އަޅުގަނޑަށް ޑީއާރްޕީގެ ބޮޑު ޖަލްސާތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދޭ: އުމަރު

ޑީއާރްޕީން ބާއްވާ ބޮޑު ޖަލްސާތަކާއި އެއްވުންތަކުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދެއްވާ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ އެންމެ ބޮޑަށް "ޚިޔާލުތަފާތުވާ" އުމަރު މިއަދު ވިދާޅުވީ، ޑީއާރްޕީގެ ޖަލްސާތަކުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަށް ކޮންމެ ފަހަރަކު ވެސް އެދޭ ކަމަށާއި ނަމަވެސް، އެ ފުރުސަތު އޮތީ ނުލިބި ކަމަށެވެ. އެގޮތުން އެންމެ ފަހުން ހިނގައިދިޔަ ޑީއާރްޕީގެ އެންމެ ބޮޑު ތިން އިވެންޓުން ވެސް ފުރުސަތު ނުލިބުނު ކަމަށް އުމަރު ވިދާޅުވި އެވެ."ވޭތުވެ ދިޔަ ދުވަސްވަރު ހިނގައިދިޔަ އެންމެ ބޮޑު ތިން އިވެންޓުން ވެސް ފުރުސަތު ނުލިބި އޮތީ އަޅުގަނޑު ފުރުސަތަށް އެދުމުން ވެސް. މިސާލަކަށް ތުލުސްދޫގައި ބޭއްވި އަޅުގަނޑުމެންގެ އަހަރީ އާއްމު ޖަލްސާގައި ވެސް ފުރުސަތެއް ނުލިބުނު. އަދި ނޮވެމްބަރު ދެވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި އިވެންޓުން ވެސް ފުރުސަތު ނުލިބޭ. އަދި ރޭގައި، ނޮވެމްބަރު ނުވަ ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ބައްދަލުވުމުން ވެސް ފުރުސަތު ނުލިބޭ،" ކުރިން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ރައީސްކަން ކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ. މިއީ ހިތާމަ ކުރާކަމެއް ކަމަށާއި ޖަލްސާތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުލިބެންވީ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ."އަޅުގަނޑަށް ފުރުސަތު ނުދޭންވީ އެއްވެސް ސަބަބެއް ނޯންނާނެ. ސަބަބަކީ އަޅުގަނޑަކީ ހަމަ އިލެކްޓެޑް[އިންތިހާބުވެފައިވާ] ޑެޕިއުޓީ ލީޑަރެއް. އަދި އަޅުގަނޑާ ތަސްމީން އަލީއާ ޚިޔާލުތަފާތުވުން އެއީކީ ވެސް މައްސަލައެއް ނޫން. ޑިމޮކްރެސީއެއްގެ ތެރޭގައި ޚިޔާލުތަފާތުވުން އޮންނާނެ،" އުމަރު ވިދާޅުވި އެވެ.އުމަރަށް ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ދީފައިނުވާތީ އޭނާ އަށް ސަޕޯޓުކުރާ ބަޔަކު ވަނީ އެ ސަރަހައްދުގައި ތިބެ އަޑުގަދަކޮށްފަ އެވެ. ނަމަވެސް، އެކަން މާ ބޮޑު ހަމަނުޖެހުމަކަށް ބަދަލެއް ނުވެ އެވެ.ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ، ވަކި ބޭފުޅަކަށް ޓާގެޓްކޮށްގެން ފުރުސަތު ނުދޭން ޕާޓީގެ އެއްވެސް ގުނަވަނަކުން މަސައްކަތްނުކުރާ ކަމަށެވެ. އަދި އެކަން ހަމަޖެހިފައި އޮންނަނީ އެއް ޖަލްސާއެއްގައި ވާހަކަ ދައްކަވާ ބޭފުޅަކު އަނެއް ޖަލްސާގައި ވާހަކަ ނުދައްކަވާ ގޮތަށް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ. އަދި އުމަރު އެހެން ވިދާޅުވި ނަމަވެސް، އޭނާ ވަޑައިގަންނަވާ ކޮންމެ ޖަލްސާ އަކުން ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވާފައިވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އުމަރަށް ފުރުސަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ."އުމަރު ވާހަކަ ދައްކަވާފައި އެބަހުރި ޑީއާރްޕީގެ ގއ. ގެމަނަފުށީގެ ހަފްލާއެއްގައި ވެސް. އެ ޖަލްސާގައި ވެސް، އުމަރު ވަޑައިގެންނެވި ހުރިހާ ޖަލްސާ އެއްގައި ވާހަކަ ދައްކަވާފައި އެބަހުރި. އެހެންވީމަ، އެއްގޮތަކަށް ވެސް ވަކި ބޭފުޅަކަށް ޓާގެޓްކޮށްފައި ވާހަކަ ދައްކަވަން ފުރުސަތު ނުދީ ނޯންނާނެ. އުމަރަކީ ޕާޓީގެ އެއް ނައިބު ލީޑަރު. އެހެންވީމަ ވަކި އުމަރަށް ޚާއްސަވެގެން ގޯސް ގޮތަކަށް ޕާޓީން ކަންތަކެއް ނުކުރާނެ." ސޯލިހު ވިދާޅުވި އެވެ. ނަމަވެސް، އުމަރު ތުހުމަތުކުރައްވަނީ ޖަލްސާތަކުގައި ރިޕީޓްކޮށް ވަރަށް އާދައިގެ ބޭފުޅުންނަށް ފުރުސަތުދޭ ކަމަށެވެ. އަދި އޭނާ އަށް ފުރުސަތު ދޭގޮތް މަދުވީ އޭނާއާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ކައުންސިލުން ނިންމި ފަހުން ކަމަށެވެ.އުމަރާމެދު ފިޔަވަޅު އެޅުމަށް ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވުމަށް މިދިޔަ ސެޕްޓެމްބަރު 22ގައި ޕާޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ނަމަވެސް، އަދި އެކޮމިޓީން އުމަރާ މެދު ވަކި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ