ބަޖެޓް ކަމުނުދާ ކަމަށް ބުނަނީ ވެރިކަން ވައްޓާނުލެވިގެން އުޅޭ މީހުން: ގާސިމް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ވަރަށް ރަނގަޅު ކަމަަށާ ބަޖެޓް ކަމުނުގޮސްގެން އުޅެނީ މި ވެރިކަން ވައްޓާނުލެވިގެން އުޅޭ މީހުންނަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2021 ގެ ބަޖެޓާ ގުޅޭގޮތުން ހިއްސާ ކުރެއްވި މެސެޖެއްގައެވެ. ގާސިމް ވިދާޅުވީ 2021 ގެ ބަޖެޓް ވަރަށް ރަނގަޅު ކަމަަށެވެ. އަދި މިވަގުތު ކުރަންވީ ކަމަކީ އެތެރޭގެ ދަރަނި ތަކުގެ ތެރެއިން މަރުކަޒީ ބެންކުން ނަގާފައި ހުރި ދަރަނިތައް ރައިޓް އޮފް ކުރުން ކަމަށެވެ.
ގާސިމް ވިދާޅުވީ ކޮންމެ އަހަރަކުވެސް ބަޖެޓް ފާސްކުރަނީ ދަރަނި ހިމަނައިގެން ކަމަށާ ފާސްކުރާ ބަޖެޓްގައި ޖަހާ އަދަދަށް އެއްވެސް އަހަރަކު ފައިސާ ނުލިބޭ ކަމަށެވެ. އަދި ބަޖެޓް ފާސްކުރަން ދެކޮޅު ހެދުމުން ގެއްލުންވާނީ ރައްޔިތުންނަށެވެ. އަދި މަޖިލީހުން ބޭނުންވަނީ ރައްޔިތުން ބަނޑަށް ޖައްސަންތޯ ގާސިމް ވަނީ ސުވާލު ކުރައްވާފައެވެ.
ގާސިމް ވަނީ ބޭރުން ނަގާފައިވާ ދަރަނި ދެއްކުމަށް އިތުރު މުއްދަތު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުން އެހީތެރިވެ ދެއްވުމަށްވެސް އެދިވަޑައިގެންފައެވެ. އެ އެހީތެރިކަން ނުދީފިނަމަ ލިބޭ ގެއްލުން ތަހަންމަލު ކުރަން ޖެހޭނީ ދިވެހި ރައްޔިތުންނަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"ވީމާ ވަކި ގައުމަކާ ޖެހި ނުގަނެ ހުރިހާ ބަޔަކާއެކީ ވަރުގަދަ ގުޅުން ބާއްވައިގެން ވަކި ބައެއްގެ އަތް ދަށުނުވެ ކުރިއަށްދާންވީ، ކާބަފައިން ދެއްކި މަގުން ހިނގަން ފަށަންވީ. ހަމަ މިހާރު ލަސްނުކޮށް ކުރިއަށް ދާންވީ މި ދެންނެވި މަގުން. މި ދެންނެވި ގޮތަށް ބަލާއިރު އަދިވެސް މި ބަޖެޓް ކުޑައީ،" ކުރިން ފިނޭންސް މިނިސްޓަރުކަންވެސް ކުރެއްވި ގާސިމް ވިދާޅުވިއެވެ.
2021 ގެ ބަޖެޓަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މަޖިލީސް މެންބަރުންވެސް ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދުވެސް ވަނީ މިހާރު ހުށައަޅާފައިވާ ބަޖެޓަށް ރިޔާސަތުގައި ނީންނަވާނަމަ ވޯޓް ނުދެއްވާނެ ކަމަށް ވިދާޅުވެ ބަޖެޓަށް ވޯޓް ނުދެއްވުމަށް ހިތްވަރު ދެއްވާ ވާހަކަ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ