ކަރަންޓު ބިލު ދައްކަން ދަތިވާ މީހުންނަށް ސަބްސިޑީ ދިނުމުގެ ކަންކަން ހަމަޖައްސެއްމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރޭޑިއޯ ހިތާބުގައި ރައީސް ވިދާޅުވީ ކަރަންޓު އަގުބޮޑުކުރުމުން ދަތިތަކާ ކުރިމަތިލާން ޖެހޭ މީހުންނަށް އެހީތެރިވާން ނިންމާފައިވަނީ ސަބްސިޑީ ދީގެން ކަމަށާއި ސަރުކާރުން ބޭނުންވަނީ "ރައްޔިތުންނަށް މީގެން އެހާބޮޑު ތަކުލީފެއް ނުޖެހޭނެ ގޮތަކަށް މި ކަރަންޓު ބިލުގެ ކަންތައް ހަމަޖެހިގެން ދިޔުން" ކަމަށެވެ.
ކަރަންޓުގެ އަގު ކުރިން ހުރި ވަރަށް ތިރިކުރުމަށް ގޮވާލައި ރޭ މުޒާހަރާކޮށްފައި ވަނިކޮށް ރައީސް ނަޝީދު ދެއްވި ހިތާބުގައި ވިދާޅުވިގޮތުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ކަރަންޓު ސަބްސިޑީ ދިނުމުގެ ކަންކަން އަދި އޮތީ ރަނގަޅަށް ހަމަނުޖެހި އެވެ. އަދި އެ މަނިކުފާނު އިއްޔެ އުފެއްދެވި ޓާސްކް ފޯހުން އެ ކަންކަން ބަލަމުން އަންނަ ކަމަށާއި މާލޭގެ އިތުރުން އަތޮޅުތެރެއަށް ވެސް ސަބްސިޑީ ދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"...ބިލް ދެއްކުމުގައި ދަތިވާ ފަރާތްތަކަށް ސަބްސިޑީގެ ގޮތުގައި އެހީތެރިވުމަށް މިއޮތީ ކަނޑައެޅިފައި. އަދި އެކަމަށް ބޭނުންވާ ފައިސާވެސްވާނީ ބަޖެޓު ކުރެވިފައި. މި މަސައްކަތް އަޅުގަނޑުމެން އެދޭގޮތަށް ފުރިހަމައަށް ހަމަޖެހިގެން އަދިވެސް މިއޮތީ ނުގޮސް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އަނެއްކާވެސް ސަރުކާރުން އެބަ ބަލަން މިހާރު މިހުރި ކަންތައްތަކުގެ މައްޗަށް އަރައި، އަދި ރައްޔިތުންނަށް މީގެން އެހާބޮޑު ތަކްލީފެއް އުފުލަން ނުޖެހޭނެގޮތަކަށް މި ކަރަންޓުގެ ބިލުގެ ކަންތައް ހަމަޖެހިގެން ދިޔުން. މީގެތެރޭގައި އަޅުގަނޑު ހަމަ ފާހަގަކުރަން ޚާއްޞަކޮށް، މިދެންނެވި ސަބްސިޑީ ދިނުން ހަމަޖެހިފައި އޮތީކީއެއް ހަމައެކަނި މާލެއަކަށެއް ނޫން. ރާއްޖޭގެ ހުރިހާ ރަށަކަށްވެސް. އެހެންވީމާ، ކަރަންޓު ބިލް ބޮޑުވާ ވަގުތު އެ ސަބްސިޑީގެ ކަންތައް ހަމަޖެހިފައި އޮތުމަކީ، އަޅުގަނޑު ދެކެން މުހިންމު ކަމެއްކަމަށް."
ރައީސް ވިދާޅުވީ "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް އެހާބޮޑު ދައްޗެއް މިކަމުގައި ކުރިމަތި ނުވާކަހަލަ ގޮތަކަށް ކަންކަން ހަމަޖެހިގެންދާނެ" ކަމަށެވެ.
އަދި ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏަކީވެސް އޭގެޒާތުގައި އަމިއްލައަށް ހިނގޭ ކުންފުންޏަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި ކުންފުނިތަކުން މަސައްކަތް ކުރަމުން ގެންދަނީ އެ ކުންފުންޏަކަށް ލިބޭއެއްޗަކުން ފޫބެއްދޭނެ ގޮތަކަށް އަގުތަކެއް ކަނޑައަޅައި އެއަގުތަކުގެ މައްޗަށް ބިނާކޮށްގެން ކުންފުނިތައް ހިންގުމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެކަނިވެރި މައިންނަށާއި ޔަތީމު ކުދިންނަށް ސަރުކާރުން އެހީ ދޭން ފަށާފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށާއި ޔަތީމު ކުދިންނަށާއި އެކަނިވެރި މައިންނަށް މިހާރަށްވުރެ ތަނަވަސް ގޮތެއް ކުރިއަށްއޮތް ތަނުގައި ފަހިވެގެންދާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ބިން ދަތި ރަށްތަކުގެ ތެރެއިން ޅ. ހިންނަވަރާއި ބ. ތުޅާދު އާއި ނ. ވެލިދޫ އަދި ހއ. ދިއްދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި ހަތަރު ރަށް ހިއްކުމުގެ މަސައްކަތް ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓްގައި އަލަށް ހިމެނި "އައިލްސް" އާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ހިންގާ ހުރިހާ މަޝްރޫއުއެއްގެ މައުލޫމާތު "އައިލްސް" އިން ލިބެން ހުންނާނެ އެވެ.
"ރަށެއްގެ ފަޅެއް ކޮނުނަސް، ބަނދަރެއް، މަދަރުސާއެއް ހެދިޔަސް، އަދި ހޮސްޕިޓަލެއް އެޅިޔަސް އެ މައުލޫމާތާއި އަދި ހުރިހާ ޕްރޮޖެކްޓަކާ ގުޅޭ އެންމެހާ މައުލޫމާތު އައިލްސްގައި ހިމެނިފައިވާނެ،" ރައީސް ވިދާޅުވި އެވެ.
ކަރަންޓު އަގުބޮޑުވުމުގެ ދަތިތައް ސަބްސިޑީ ދީގެން ހައްލުކުރަން މިދަނީ މަސައްކަތް ކުރަމުން: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ