ވިލިނގިލި ދާއިރާގެ އިންތިހާބު ބާތިލްކުރަން އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހަދައިފި

ވިލިގިލި ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ހައިކޯޓުން ނިންމާލައިފި އެވެ.
މިއަދު ހެނދުނު 9:30 ގައި އޮތް އަޑުއެހުމުގައި އެމްޑީޕީގެ ފަރާތުން ދައުވާ ހުށަހެޅުއްވީ ޒުވާން ގާނޫނީ ވަކީލް މަހުފޫޒު ސައީދު އެވެ.
ދައުވާ ހުށަހަޅުއްވަމުން މަހުފޫޒު ވިދާޅުވީ ވިލިނގިލި ދާއިރާގެ އިންތިހާބު ބާތިލްކުރަން ހުށަހެޅީ އެދާއިރާގެ އިންތިހާބު ކާމިޔާބުކޮށްފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް ސައުދު ހުސައިނަށް ވޯޓުލުމަށް ގއ. އަތޮޅުގައި ސަރުކާރުގެ މަސް ކުންފުނި ހުންނަ ކޫއްޑޫގެ މުވައްޒަފުންނަށް ވޯޓްލާން އަންގާ ބިރު ދައްކާ އިންޒާރުދީ ހެދުމާއި ގުޅިގެން ކަމަށެވެ. މީގެ އިތުރުން 300 ވޯޓް ކަރުދާހުގައި ފާހަގައިގެ އިތުރުން ނިޝާންތަކެއް ޖަހާފައި ހުރުމަކީ ވޯޓުގެ ސިއްރުކަން ގެއްލިގެން ދިޔަ ކަމެއްކަމަށާއި އަދި އެގޮތަށް ހުރި ވޯޓް ކަރުދާސް ތަކުން ވޯޓް ލިބިފައިވަނީ ވަކި ކެންޑިޑޭޓަކަށް ކަން އިނގެން އޮތުމުން ވޯޓުގެ ސިއްރުކަން ގެއްލިފައިވާތީއާއި ވޯޓްލާން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކޫއްޑޫގެ މުވައްޒަފުންނަށް ގަވައިދަށް ހިލާފަށް ޕްރޮޕޯޝަން ދިނުމަކީ ވެސް ސައުދަށް ވޯޓް ހޯދުމަށް ކޮށްފައިވާ ކަމެއްކަމަށްވުމުން އިންތިހާބު ބާތިލްކުރަން ހުށަހެޅީ ކަމަށް ވެސް ވިދާޅުވި އެވެ.
މަހްފޫޒު ވަނީ ކޫއްޑޫގެ މުވައްޒަފުންނަށް އިންތިހާބާ ގުޅިގެން ޕްރޮމޯޝަން ނުދިނުމަށް އަންގާ އޭސީސީ އިން ފޮނުވި ލިޔުމެއްގެ ކޮޕީ ދައުވާގެ ހެއްކެއްގެ ގޮތުގައި ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް ހުށަހަޅުއްވަން މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ މަޖިލީހުން ވިދާޅުވީ އޭސީސީގެ ސިޓީ އަކީ ދައުވާ ހުށަހެޅުއްވި އިރު ހުށަހަޅުއްވާފައިވާ ލިޔުމަކަށް ނުވާތީ ޝަރީއަތުގެ ވަކި ހިސާބަކުން އެލިޔުން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.
މަހްފޫޒް ވިދާޅުވީ އިންތިހާބުގައި ސައުދަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިއްޖެނަމަ އޭނާ އަންނާނީ ކޫއްޑޫގެ ޖެނަރަލް މެނޭޖަރުގެ މަގާމަށް ކަމަށާއި އެހެންކަމުން ވޯޓްލުމުގެ ކުރިން ވިސްނުމަށް މުވައްޒަފުންނަށް އިންޒާރު ދީފައިވާ ކަމަށެވެ. އަދި ސައުދަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެއްޖަނަމަ ކޫއްޑޫ އިން ޕްރޮމޯޝަން ދިން 300 ވަރަކަށް މުވައްޒަފުން ޑިމޯޓްކުރާނެ ކަމަށް ވެސް ސައުދުގެ ފަރާތުން އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ދައުވާ ސާބިތުކުރުމަށް މަހުފޫޒު ވަނީ 10 ހެކިވެރިއެއްގެ ނަން މިއަދުގެ އަޑުއެހުމަށް ހުށަހަޅާފަ އެވެ. ހެކިންގެ ތެރޭގައި ވިލިނގިލި ދާއިރާގެ ރައްޔިތުން މާލޭގައި ވޯޓްލުމަށް ބަހައްޓާފައި ހުރި ވޯޓް ފޮށި ކައިރީގައި ހަރަކާތްތެރިވި ވޯޓް ފޮށީގެ ވެރިޔާގެ ނަންވެސް ހުށަހަޅާފައިވެ އެވެ. އަދި ވިލިނގިލި ދާއިރާގަައި ބެހެއްޓުނު ވޯޓް ފޮށި ތަކުގެ ކައިރީގައި ހަރަކާތްތެރިވި އަށް މަންދޫބަކާއި، ވޯޓު ކަރުދާސްތަކުގައި ފާހަގަ ޖެހުމަށް އަންގާފައިވާނެ ކަމަށް ސައުދު ބުނި ކަމަށް ބުނާ މީހެއްގެ ނަން ވެސް ހެކިންގެ ގޮތުގައި ހުށަހެޅި އެވެ. މަހްފޫޒު އިތުރަށް ވިދާޅުވީ ކޫއްޑޫގެ ބައެއް މުވައްޒަފުން މިމައްސަލައިގައި ހެކި ބަސް ދިނުމަށް ޖެހިލުން ވަނީ ވަޒީފާ ގެއްލިގެން ހިނގައިދާނެތީ އެވެ.
މަހްފޫޒުގެ ވާހަކަތަކަށް ޖަވާބުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލް އަދި ކުރިގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވީ ހުށަހެޅި ދައުވާގައި ބަޔަކަށް އިންޒާރު ދިން ކަމަށް ބުނާއިރު އެކަމާއި ގުޅޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ވޯޓް ކަރުދާސް ތަކުގައި ނިޝާނެއް ހުރުމަކީ ވޯޓް ކަރުދާސް ބާތިލްވާނެ ސަބަބެއް ނޫން ކަމަށް ގަވައިދުގައި ބުނާ ކަމަށެވެ.
ސުއޫދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން މަހްފޫޒް ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ގަވައިދުގައި އޮވެގެން ނުވާނެ ކަމަށާއި، އަދި ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަކީ ކޮމިޝަންގެ ޒިންމާއެއް ކަމަށް މިދިޔަ މާޗުގެ މަހުގެ ތެރޭގައި ހައިކޯޓުން ކުރި ހުކުމެއްގައި ބުނެފައިވާ ކަމަށެެވެ. އަދި ގަވައިދެއްގައި ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ކަމެއް އޮތް ނަމަ އިލެކްޝަންސް ކޮމިޝަނުން އެކަމެއް އިސްލާހުކުރަންޖެހޭނެ ކަމަށް ވެސް މަހްފޫޒު ވިދާޅުވި އެވެ.
މަހްފޫޒު ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވަމުން ސުއޫދު ވިދާޅުވީ އެމްޑީޕީން ބުނާ ހައިކޯޓުގެ ހުކުމް އައިސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާންކުރި ފަހުން ކަމަށެވެ. އެހެންކަމުން އިންތިހާބު އިއުލާންކޮށް އިންތިހާބު ނުނިމެނީސް ގަވައިދަށް އިސްލާހެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުުރުން ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މިމައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރު ހެއްކަކު ހާޒިރުކުރަން ނުޖެހިއްޖެނަމަ ދެން އޮންނަ އަޑުއެހުމެއްގައި މިމައްސަލައިގައި ހުކުމްކުރާނެ ކަމަށެވެ.
އިންތިހާބީ މައްސަލަތަށް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ. އަދި އިންތިހާބުގެ މައްސަލަތަކާއި މެދު ކޯޓުން ގޮތެއް ނިންމުމަށް ގާނޫނުން ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަހެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ