އެމްސީ ހަމީދަށް ފުލުހުންގެ ވަޒީފާ ދޭން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު، އެމްސީ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. އެގޮތަށް ކަނޑައެޅީ އޭނާގެ ފަރާތުން ހުށަހެޅި މައްސަލާގައި އެ ކޯޓުން މިއަދު އިއްވި ހުކުމްގަ އެވެ.
އެމްސީ ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އިދާރީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ވަކިކުރިއިރު، އޭނާ ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ވެސް ބެހެއްޓި އެވެ. އޭނާއަށް ތުހުމަތުކުރީ ސިއްރު މައުލޫމާތުތަކެއް ލީކުކުރުމެވެ.
ވަޒީފާއިން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހަމީދުގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން ނިންމީ ހަމީދަށް އަލުން ވަޒީފާ ދިނުމަށެވެ. ނަމަވެސް އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކުރި އެވެ. ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓަށް ހަމީދުގެ ފަރާތުން ހުށަހެޅި އެވެ. ނަމަވެސް އޭރު ސުޕްރީމް ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.
ރިޔާސީ އިންތިހާބަށްފަހު ސުޕްރީމް ކޯޓުން ގިނަ މައްސަލަތަކެއް ރިވިއު ކުރަމުންދާއިރު ހަމީދު ވެސް ވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއު ކުރަން ހުށަހަޅާފަ އެވެ. އެ މައްސަލާގައި ބޭއްވީ ދެ އަޑުއެހުމެކެވެ.
މައްސަލާގައި ދައުލަތުން ވަނީ ހަމީދު، ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް އެއްބަސްވެފަ އެވެ. ފުލުހުންގެ ފަރާތުން ވަކާލާތު ކުރައްވާ، ބަންޑާރަ ނައިބު އޮފީހުގެ ވަކީލް ހައްވާ ސަނާ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވީ، ގާނޫނުތަކުން ކޮންމެ މީހަކަށް ވެސް ރައްކާތެރިކަން ލިބެންޖެހޭ ކަމަށާއި އެމީހަކު ބޭނުންވާ ވަޒީފާއެއްގެ އުޅުމުގެ އިހްތިޔާރަކީ ވެސް ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ކަމަށެވެ.
ސަނާ ފާހަގަ ކުރެއްވި ގޮތުގައި، ހަމީދު ވަޒީފާއިން ވަކިކޮށްފައިވަނީ އެ ހައްގުތައް ގެއްލޭ ގޮތަށެވެ. އެގޮތުން ފުލުހުންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ފުލުހުންގެ ވަޒީފާ އަދާކުރުމުގެ ގަވައިދާއި އިދާރީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގަވައިދުގައިވާ އިޖުރާއަތްތަކާ އެއްގޮތަށް ހަމީދު ވަޒީފާއިން ވަކިކުރުމުގައި އަމަލުކޮށްފައިނުވާ ކަމަށް ސަނާ ވިދާޅުވި އެވެ. (ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ