މުރުޝިދުގެ ސިކުނޑީގެ ހާލަތު ދެނެގަތުމަށް ޝަރީއަތް މެދުކަނޑާލައިދިނުމަށް އެދުމުން ޝަރީއަތް ހުއްޓައިނުލާނެ ކަމަށް ގާޒީ ވިދާޅުވެއްޖެ

ހއ. ހޯރަފުށީގައި ރައީސުލްޖުމްހޫރިއްޔާ އަށް ވަޅިއަކުން ހަމަލާދިން އެ ރަށު ކިނާރާ، މުހައްމަދު މުރުޝިދުގެ ސިކުނޑީގެ ހާލަތު ދެނެގަތުމަށްޓަކައި ޝަރީއަތް މެދުކަނޑައިލައިދިނުމަށް އޭނާގެ ވަކީލުން އެދިވަޑައިގަތުމުން، ޝަރީއަތް ހުއްޓައިނުލައްވާނެ ކަމަށް ޖިނާއީ ކޯޓުގެ ގާޒީ އަބްދުލް ބާރީ މިއަދު ވިދާޅުވެއްޖެ އެވެ.
ގާޒީ ވިދާޅުވީ ޝަރީއަތް މެދުކަނޑައިނުލައި ކުރިޔަށް ގެންދަވާނެ ކަމަށާއި މުރުޝިދަކީ ނަފުސާނީ ބަލި މީހެއްކަން ސާބިތުކޮށްދިނުމަށް އޭނާގެ ވަކީލުން ބޭނުންވާ ކަންތައްތައް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަކިީ ވަކީލުންގެ ކަމެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ހއ. ހޯރަފުއްޓަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް މިދިއަ ޖެނުއަރީ އަށެއްގައި ވަޑައިގެން ރައްޔިތުންނާ ސަލާމްކުރައްވަނިކޮށް އެ މަނިކުފާނަށް ވަޅިއަކުން މުރުޝިދު ހަމަލާދިން މައްސަލައިގައި މިއަދު ވެސް ފުރަތަމަ ބޭއްވީ ތޫނު އެއްޗަކުން ހަމަލާދިނުމުގެ ދައުވާ އާއި ހޯރަފުށީ ދިވެލި، މުހައްމަދު ޖައިޝަމަށް ވަޅިން ހަމަލާދީފައިވާތީ ގާނޫނުލް އުގޫބާތުގެ 127 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާ އެވެ. މިއަދު ވެސް މުރުޝިދުގެ އެއްވެސް ވަރަކަށް ޝަރީއަތުގައި ވާހަކަ ދައްކައިފައެއްނުވެ އެވެ. އަދި މުރުޝިދާ ގާޒީ ސުވާލު ކުރައްވައިފައެއް ވެސް ނުވެ އެވެ.
މުރުޝިދުގެ ވަކީލުންގެ ތެރެއިން އަބްދުލް މަތީނު މިއަދު ވިދާޅުވީ ޝަރީއަތުން މުރުޝިދުގެ ސިއްހީ ހާލަތަށް ރިޔާއަތްކޮށްދެއްވުމަށެވެ. އަދި މުރުޝިދުގެ ބައްޕަ އަބުދުލްމުހުސިން ތަހުގީގަށް ދީފައިވާ ބަޔާނުގައި، މުރުޝިދު ވަރަށް ކުޑައިރު، އެހެން ކުއްޖަކު އޭނާ ކޮއްޕާލުމުން ކެޔޮފީންޏެއްގެ ތެރެއަށް ވެއްޓި ޑަބިޔަލެއްގައި ބޯ ޖެހުނު ފަހުން ވަރަށް ރުޅިގަދަ ކަމަށާއި ގަބުރާއި މީހުން ފެންނަ ކަމަށް ބުނާތީ ފަންޑިތަ ހައްދާ ޑޮކްޓަރު ފަރުވާ ވެސް ކޮށްފައިވާ ކަމަށެވެ. ވަކީލު އަދި ވިދާޅުވީ މުރުޝިދާއެކު ދައުވާކޮށްފައިވާ ހޯރަފުށީ އަންދަލީބުގޭ އަހުމަދު ހަފީޒުގެ ބަޔާނުގައި މުރުޝިދުގެ ބައްޕަ ރައީސް މައުމޫނު އަރިހުގައި އުޅުނު ކަމަށާއި އެ ދުވަސްވަރު އޭނާގެ ބައްޕަ މަރާލަން ރައީސް މައުމޫނު ފަންޑިތަ ހަދާ ކަމަށް މުރުޝިދު ބުނާ ކަމަށް އޮންނަ ކަމަށް ވެސް މަތީނު ވިދާޅުވި އެވެ.
"މީގެ އިތުރުން އިފުރީތުން ފެންނާތީ ފަންޑިތަ ވެސް ވަނީ ހަދައިފައި. މިހެންވެ މުރުޝިދުގެ ސިއްހީ ހާލާތާ މެދު ސުވާލު އުފެދޭ. ސަލާމަތް ބުއްދިއެއް ހުރި މީހަކު އެފަދަ ކަމެއް ކުރާނެ ގޮތަކަށެއް ނޫން އެ ކަންކޮށްފައި ވަނީއަކީ. އެހެންވީމާ ހާލަތު ދެނެއެއްނުގަނަވޭނެ ނަފުސާނީ މީހުން ނޫނީ ޑޮކްޓަރުންގެ އެގްޒާމްތަކުން ނޫނީ،" މަތީން ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑު މި އެދެނީ މުރުޝިދުގެ ސިކުނޑީގެ ހާލަތު ދެނެގަތުމަށް ޑޮކްޓަރުންނާއި ނަފުސާނީ މީހުންގެ އެހީގައި ރިޕޯޓެއް ހެދުމުގެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް. އަދި އެ ހިސާބަށް މި ޝަރިއަތް މެދުކަނޑާލައި މިކަން ޔަގީންކޮށްފައި ނޫނީ ޝަރީއަތް ކުރިޔަށް ނުގެންދިއުމަށް."
ގާޒީ ވިދާޅުވީ ޝަރީއަތަށް ބޭނުންވަނީ އެ ހާދިސާ ހިނގި ދުވަހު އޭނާ ހުރި ހާލަތް ކަމަށާއި އެ ހާލަތު ސާބިތުކޮށްދިނުމަކީ ވަކީލުންގެ ކަމެއް ކަމަށެވެ. އަދި އަމިއްލަ ގޮތުން އެފަދަ ރިޕޯޓެއް ހެދުމުގެ ފުރުސަތު އެބައޮތް ކަމަށާއި ބޭނުން ވަނީ ކިހާ ދުވަހެއްތޯ ވެސް އެއްސެވި އެވެ. އެއް މަސް ދުވަސް ބޭނުންވާ ކަމަށް މަތީނު ވިދާޅުވުމުން އެ މުއްދަތު ދެއްވި ކަމަކަށް ގާޒީ ވިދާޅެއްނުވެ އެވެ. ނަމަވެސް ކޯޓުން ކުރަންޖެހޭ ކަންތައް ކުރައްވާނެ ކަމަށާއި ވަކީލުން ކުރައްވަންޖެހޭ ކަންތައް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ މިއަދު ދެން ވިދާޅުވީ މި މައްސަލައިގައި ތަހުގީގުގެ ވީޑިއޯ ގެނެސްދިނުމަށް ތަހުގީގުކުރި ފަރާތުގައި އެދިފައިވާ ކަމަށާއި ވަކީލުންގެ ހާޒިރުގައި އެ ވީޑިއޯތައް ބައްލަވާނެ ކަމަށެވެ.
މިއަދު ދެން އޮތީ މުރުޝިދާއެކު އަހުމަދު ހަފީޒުގެ މައްޗަށް ކުރާ، ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެއްލުން ދޭން އުޅުމުގެ ޝަރީއަތެވެ. މި ޝަރީއަތުގައި ވެސް މުރުޝިދުގެ ފަރާތުން ވަކީލު ދައްކަވައިފައި ވަނީ ކުރީގެ ޝަރީއަތުގައި ވެސް ދެއްކެވި ވާހަކަތަކެވެ. ހަފީޒުގެ ބައިގައި ވަކީލުން ވިދާޅުވީ އޭނާގެ ބަޔާނަކީ މަޖުބޫރުކޮށްގެން، ވަކީލެއްގެ ފުރުސަތު ނުދީ ނަގައިފައިވާ ބަޔާނެއް ކަމަށެވެ. މި މައްސަލައިގައި ގާޒީ ވިދާޅުވީ މި މައްސަލައިގައި އަސްލަށް ވަޑައިގަތުމުގެ ކުރިން ވަކީލުގެ ފުރުސަތު ނުދޭ ކަމަށް ބުނާބުނުމުގެ ކަން ހިނގާފައިވާ ގޮތް ސާފުކުރައްވާނެ ކަމަށާއި އެ ކަމަށްޓަކައި ތަހުގީގު ޓީމު ވެސް ހާޒިރުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ