2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ހާމަކޮށްފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން: ޑރ އަހުމަދު ޒިޔާދު
ދާރުލް އީމާން ކުއްޔަށް ދީފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ވިދާޅުވެ، އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އޮޑިޓް ރިޕޯޓްގައި ހާމަކޮށްފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.އިސްލާމިކް މިނިސްޓްރީން ނެރެފައިވާ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވިދާޅުވެފައި ވަނީ ދާރުލް އީމާންގެ ނުވަ ފަންގިފިލާ ކުއްޔަށް ދީފައިވާ ގޮތުން، ދައުލަތަށް އަހަރަކު އެތައް ލައްކަ ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށެވެ. އަދި ވަގުފް ބިނާ އިން 2017 ވަނަ އަހަރުގެ ކުލީގެ ގޮތުގައި އިސްލާމިކް މިނިސްޓްރީ އަށް ލިބެންޖެހޭ 10.4 މިލިޔަން ރުފިޔާ ނުލިބި އޮތުމުން، އެ ފައިސާ ހޯދަން ކުރަން ޖެހޭ މަސައްކަތް އެ މިނިސްޓްރީން ކޮށްފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ. އެ ރިޕޯޓްގައި ވަނީ ފުރިހަމަ އަދި ސައްހަ ނޫން މައުލޫމާތުކަން ފާހަގަކުރައްވާ ކުރީގެ އިސްލާމިކް މިނިސްޓަރ އަހުމަދު ޒިޔާދު ބާގިރު ޗެނަލް13 އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ އިމާރާތް ކުއްޔަށް ހިފާފައި ވަނީ ސަރުކާރުން ކަމަށެވެ. އޭގެތެރޭގައި ފިނޭންސް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން ހިމެނޭއިރު، އެ ފަރާތްތަކުން ކުލި ނުދައްކާ ހުރި މަސްތަކަށް ކުލި ދެއްކުމަށް މިނިސްޓްރީން އެދިފައި ވާނޭ ކަމަށް ވިދާޅުވިއެވެ. އަދި އެ ފައިސާއަކީ ސަރުކާރުގެ ފަރާތުން، ސަރުކާރަށް ދައްކަންޖެހޭ ފައިސާކަން ފާހަގަކުރައްވާ ޑރ.ޒިޔާދު ވިދާޅުވީ، އެފަރާތްތަކަށް އިމާރާތް ކުއްޔަށް ދީފައި ވާނީ ޤަަވާއިދާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. މީގެއިތުރުން އެ އިމާރާތުގެ ބައެއް، އޯޝަން ބަރަކާ ޕްރައިވެޓް ލިމިޓެޑް އަށްވެސް ކުއްޔަށް ދީފައިވާ ކަމަށާ، އެ ކުންފުންޏަކީ ސައުދީއަށް ހައްޖާ އުމްރާއަށްދާ ފަރާތްތަކާ، އަދިވެސް އެެހެނިހެން ކަންކަމުގައި ސައުދީއަށްދާ މީހުންގެ ފަރާތުން ވިސާގެ ފިންގަރ ޕްރިންޓް ނެގުމަށް ޤާއިމް ކޮށްފައިވާ ކުންފުންޏެއް ކަމަށް ޑރ.ޒިޔާދު ވަނީ ވިދާޅުވެފައެވެ. އަދި އޯޝަން ބަރަކާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންވެސް ކުލި ބަރާބަރަށް، ޤަވާއިދާ އެއްގޮތަށް ދައްކަމުން އައިކަން ޑރ.ޒިޔާދު ވަނީ ފާހަގަ ކުރައްވާފައެވެ. އިތުރަށް ވާހަކަ ދައްކަވަމުން ޑރ.ޒިޔާދު ވިދާޅުވީ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަކީ ކިޔަވައިދޭން ހުރި ތަނެއް ނޫން ކަމަށްބުނެ، އެތަން އުވާލަން މިހާރު މިނިސްޓްރީގައި ތިއްބެވި ބޭފުޅުން އޮޑިޓް އޮފީހަށް މައުލޫމާތު ދީފައި ވާކަމަށެވެ. އެ ރިޕޯޓްގައި ޒަކާތު ފަންޑުން މުސާރަދޭ ގޮތަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް ވެއްދި މުވައްޒަފުންނަށް، ސިވިލް ސާވިސް މުވައްޒަފުންނަށް ވުރެ ބޮޑު މުސާރައެއް ދީފައިވާކަން ފާހަގަކޮށްފައި ވާތީ އެކަމަށް ރައްދު ދެއްވާ ޑރ.ޒިޔާދު ވިދާޅުވީ މުސާރަ ބޮޑުކޮށް ދީފައި ވާނީ، ރާއްޖޭން ބޭރުން ކިޔަވައިދޭން އަންނަ މީހުންގެ އިޖޫރަ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކޮށްފައި ވަނީ ފާއިތުވި އަހަރު އެކަނި ނޫން ކަމަށާ، އެއީ ކުރިންވެސް ކަންތައް ކުރަމުން އަންނަ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ޑރ.ޒިޔާދު ވިދާޅުވީ ސިވިލް ސަރވިސްގެ ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުން ދާކަމަށާ، ކޮންމެ ކަމެއްގެ ފުރިހަމަ އަދި ސައްހަ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ