ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ކަން ވީނިއުސް އަށް އެނގިއްޖެ އެެވެ.
ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ވެރިކަން ކުރާ ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް މިމައްސަލައިގެ އެއްވެސް ތަފްސީލެއް މީޑިއާއާ ހިއްސާކުރުމަށް ޕީޕީއެމްގެ ގާނޫނީ ޓީމުން ވަނީ ދެކޮޅު ހަދާފަ އެވެ.
އެކަމަކު މިއަދު މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބޭއްވުމަށްފަހު މައްސަލައަށް ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ފުރުސަތު ދީފައިވާތީ އެކޮމިޝަންގެ ބައެއް މެންބަރުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތީ ރިޔާސީ އިންތިހާބު ބާތިލްކުރުމުގެ މައްސަލައެއް ކަން ޔަގީންކޮށްދެއްވާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ރިޔާސީ އިންތިހާބާ ގުޅޭ މައްސަަލައަށް ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ކުރިން ޖަވާބުދާރީވުމަށްވެސް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ރިޔާސީ އިންތިހާބުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި މިވަނީ އެމަނިކުފާނަށް އިންތިހާބުގައި ލިބިވަޑައިގެންފައިވާ ބޮޑު ނާކާމިޔާބީއާއި ގުޅިގެން ބަލިގަބޫލުފުޅު ކުރެއްވުމަށްފަހު އޭގެ ދުވަސްތަކެއް ފަހުން އިންތިހާބުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ސަޕޯޓަރުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރަން މަގުމައްޗަށް ނިކުތުމަށް ގޮވާލެއްވުމަށްފަހު އެވެ.
ރައީސް ޔާމީންގެ މި ގޮވާލެއްވުމާ ގުޅިގެން ކޮންމެ ރެއަކުވެސް މަދު ބަޔަކު ގެންދަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޕީޕީއެމްގެ އޮފީސް ކުރިމަތީގައި މުޒަހާރަކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.60 ޕަސެންޓެވެ. އަދި ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.40 ޕަސެންޓެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިހާބު ބާތިލްކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ