"ޤައުމުގެ ދުލުން" ލަވަ މުބާރާތުގެ ދެވަނަ އެޕިސޯޑު ހުކުރުދުވަހު ހަވީރު

މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރާއި ވީޓީވީ ގުޅިގެން ގެނެސްދޭ ގައުމީ ލަވަ ހުށަހެޅުމުގެ މުބާރާތް "ޤައުމުގެ ދުލުން" ގެ ދެވަނަ އެޕިސޯޑު ހުކުރު ދުވަހު ހަވީރު ވީޓީވީން ދުރަށް ދައްކާނެއެވެ.
މުބާރާތުގެ ދެވަނަ އެޕިސޯޑު ވީޓީވީން ދުރަށް ދައްކާނީ ހުކުރު ދުވަހުގެ ހަވީރު 4:00 ގައެވެ.
"ޤައުމުގެ ދުލުން" ގައުމީ ލަވަ ހުށަހެޅުމުގެ މުބާރާތުގެ ފުރަތަމަ އެޕިސޯޑު ދައްކާފައިވަނީ މި ޑިސެމްބަރު މަހުގެ 11 ވީ ހުކުރު ދުވަހުގެ ހަވީރުއެވެ.
ގައުމީ ލަވަ ކިއުމުގެ މި މުބާރާތަކީ މިއަހަރުގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަަމަންޓާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ އެހީތެރިކަމާއެކު ވީޓީވީއާއި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ (އެމްއެމްއޭސީ) އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.
މިމުބާރާތް މުޅިއެކު ހަތަރު އެޕިސޯޑަކަށް ބަހާލާފައިވާއިރު، މުބަރާތުގައި 48 ބައިވެރިން ބައިވެރިވެ ލަވަކިޔަން ވަނީ ހަމަޖެހިފައެވެ.
މިއީ، ގައުމީ އިހްސާސްތަކާއި ޝުއޫރުތަކުން ފުރިފައިވާ ހިތްގައިމު ލަވަތައް ހިމެނޭ މުބާރާތެކެވެ.
6 އުމުރު ފުރާއަކަށް ބަހާލައިގެން ބާއްވާ މިމުބާރާތުގައި ހިމެނެނީ 8 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 18 އަހަރުން ދަށާއި 18 އަހަރާއި އަދި 35 އަހަރުންމަތީގެ އުމުރުފުރާއެވެ.
މިމުބާރާތުގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ، އަބްދުއް ސަމީޢު އަދި މަޖީދު އިސްމާއީލްއެވެ.
މިމުބާރާތުގެ ކޯ ސްޕޯންސަރުންނަކީ، ވިލާ ކޮލެޖާއި އުރީދޫ މޯލްޑިވްސްއެވެ. މުބާރާތުގެ ސަބް ސްޕޮންސަރަކީ ކެބް އެމްވީއެވެ.
މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ޗެއާމަން އަލީ އަބްދުލްކަރީމް ވިދާޅުވެފައިވަނީ "ޤައުމުގެ ދުލުން" މިނަމުގައި ލަވަ މުބަރާތެއް ގެނެސްދިނުމުގެ މައިގަނޑު މަގްސަދަކީ ނެތެމުންދާ ގައުމީ ރޫހު ހިމެނޭ ލަވަތަކެއް މެދުވެރިކޮށް ގައުމީ ޖޯޝާއި ރޫހް އިތުރަށް އާލާކޮށް ދިރުވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ