އެމްއެމްސީގެ ރައީސް ކަމުން މުއާޒު ވަކިކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ކަމަށް އަބްދުﷲ މުއާޒު އިންތިހާބުކުރި ޖަލްސާ ބާތިލްކޮށް އޭނާ މަގާމުން ދުރުކުރި މައްސަލައިގައި ކޯޓަށް ވެއްދި މައްސަލަ މިއަދު ކޯޓުން ބޭރުކޮށްލައިފި އެވެ.
ސިވިލް ކޯޓަށް މިމައްސަލަ ހުށަހެޅުއްވީ މުއާޒު އެވެ. މިއަދު ހެނދުނު 11:45 ގައި މިމައްސަލައިގައި އަޑުއެހުމެއް ތާވަލްކުރި ނަމަވެސް ޝަރީއަތަށް މުއާޒު ވަޑައިނުގަތުމުން ގާޒީ ވަނީ އެމައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ހުކުމްކޮށްފަ އެވެ. މައްސަަލަ ބެއްލެވީ ގާޒީ އަަބްދުﷲ އަލީ އެވެ.
މުއާޒު މިއަދު އަޑުއެހުމަށް ވަޑައިނުގެންނެވި ނަމަވެސް ކޯޓަށް ހާޒިރުވާން ފޮނުވި ޗިޓާއި އޭނާ ހަވާލުވެވަޑައިގެންފައިވާ ކަމަށް ކޯޓުން ބުނެ އެެވެ.
މުއާޒު މީޑިއާ ކައުންސިލްގެ ރައީސް ކަަމަށް އިންތިހާބުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެ ޖަލްސާ ބާތިލުކުރަން ކައުންސިލުން ނިންމީ އެ މަހުގެ 19 ވަނަ ދުވަހު އެވެ. އިންތިހާބުގައި މުއާޒާ ވާދަކުރީ ކައުންސިލް މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (ފިއެސް މޯޑު)އާ އެވެ.
ކައުންސިލުން ބުނީ އެ ޖަލްސާ ބާތިލްުކުރީ ރަށުގައި ނެތް ކައުންސިލް މެންބަރެއްގެ ނަން އެދުވަހުގެ ޖަލްސާގައި ރައީސް ކަމަށް ހުށަހެޅުނުއިރު އޭނާއަށް ކެމްޕޭން ކުރަން ފުރުސަތު ލިބިފައި ނުވާތީއާއި ތަނާޒުލްވުމުގެ ފުރުސަތު ވެސް ނެތުން ފަދަ ބައެއް ހައްގުތައް އޭނާ އަށް ގެއްލުމުން ކަމަށެވެ. އަދި އެ ކައުންސިލްގެ ޖަލްސާއެއް ބޭއްވުމަށް ދޭން ޖެހޭ 72 ގަޑިއިރުގެ ނޯޓިސް ނުދީ އެދުވަހުގެ ޖަލްސާ ބޭއްވުމަކީ ވެސް އެ ޖަލްސާ ބާތިލް ކަމަށް ނިންމި ސަބަބެއް ކަމަށް ކައުންސިލުން ކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ