ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އަލްހާން ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ފޭދޫ ދާއިރާއަށް ކުރިމަތިލައްވާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލްކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދެއްވުން އެދިވަޑައިގެން ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.
އަލްހާންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރުމަށާއި، އެމްޑީޕީން މަޖިލިސް އިންތިހާބަށް ފޭދޫ ދާއިރާގެ ޓިކެޓް ދީފައިވާ ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލް ކުރުމަށެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އަލްހާންގެ ކޮއްކޮ އަދި ގާނޫނު ވަކީލް ނޫރުބާން ފަހްމީ ވިދާޅުވީ ސިވިލް ކޯޓުގައި މާދަމާ މެންދުރުފަހު 3:00 ޖަހާއިރު ބާއްވާ އަޑުއެހުމަކީ ނިހާދުގެ ކެންޑިޑެސީ ބާތިލްކޮށްދިނުމުގެ އަމުރަކަށް އެދިފައިވާތީ އެކަމަށް ބާއްވާ އަޑުއެހުމެއް ކަަމަށް ބެލެވޭ ކަމަށެވެ.
"ދެން އަޅުގަނޑު މިހެން ދެންނެވިއަސް ސީދާސީދާ ނޭގެ ކޮން ކަމެއްކަމެއް ކޯޓުން ނިންމާނީ. ބޮޑަށް ބެލެވެނީ ވަގުތީ އަމުރަކަށް އެދިފައިވާތީ އެކަމަށް ގޮތެއް ނިންމަން ބާއްވާ އަޑުއެހުމެއްހެން،" ނޫރުބާން ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް މަޖިލިސް އިންތިހާބުގެ ޓިކެޓް ހޯދާފައިވަނީ މުހައްމަދު ނިހާދު އެވެ. ފޭދޫ ދާއިރާގެ ޕްރައިމަރީގައި ނިހާދަށް 316 ވޯޓް ލިބިވަޑައިގެންފައިވާއިރު، އަލްހާނަށް ލިބިވަޑައިގެންފައިވަނީ 154 ވޯޓެވެ.
ޕްރައިމަރީގެ މައްސަލަތައް އެމްޑީޕީގެ ކަމާއި ގުޅުންހުރި ކޮމިޓީ ތަކަށް އަލްހާން ހުށަހެޅުއްވުމުން ޕްރައިމަރީ ބާތިލްކުރަންޖެހިދާނެ ކަމަށް ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އެމްޑީޕީން ބުނެފައިވެ އެވެ. ނަމަވެސް ފަހުން ޕްރައިމަރީ ބާތިލްނުކުރަން ނިންމާފައިވަނީ ނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް ހިނގާފައި ނުވާތީ ކަމަށް ވެސް އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ބުނެފައިވެ އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގެ ކަންކަމުގައި ހަރަކާތްތެރިވި އެމްޑީޕީގެ އޮފިޝަލުން ތައްޔާރުކުރި ރިޕޯޓުގައި ވަނީ ފޭދޫ ދާއިރާގެ ނަތީޖާއާ މެދު ސުވާލު އުފެދޭ އެތައް ކަމެއް ޕްރައިމަރީގައި ހިނގާފައިވާ ކަމަށް ބުނެފަ އެވެ.
ގަޔަށް ވަޅި ހެރުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އަވަށްޓެރި ލަންކާއަށް ވަޑައިގެންނެވި އަލްހާން ފަރުވާއަށްފަހު މިރޭ 9:30 ގައި މާލެ ވަޑައިގަތުމަށް ހަަމަޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.
ނިހާދުގެ ކެންޑިޑެސީ ބާތިލްކޮށްދިނުމަށް އަލްހާން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު އޭނާ ގެންދަވަނީ ފޭދޫ ދާއިރާގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ