ރިހިބިލިޓޭޝަން ސެންޓަރުތައް ފުރިފައިވާތީ ޑްރަގް ކޯޓުން ކަންބޮޑުވުން ފާޅުކޮށްފި

މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދޭ ރިހިބިލިޓޭޝަން ސެންޓަރުތައް ފުރިފައިވާތީ އެކަމާ ޑްރަގް ކޯޓުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކޯޓުގެ ދެވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑްރަގް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދޭ އެއް ސެންޓަރު މިދިޔަ އަހަރުގެ އޭޕްރީލް މަހު ފުުރިފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީން އެ ކޯޓަށް އަންގާފައިވާ ކަމަށެވެ. އަދި އޭގެ އަހަރެއް ފަހުން މި މަހުގެ ފުރަތަމަ ދުވަހު ހިންމަފުށީގައި ހުންނަ އެންމެ ބޮޑު ކޮމިއުނިޓީ ސާވިސް ސެންޓަރު ފުރިފައިވާތީ ޑްރަގް ކޯޓުން ރިހިބިލިޓޭޝަންގެ ފަރުވާއަށް އަމުރުކުރާ މީހުން ވަންނާނެ ތަނަކާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަގުތު ރާއްޖޭގެ ޖަލުތަކުގައި ތިބި ރިހިބިލިޓޭޝަންގެ އަމުރުކޮށްފައިވާ މީހުން ވެސް، މި ފަދަ ފުރުސަތަކަށް ދަނީ އިންތިޒާރު ކުރަމުން. އެކަމަކު މިގޮތަށް ކަންތައްތައް ހުރެއްޖެ ނަމަ ޑްރަގް ކޯޓުގެ ނަތީޖާއެއް ނުފެންނާނެ،" މަހާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑްރަގް ކޯޓަކީ މީހުން ޖަލަށް ފޮނުވުމުގެ ބަދަލުގައި އިސްލާހުކޮށްގެން އެ މީހުން އަނބުރާ މުޖުތަމައަށް ގެންނަ ކޯޓެއް ކަމަށާއި އެކަމަކު މުޖުތަމައުގައި މިކަމަށް ހުރި ދޮރުތައް ބަންދުވާ ވަރަކަށް ޑްރަގް ކޯޓުގެ ފުރުސަތުތައް ދާނީ ހަނިވަމުން ކަމަށެވެ. އެހެންވެ މިކަމަށް އެދެވޭ ހައްލެއް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކޮށްދިނުމަށް މަހާޒް އެދިވަޑައިގެންނެވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅުވައިގެން މީހުން ކުރާ އެންމެ ބޮޑު އެއް ޝަކުވާއަކީ މައްސަލަ ނިންމާ މުއްދަތު ލަސްވުން ކަމަށެވެ. އަދި ޑްރަގް ކޯޓަށް ވެސް އެ މައްސަލަ ދިމާވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މަހާޒް ވިދާޅުވީ ކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމުމުގެ ސްޕީޑް އަވަސް ކުރުމަށް އެހެން އިދާރާތަކުން ފޯރުކޮށްދޭން ޖެހޭ އެހީތަކެއް ވެސް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައިވަނީ ހާދިސާ ހިނގި ތާރީހުން ފެށިގެން ދައުވާ ކުރުމަށް ހޭދަވާ މުއްދަތު ކުރުކޮށްދިނުމެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ކޯޓަށް ހުށަހަޅާފައިވާ 1616 މައްސަލައިގެ ތެރެއިން ހާދިސާ ހިނގި ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅާފައިވަނީ 19 މައްސަލައެއް ކަމަށެވެ. އަދި މި އަދަދުތައް ގިނަކޮށްގެން ނޫނީ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް މަހާޒް ވިދާޅުވި އެވެ.
ޑްރަގް ކޯޓުން ބުނިގޮތުގައި މިދިޔަ އަހަރު އެ ކޯޓަށް ހާހެއްހާ މައްސަލަ ހުށަހެޅުނު އިރު އޭގެ ތެރޭން 450 އަށްވުރެ ގިނަ މައްސަލައަކީ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ނިންމުމަށް ފަހު އިންޑިކޭޓް އެސެސްމެންޓް ހެދުމަށް ހުށަހަޅާފައިވާ މައްސަލަތަކެވެ. އަދި އޭގެ ތެރެއިން 924 މައްސަލަ މިހާތަނަށް ނިންމާފައިވާ ކަމަށް އެތަނުން ބުންޏެވެ.
ޑްރަގް ކޯޓުން ބުނީ މިދިޔަ އަހަރާއެކު މި އަހަރުގެ މިހާތަނަށް 93 މީހަކަށް ޑްރަގްކޯޓުން ފަރުވާ ދިނުމަށްފަހު މުޖުތަމައަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން މައްސަލައެއްގައި އަލުން ބަންދުކޮށްފައިވަނީ އަށް މީހަކު ކަމަށް ވެސް ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ