ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު މުނިސިޕަލްޓީގެ ޑިރެކްޓަރަކަށް ހުންނަވައި ހިޔާނާތްވި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފައިވޭތޯ ސާފުކުރުމަށް ޖިނާއީ ކޯޓުގެ ގާޒީ ދައުލަތުގެ ވަކީލަށް ބުރާސްފަތި ދުވަހު އަންގަވައިފި އެވެ.
ގާޒީ އަބްދުﷲ ދީދީ އެގޮތަށް އެންގެވީ އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އޭސީސީން ނޫން ކަމަށް ބުނެ ދިފާއީ ވަކީލު އަލީ ހުސެއިން ސުވާލު އުފެއްދުމާ އެކު އެކަމާ ބެހޭ ލިޔުމެއް ޝަރީއަތަށް ހުށަހަޅާފައި ނެތުމުން ކަމަށް ވިދާޅުވުމަށް ފަހު އެވެ.
އަލީ ހުސެއިން ވިދާޅުވީ ހަމީދުގެ މައްސަލަ އޭސީސީން ބެލުމަށް ނިންމާފައި ނުވާ ކަމަށާއި އެ މައްސަލަ ބެލުމަށް ނިންމާފައި ވަނީ އޭސީސީގެ ކޮމެޓީއަކުން ކަމަށެވެ. އަދި އޭސީސީގެ ހުރިހާ ނިންމުމެއް ނިންމަންވާނީ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށް ބުނެފައިވާއިރު ކޮމެޓީއަކުން އެ މައްސަލަ ބެލުމަށް ނިންމުމަކީ ގާނޫނުގައިވާ ގޮތަށް މައްސަލަ ބަލަން ނިންމުން ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލު ހުސެން ވިދާޅުވީ އެ މައްސަލަ ޝަރީއަތަށް ހުށަހަޅައިދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ހަމައެކަނި އެންމެ މެންބަރެއް ސޮއިކުރައްވާފައިވާ ސިޓީއަކުން ކަމަށެވެ. އަދި އެއީ ވެސް ކޮމިޝަނުގެ ނިންމުމަކަށް ނުވާނެ ކަމަށާއި އެ ވާނީ ސޮއިކުރައްވާފައިވާ މެންބަރު އަމިއްލަ ހައިސިއްޔަތުން ކުރެއްވި ކަމެއް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ ވަކީލު މަހްމޫދް ސަލީމް ވިދާޅުވީ އާންމު ގޮތެއްގައި އޭސީސީން އެ އޮފީހަށް މައްސަލަ ހުށަހަޅާއިރު ސޮއިކުރައްވަނީ ކޮމިޝަނުގެ ރައީސް ނުވަތަ އިސް ފަރާތެއް ކަމަށެވެ. ކޮމިޝަނުގެ ލެޓާހެޑުގައި ރަސްމީ ތައްގަނޑު ޖަހާފައި ޕީޖީ އޮފީހަށް މައްސަލައެއް ހުށަހެޅުމުން އެ އޮފީހުން ދެކެނީ އެއީ ކޮމިޝަނުގެ ނިންމުމެއްގެ ގޮތުގައި ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި މިހާތަނަށް އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅުމުން އެ މައްސަލަތައް ބަލައި ހުކުމް ވެސް ކުރައްވާފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
އެހެން ނަމަވެސް ސަލީމް ވިދާޅުވީ އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް އޭސީސީން ނިންމާފައިވޭތޯ ސާފުކުރެއްވުމަށް ގާޒީ އެދިވަޑައިގެންފައިވާތީ ދެން އޮންނަ އަޑުއެހުމަކަށް އެކަން ސާފުކުރައްވާނެ ކަމަށެވެ.
އަމިއްލަ މެންބަރެއްގެ ގޮތުގައި ހޮވިވަޑައިގަތުމަށް ފަހު އެމްޑީޕީ އަށް ސޮއި ކުރައްވައި އެ ޕާޓީން ވެސް މިހާރު ވަކިވެވަޑައިގެންފައިވާ އަބްދުލްހަމީދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ މުނިސިޕަލްޓީ އަށް ބޭރުން ގަނެގެން ރާއްޖެ ގެނައި "އުފުލި- 5" ގެ މައްސަލާގަ އެވެ. އެ އުޅަނދު ގެނައުމުގައި ހިޔާނާތަށް މަގުފަހިވާ ކަންތައްތަކެއް ކުރައްވާފައިވާކަމުގެ ތުހުމަތު އަބްދުލްހަމީދުގެ ބޮލުގައި އެޅިފައިވެ އެވެ.
އިސްމާއިލް އަބްދުލްހަމީދުގެ މައްސަލަ ޝަރީއަތަށް ފޮނުވަން އޭސީސީން ނިންމާފައިވޭތޯ ސާފުކުރުމަށް ގާޒީ އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ