ގިޓްމޯގެ ގައިދީއަކު ގެންނަ ވާހަކަ ޑރ. ޝަހީދު ދެއްކެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް: އަލީ ވަހީދު

ކިއުބާގެ ގުއަންޓަނާމޯ (ގިޓްމޯ) ބޭގައި ހުންނަ އެމެރިކާގެ އަސްކަރީ ޖަލުން، ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނެތި އެއްވެސް ގައިދީއަކު ރާއްޖެ ނުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނިކޮށް، އެ ޖަލުގައި ހުރި ފަލަސްތީނު ގައިދީއަކު ރާއްޖެ ގެންނަން މަސައްކަތްކުރާ ކަމުގެ ވާހަކަތައް ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ދެއްކެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް، އެކަން އާންމުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެންނެވި އިދިކޮޅު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަހަރަކު އެއް ފަހަރު ބާއްވާ އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިދިޔަ ހޮނިހިރު ދުވަހު، އެމެރިކާގެ ނިއުޔޯކްގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވި ގޮތުގައި ގުއަންޓަނާމޯ ބޭގައި ހުރި ފަލަސްތީނުގެ ހަމައެކަނި ގައިދީ ސުލްހަވެރި، މިނިވަން ދިރިއުޅުމެއް އުޅުމަށްޓަކައި ރާއްޖެ އައުމަށް ދައުވަތު ދޭން ވަނީ ހަމަޖެހިފަ އެވެ.
އަލީ ވަހީދު "ހަވީރަ" ށް ވިދާޅުވީ ގިޓްމޯ ޖަލުން މީހުން ގެންނަ ނަމަ، އެކަން ކުރަންވާނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހުށަހަޅައި އެ ކޮމެޓީން ނިންމާ ގޮތެއް މަޖިލީހުން ފާސްކޮށްގެން ކަމަށް މަޖިލީހުން ގަރާރެއް ފާސްކޮށްފައިވަނިކޮށް އެއާ އިދިކޮޅަށް ސަރުކާރުން ކަންތައްކުރަން އުޅުމުން އެކަމާ ދެކޮޅު ހައްދަވާ ކަމަށެވެ.
"ރާއްޖެ ރިޕްރެޒެންޓް ކުރުމަށް ބޭރަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވިންދާއި ރައްޔިތުންގެ ވިންދާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް. އެ ޖަލުގައި ހުރި ފަލަސްތީނު މީހާ ގެންނަން އުޅޭ އިރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ވެސް އެ ކަން ހުށަހަޅާފައި ނެތް. މަޖިލީހަށް ހުށަނާޅުއްވައި ބޭރަށް ވަޑައިގެން މިފަދަ ވާހަކަފުޅެއް ދެއްކެވުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް،" ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ނާއިބު މުގައްރިރުގެ މަގާމު ވެސް ފުރުއްވާ އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ މައްސަލަ އަކީ "ދީނެއް، ގައުމެއް ނޫން" ކަމަށާއި މައްސަލަ އަކީ ގިޓްމޯ ޖަލު ލޭބަލްވެފައިވާ ގޮތް ކަމަށެވެ.
"މައްސަލަ އަކީ ގިޓްމޯގެ ޓްރޭޑްމާކް. އެއީ ދުނިޔޭގެ އެންމެ ނުރައްކާތެރި ކުށްވެރިން ތިބި ތަން ކަމަށް އެންމެންނަށް އިނގޭ. އެއީ ޓެރަރިސްޓުން ތިބޭ ތަނެއްގެ ގޮތުގައި އެންމެންނަށް އެނގެނީ. އެފަދަ ތަނެއްގައި ހުރި މީހަކު ރާއްޖެ ގެނެސް ގެންގުޅޭއިރު ރާއްޖެ މަޝްހޫރުވެފައި މި އޮތީ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި. ފަތުރުވެރިން މި ކަންކަން ބަލައި ހަދާނެ. އެހެންވީމަ މިފަދަ މީހަކު ގެނައުމުން ޓޫރިޒަމަށް އަސަރު ކުރުމަކީ ވަރަށް ކައިރި ކަމެއް،" އޭނާ ވިދާޅުވި އެވެ. "މިއަދު މި ފެނުނީ ހޯރަފުށީގައި މީހަކު މަރާލާފައި އޮއްވައި. މިފަދަ ކުށުގެ މާހައުލެއް އޮތް ގައުމަކަށް އަނެއްކާ ޓެރަރިސްޓަކު ކަމަށް ބުނާ މީހަކު ގެނެސް ދޫކޮށްލުމުން ދެން ވާނެ ގޮތާ މެދު ވިސްނަން ޖެހޭ."
އަލީ ވަހީދު ވިދާޅުވީ ގިޓްމޯ ޖަލުގައި ހުރި މީހަކު ގެނެސް ރާއްޖެއަށް ދޫކޮށްލުމަށް ވުރެ ފަލަސްތީނުގެ ޔަތީމް، މައުސޫމް ކުޑަކުއްޖަކު ގެނައުން ވެސް މާ ބޭނުންތެރި ކަމަށެވެ.
"ޑރ. ޝަހީދު މި ދައްކަވަނީ މުސްލިމް ނިކަމެތި އަޚަކަށް އެހީވާ ވާހަކަ. އެ ޖަލު ލޭބަލްވެފައިވާ ގޮތުގެ ވާހަކައެއް ނުދައްކަވާ. މުސްލިމް އަޚަކަށް އެހީވާން ބޭނުންނަމަ މައުސޫމް ޔަތީމް ކުޑަ ކުއްޖަކު ރާއްޖެ ގެނެސް އެހީތެރިވާންވީ ނޫންތޯ؟ ޑރ. ޝަހީދުގެ މި ސްޕިން އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިޓްމޯ ޖަލުގައި ހުރި ފަލަސްތީނު މީހާ ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި ނަމަ އެކަމާ އިންކާރުކުރައްވާނެ ކަމަށެވެ. އަދި ޑީއާރުޕީން ވެސް އެކަމަށް ތާއީދުނުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ނިއުޔޯކްގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވެފައިވަނީ ފަލަސްތީނުގެ އަޚުންނަށް ކޮށްދޭ ހެޔޮ ކަމެއްގެ ގޮތުގަ އާއި ފަލަސްތީނު ރައްޔިތުންނާ އެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލިހުން އެ ގައިދީ އަށް މަރުހަބާ ކިޔާނެ ކަމަށް ސަރުކާރުން އުއްމީދުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ