ވާނާއަށް ވިންގަށްވެސް ކުޅެވޭނެ، ވަގުތު ދީ: ލެމްޕާޑް

ޖަރުމަނުގެ ފޯވަޑް ޓީމޯ ވާނާއަށް ސެންޓާ ފޯވާޑްގެ އިތުރުން ވާތް ފަޅިން އަރިމަތިންވެސް ކުރިއަށް ކުޅެވޭނެ ކަމަށާއި ބޭނުންވަނީ ވަގުތު ކަމަށް ކޯޗު ފްރޭންކް ލެމްޕާޑް ބުނެފިއެވެ.
މިދިޔަ ސީޒަނުގައި ޖަރުމަނުގެ އާރްބީ ލެއިޕްޒިގަށް ރަނގަޅު ފޯމެއްގައި ކުޅުނު ވާނާ، ޗެލްސީއަށް ގެންދިޔައީ 47.5 މިލިއަން ޕައުންޑަށެވެ. މިދިޔަ ސީޒަނުގައި ވާނާ ރަނގަޅު ފޯމެއްގައި ގޯލް ޖެހި ނަމަވެސް ޗެލްސީއަށް ގޮސް އޭނާ ކުޅުނު 25 މެޗުން ޖެހިފައިވަނީ އެންމެ ނުވަ ގޯލެވެ. މުހިއްމު ބައެއް ފުރުސަތުތައް ބޭކާރުކޮށްލި ތަން ވާނާގެ ފަރާތުން ފެނިފައިވާ އިރު، ޗެލްސީގެ ކޯޗު ލެމްޕާޑު ގިނަ މެޗުތަކުގައި ވާނާ ކުޅުވާފައިވަނީ ވާތް ފަޅިން އަރިމައްޗަށެވެ.
ޗެލްސީއަށް މިސީޒަނަށް ގެންދިޔައި ހަކިމް ޒިޔެޗާއި އަނެއް ފަޅިން ކުޅޭ އެމެރިކާގެ ވިންގާ ކްރިސްޓިއަން ޕުލިސިޗަށް އަނިޔާގެ މައްސަލަތައް ދިމާވާ އިރު، އެ ދެކުޅުންތެރިންގެ ބަދަލުގައިވެސް ލެމްޕާޑް ވިންގަށް ކުޅުވަން އާންމުކޮށް ބޭނުންކުރަނީ ވާނާއެވެ. ވިންގަށް ކުޅެން ޖެހުމުން ވާނާގެ ގޯލް ޖެހުމުގެ ފޯމް ވަރަށް ބޮޑަށް ދަށް ވެފައިވާ އިރު، އޭނާ އެންމެފަހުން ޗެލްސީ ކުޅުނު މެޗުގައި ގޯލް ޖެހީ 12 މެޗުގައި ގޯލެއް ނުޖެހި ދިއުމަށްފަހުއެވެ.
"ސީދާ ސެންޓާ ފޯވަޑަކީ ވާނާ އެންމެ ކުޅެން ބޭނުންވާ މަގާމު. ވާނާގެ މަސައްކަތް ފެނޭ ކޮންމެ މަގާމަކަށް ކުޅުނަސް. ފޯވަޑަކަށް އެއީ އާންމުވެސް ކަމެއް. ޓީމުގެ ކުޅުންތެރިންނާއެކު ގުޅެން ވަގުތު ނަގާނެ. ޕްރެޝަރުވެސް ވާނެ ފުރަތަމަ ކޮޅު. މިދިޔަ ދެ ހަފްތާވެސް ތަފާތު ފެންނާނެ. ވާނާއަށް ވާތް ފަޅިން ކުރިއަށްވެސް ކުޅެވޭނެ. އެކަމަށް ބޭނުންވަނީ ވަގުތު ކޮޅެއް. ވާނާގެ ކުޅުން ވަރަށް ރަނގަޅު،" ލެމްޕާޑު ބުންޏެވެ.
ވާނާ އަރިމައްޗަށް ކުޅުވާތީ ލެމްޕާޑަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. މިދިޔަ މަހުގެ ކުރީކޮޅުގައި ޗެލްސީ، އިނގިރޭސި ތާވަލުގެ ގަދަ ތިނެއްގައި ހިފަހައްޓާލި ނަމަވެސް، މިހާރު ވަނީ ނުވަ ވަނައަށް ވެއްޓިފައެވެ. ދަށް ފޯމެއްގައި އޮތް ޗެލްސީން އެންމެފަހުން އެފްއޭ ކަޕްގައި ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބު ކުރި ނަމަވެސް، އަސްލު ޓެސްޓަކަށް ވާނީ އަނެއްކާވެސް ދެން އޮތް ލީގު މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ