މަގާމުގައި ހުންނެވި އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން މަޖިލީހުން އުޅުމުން މުއިއްޒު ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ