އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)ގެ މައްސަލައަކީ ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަކަމަށާއި، އެފައިސާ 155 މީހެއްގެ އެކައުންޓަށް ވަންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)ގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއައްވިޒް ވިދާޅުވީ ފާއިތުވި ދެ އަހަރު ތެރޭގައި އެ ކޮމިޝަނަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އެއް މައްސަލައަކީ އެމް.އެމް.ޕީ.އާރު.ސީގެ މައްސަލަކަމަށާއި، އެ މައްސަލަ ތަހުގީގު ކުރުމަށް ވަރަށް ގިނަ ވަގުތުތަކެއް ހޭދަވެފައިވާކަމަށެވެ. ޓުއަރިޒަމް މިނިސްޓްރީ, އެމް.އެމް.ޕީ.އާރު.ސީ އަދި އަމިއްލަ ފަރާތްތަކެއްގެ މައްޗަށް މި މައްސަލަ ތުހުމަތު ކުރެވިފައިވާކަން ފާހަގަކުރައްވާ މުއައްވިޒް ވިދާޅުވީ ފަޅު ރަށްތަކާއި ފަޅުތަކާއި ގުޅޭ 57 ތަނެއް 49 އެގްރީމެންޓުގެ ދަށުން ކުއްޔަށް ދެވުނުކަމަށާއި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިކަންތައް ކުރިޔަށް ގެންދިޔަކަމަށެވެ. މީގެއިތުރުން މުއައްވިޒު ވިދާޅުވީ މިކަންތައް ކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީގެ ގަވާއިދާއި އެމް.އެމް.ޕީ.އާރު.ސީގެ މެންޑޭޓުން ބޭރުން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ.
ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން މުއައްވިޒު ވިދާޅުވީ ދައުލަތަށް ލިބެން ޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރިކަން ފާހަގަކުރެވުނު ކަމަށާއި އަދި އެފައިސާ އަމިއްލަ 155 ފަރާތެއްގެ އެކައުންޓަށް ޖަމާވިކަން ތަހުގީގަށް ފާހަގަ ކުރެވުނު ކަމަށެވެ. މީގެ އިތުރުން ނަގުދު ފައިސާއިންވެސް ކުންފުނީގެ އެކައުންޓުން ނަގަފައިވާކަމަށް މުއައްވިޒް ވިދާޅުވިއެވެ. ގިނަ ރަށްތަކަކީ އެގްރީމެންޓެއް ހަދައި އެކުއިޒިޝަން ފީއެއް ދެއްކުމަށްފަހު އެއްބަސްވުން ހެދިފައިވާ ރަށްތަކެއް ކަމަށާއި 3 ރަށަކާއި 2 ފަޅެއް އެއްވެސް ފީ އަކައި ނުލައި އެގްރީމެންޓު ހަދާފައިވާ ކަމަށްވެސް މުއައްވިޒް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގެ ތަހުގީގަށް 5681 ޑޮކިއުމެންޓު ކޮމިޝަނުން ދިރާސާ ކޮށްފައިވެއެވެ. މީގެއިތުރުން 163 ފަރާތެއްގެ އެކައުންޓު ބަލައި 28،448 އެކައުންޓް ސްޓޭޓްމެންޓު ދިރާސާކޮށް މުހިންމު ހެކިތައް 73 އިދާރާއަކުން ހޯދައި ދައުލަތުގެ 6 އިދާރާއެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޓީމެއް މަސަތްކަތް ކުރިކަމަށް މުއައްވިޒް ވަނީ ވިދާޅުވެފައެވެ. 27 އޮކްޓޯބަރ 2015 ގައި މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު 57 ތަނެއްގެ ތަހުގީގު ފުރިހަމަކޮށް ޕްރެސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފައިވަނީ 10 އޮގަސްޓް 2017 ގައެވެ. މި މައްސަލަ ދިރާސާ ކުރުމަށް 118 ފަރާތެއްގެ 564 ބަޔާން ނެގުމުގައި ކޮމިޝަނުގެ އިންވެސްޓިގޭޓަރުން 700 ގަޑިއިރު ހޭދަކުރިކަން ފާހަގަކޮށްލެވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ