އެޑިންބާގް (ސްޕްޓެންބަރު 19، 2014) - އިނގިރޭސި ވިލާތުން ވަކިވެ މިނިވަންކަން އިއުލާނު ކުރުމާމެދު ސްކޮޓްލޭންޑްގައި ފެންނަ ގޮތެއް ބެލުމެއް އިއްޔެ ނެގި ވޯޓުގައި، މިނިވަންވުމާ ދެކޮޅަށް ރައްޔިތުން ވޯޓު ދީފި އެވެ.
މިހާތަނަށް 32 ކައުންސިލް ސަރަހައްދުގެ ތެރެއިން 31 ސަރަހައްދެއްގެ ނަތީޖާ ސާފުކޮށްފައި ވާއިރު 1914187 މީހަކު ވަނީ މިނިވަންވާން ބޭނުން ނުވާ ކަމަށް ވޯޓު ދީފަ އެވެ. މިނިވަންކަން ބޭނުންވާ ކަމަށް ވޯޓު ދީފައި ވަނީ 1539920 މީހެކެވެ.
މިނިވަންކަމަށް ތާއީދުކުރައްވާ ކެމްޕޭނުކުރެއްވި ސްކޮޓްލެންޑުގެ ފަސްޓް މިނިސްޓަރު އެލެކްސް ސޭމަންޑް ވަނީ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ ޕާޓީތައް އެއްބައިިވަންތަކަމާއެކު މަސައްކަތް ކުރުމަށާއި ސްކޮޓްލެންޑަށް އިތުރު ބާރުތައް ހޯދައިދިނުމުގެ ވައުދު ފުއްދުމަށް ގޮވާލައްވައިފަ އެވެ.
"ވޯޓުުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އެނގޭ ކަމަކީ މި ވޯޓާ ގުޅިގެން ސްކޮޓްލެންޑުގައި އެއްވެސް ވަރަކަށް ސަމާލުކަމެއް ލިބިފައި ނެތް މުޖުތަމައުތަކަށް ވެސް ސަމާލުކަން ލިބުނުކަން. އެހެންވެ މި ވޯޓަށް ފަހު، ކުރިން އޮތް ގޮތަށް އެކަންކަމެއް ނޯންނާނެ. ސިޔާސީ މައިދާން ވަރަށް ބޮޑަށް ބަދަލުވެގެން ދާނެ،" ސޭމަންޑް ވިދާޅުވި އެވެ.
އިނގިރޭސިވިލާތް އެކުލެވިގެންވަނީ ސްކޮޓްލަންޑް، ވޭލްސް، ނޯދަން އަޔަލަންޑް އަދި އިންގްލެންޑްގެ މައްޗަށެވެ. 1707 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތް އެއްކޮށް އިގިރޭސި ރަސްގެފާނުންނާއި ރާނީ އިން ވެރިކަންކުރަމުން ދިޔަ އިރު، މިހާރުގެ އެމެރިކާއަކީ އޭރު އިނގިރޭސިވިލާތުގެ ބައެކެވެ. އެކަން ނިމިގެން ދިޔައީ 1776 ވަނަ އަހަރު އެމެރިކާއިން ވަކި ވެރިކަމެއް އެކުލަވާލުމާއި ގުޅިގެންނެވެ.
އެއަށްފަހު، އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅުން ބަދަހިވެ، ދުނިޔޭގެ ބޮޑު ދެ ހަނގުރާމަ އާއި ފިނި ހަނގުރާމައިގެ އިތުރުން އަފްޣާނިސްތާނަށް ވެރިވެގަތުމާއި އިރާގުގައި ހިންގި ދެ ހަނގުރާމާއިގައި ދެ ގައުމުގެ ބައިވެރިވުން ފެނިގެން ދިޔަ އެވެ.
އެމެރިކާ އިން ވަނީ ސްކޮޓްލަންޑް އިގިރޭސިވިލާތުން މިނިވަންވުމަށް ފާސްކޮށްފިނަމަ، ޔޫރަޕް އާއި ނޭޓޯގެ އިތުރުން އދ. ގައި އިނގިރޭސިވިލާތުގެ ދައުރު ހަނި ވާނެ ކަމަށް ބުނެފަ އެވެ. – އޭއެފްޕީ
ސްކޮޓްލޭންޑް ރައްޔިތުން ބުނީ މިނިވަން ކަމަށް ނޫނެކޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ