ފޯކައިދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލު ނުކުރެވޭނެ ކަމަށް ކޯޓުން ނިންމައިފި

ށ. ފޯކައިދޫ އިންޖީނުގެ އަޕާ ނޯތު ޔުޓިލިޓީސް ކުންފުންޏާ ހަވާލު ނުކުރެވޭނެ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ރޭ ހުކުމްކޮށްފި އެވެ.
ފޯކައިދޫ ޝަރުމީލާ މަންޒިލް މުހައްމަދު ޒަކީ އާއި އަލީ ނާދިރާއި ރަނައުރާމާގޭ ހަސަން ފަރުހާދު ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުމުގެ އިހްތިޔާރާއި ބާރު ގާނޫނު އަސާސީންނާއި ގާނޫނުން ލިބިފައިވަނީ ރަށު ކައުންސިލަށް ކަމަށާއި އަދި ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ ށ. ގައި ބުނެފައިވާ ގޮތަށް ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލަކާނުލާ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް ކައުންސިލުން އިންކާރުކުރާތީވެ، އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް އަންގާ އަމުރުކުރާނެ ތަނެއް އަދި ނެތް ކަމަށެވެ.
އިންޖީނުގޭގޭ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ފޯކައިދޫގައި ނެގި ވޯޓުގައި ބައިވެރިވި 238 މީހުންގެ ތެރެއިން 227 މީހުން، އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް ތާއިދުކޮށްފައި އޮތް ނަމަވެސް، ކައުންސިލުން އެކަން ލަސްކުރަމުން ދިއުމުންނެވެ.
ގާތްގަނޑަކަށް 1،500 މީހުންގެ އާބާދީއެއް އޮންނަ ފޯކައިދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުން ލަސްވާތީ، އެ ރަށުގެ ބަޔަކު 24 ގަޑިއިރަށް ވުރެ ގިނައިރު، ކައުންސިލް އިދާރާ ހިސާރުކޮށްގެން ވެސް ތިއްބެވެ.
ފޯކައިދޫ ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ އިންޖީނުގެ ހަވާލުކުރުން ލަސްވަނީ އިންޖީނުގެ އަށް ލިބެންހުރި ފައިސާ ނުލިބި ހުރުމާއެކު، އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް ކައުންސިލް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައި އޮތުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ