ލެޓިން އެމެރިކާގެ ޤައުމެއްކަމަށްވާ ވެނެޒުއެލާގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ވެނެޒުއެލާގެ ހަތްދިހަ އިންސައްތަ ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާއިރު ވެރިރަށް ކަރާކަސްގެ ބޮޑު ބަޔަކުން ވެސް ވަނީ ކަރަންޓް ކެނޑިފައެވެ. މިކަމާ ގުޅޭގޮތުން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވީ އެޤައުމުގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑާލައިފައިވަނީ އެޤައުމުގެ އިދިކޮޅު ފަރާތްތަކުންކަމަށެވެ. ނަމަވެސް ރައީސް މަޑޫރޯގެ ތުހުމަތުތަކަށް އެއްވެސް ހެއްކެއް އޭނާއަށް ދެއްކެވިފައެއްނުވެއެވެ.
ވެނެޒުއޭލާގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުމާއެކު އެޤައުމުގެ މަގުމަތީގައި ހަރުކޮށްފައިވާ ބައްތިތައް ވެސް ނިވިފައިވާއިރު އެޤައުމުގެ މަގުތަކުގައި ދުއްވާ އެއްޗެހި ތޮށްޖެހިފައިވާކަމަށް ބައިނަލްއަޣުވާމީ ނޫސްތަކުން ވަނީ ބުނެފައެވެ. އަދި އެޤައުމުގެ އޮފީސްތަކާ ވިޔާފާރީގެ މަރުކަޒުތައް ބަންދުކޮށް މުވައްޒަފުން ގެޔަށް ވެސް ފޮނުވާލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ތެލުގެ މުއްސަންދިކަން ލިބިފައިވާ ވެނެޒުއެލާގައި ކަރަންޓް ކެނޑުންވެފައިވަނީ އާއްމުކަމަކަށެވެ. ނަމަވެސް އެޤައުމުގައި އެއްފަހަރާ ގިނަ ސަރަހައްދުތަކުން މިގޮތަށް ކަރަންޓް ކެނޑިފައެއްނުވެއެވެ.
ވެނެޒުއެލާގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ