މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ މައި މަރުކަޒާއި ސިފައިންގެ މައި މަރުކަޒާއި މުލީއާގޭ ސަރަހައްދަށް އެއްވި އެއްވުމުގައި ފުލުހުން ބައިވެރިވެފައިވާ ކަމަށް، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިދާރާ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ އެއްވުމުގައި ފުލުހުން ބައިވެރިވެފައިވާކަމަށް، މިދިޔަ ހުކުރު ދުވަހުގެ ރޭ ދި ޓީ.ވީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވި ވާހަކަތަކަކީ ދިވެހި ފުލުހުންގެ އަގު ވައްޓާލުމަށްޓަކައި ދެއްކެވި ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
"ދިވެހި ފުލުހުންނަކީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި އަބަދުވެސް ގައުމަށް ތެދުވެރި އިޚްލާސްތެރި ބަޔަކަށް ވާންޖެހޭ ހިނދު، އެރޭ ހިންގި އެ ހަރަކާތުގައި ފުލުހުން ބައިވެރިވި ކަމަށް އަލީ ވަހީދު ވިދާޅުވެފައި އެވަނީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާ މެދު އިތުބާރު ގެއްލުވާލައި ފުލުހުންގެ އަގު ވައްޓާލުމަށްޓަކައި ވިދާޅުވި ހަގީގަތާ ހިލާފު ވާހަކައެއްކަން މި ސާވިސް އިން ފާހަގަކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެ ރޭ އެއްވި މީހުން ދެ ފަހަރެއްގެ މަތިން ފުލުހުންގެ ސަފުތައް ރޫޅާލައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަށް ފަހު ގަދަކަމުން ފުލުހުންގެ މައި މަރުކަޒު ސަރަހައްދާއި ސިފައިންގެ މައި މަރުކަޒު ސަރަހައްދަށް ވަދެ ސިފައިންގެ މައި ގޭޓްގައި ތަޅާފައިވެ އެވެ. އަދި އެއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ މުލީއާގޭ ސަރަހައްދަށް އެއްވެ ހިންގި ހަމަނުޖެހުންތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުންގެ އެ ބަޔާނަށް ރައްދު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، "ބޮއްސުންލައިގެން ދިޔަ އޮޕަރޭޝަނަކުން ދިފާއުވުމަށްޓަކައި، އިތުރު ގޯސްތައް ނުހައްދަވައި ތިޔަ މުއައްސަސާ ޕްރޮފެޝަނަލް ކުރުމަށް އަވަސްވެގަތުމަށް" ފުލުހުންގެ އިސް ވެރިންނަށް ނަސޭހަތްތެރިވާ ކަމަށެވެ.
އަލީ ވަހީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ފުލުހުންނަކީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި އަބަދުވެސް ގައުމަށް ތެދުވެރި އިހްލާސްތެރި ބަޔަކަށް ވާންޖެހޭ ހިނދު، ބުރާސްފަތި ދުވަހުގެ ރޭގެ އެއްވުމުގައި ފުލުހުން ކަންތައްކުރެއްވި ގޮތް ފުލުހުން ދިފާއުކުރާ ނަމަ އެ ކަމާ ހިތާމަކުރައްވާ ކަމަށެވެ.
"ރައްޔިތުންނަށް މިއަދު ފުލުހުންގެ އިސް ބޭފުޅުން، އެއްވެ އުޅުމުގެ ގާނޫނު މާނަކުރާ ކުރުމުގައި، ހުދުމުހުތާރު ވެރިއެއްގެ ގެކޮޅާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ފުލުހުންގެ ހިމާޔަތަށް އެދޭ މަޖިލިސް މެންބަރުންނަށް ދެއްވާ ހިމާޔަތް މާނަކުރާ ގޮތުން، ކުޑަކޮށް އައިބުކަމެއް ހުންނަ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ އެވެ،" އަލީ ވަހީދުގެ ބަޔާނުގައިވެ އެވެ.
އަލީ ވަހީދު ވިދާޅުވެފައިވަނީ މަޖިލިސް ދޮށުގައި ސަރުކާރު ހިންގާ ފަރާތްތަކުން ހިންގާ ޖަރީމާތައް ކޮންޓްރޯލުކުރުމުގައި ފުލުހުން ދެއަތް ފަހަތަށް ލައި ހައްޔަރުކުރަން އުޅޭ މީހާ، ބައެއް ފަހަރު ދޫކޮށްލަން، ސަރުކާރު ހިންގާ ފަރާތްތަކަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން މަޖުބޫރުކުރުމުން ވެސް އެ ކަންތައް ސީރިއަސް ގޮތެއްގައި ތަހުގީގުކޮށްފައިނުވާ ކަމަށެވެ. އަދި އެ ފަދަ މެމްބަރުންނާ ދެކޮޅަށް، "އަޅުގަނޑާ ދެކޮޅަށް ތިޔަ ނެރުއްވި ފަދަ ހިތްވަރުގަދަ ނޫސް ބަޔާނެއް ވެސް ނެރިލާފައިނުވާ ކަމީ" ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުން ހަލާކުވަމުންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް އަލީ ވަހީދުގެ ނޫސްބަޔާނުގައިވެ އެވެ.
މުލީއާގޭ ދޮށަށް އެއްވުމުގައި ފުލުހުން ބައިވެރިވި ކަމަށް އަލީ ވަހީދު ދައްކަވާ ވާހަކައަކީ ދޮގެއް: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ