ބާރަ މެމްބަރުންނަށް ޓިކެޓް ދިނުމުގެ ވައުދުގެ މަތީ ދެމި ހުންނާނަން: ރައީސް މައުމޫނު

ޕީޕީއެމްއިން ވަކިވެވަޑައިގެން އިިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ޕްރައިމަރީއަކާއިނުލާ ޓިކެޓް ދިނުމަށް ވެވަޑައިގެންނެވި ވައުދުގެ މަތީގައި ދެމިހުންނަވާނެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ. 
ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުމަކަށް ގެނައުމަށާއި އިސްލާހީ މަސައްކަތްކޮށް ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް 12 މެމްބަރުން ކުރެއްވި މަސައްކަތުގެ އަގު ވަޒަންކޮށް، ޕްރައިމަރީއަކާނުލާ 12 މެމްބަރުންނަށް މަޖިލިސް ޓްކެޓް ދިނުމަށް ކުރިން ވެވަޑައިގެންނެވި ވައުދުގެ މަތީގައި އެމަނިކުފާނު ދެމިހުންނަވާނެ ކަމުގައެވެ.
އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންފިނަމަ އެ މެމްބަރަކަށް މަޖިލީހުގެ ގޮނޑި ހޯއްދަވާ ދެއްވާނެކަމަށް ކޯލިޝަންގެ ޖަލްސާއެއްގައި ވައުދުގެ ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
ނަމަވެސް ކޯލިޝަންގެ ބައެއް ލީޑަރުން އެކަމާއި އެއްބަސްވެވަޑައިނުގަންވާކަންވަނީ ހާމަވެފައެވެ.
12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ފަހުންވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އަދި ބައެއް މެމްބަރުން އެމްޑީޕީއާއި ގުޅިވަޑައިގެން އެޕާޓީގެ މަޖިލިސް ޕްރައިމަރީގައި މިހާރު ގެންދަވަނީ ވާދަ ކުރައްވަމުންނެވެ.
އިދިކޮޅާއި ގުޅުނު 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުވެސް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި ނަމަވެސް މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް، ޕާޓީ އުފެއްދުމަށް މި ހަފްތާގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން އެޖަލްސާގައިވަނީ ވާހަކަވެސް ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ