މަޖިލީހަށް ލިބިފައިވާ ބަދުނާމު ފޮހެލައި ރައްޔިތުންގެ ރުހުން ހޯދަން މަސައްކަތް ކުރުމަށް ގާސިމް އިލްތިމާސްކުރައްވައިފި

ވޭތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންގެ ހާއްސަ މަޖިލީހަށް ލިބިފައިވާ ބަދުނާމު ފޮހެލައި، ރައްޔިތުންގެ ރުހުމާއި ލޯބި އަލުން ހޯދުމަށްޓަކައި އާ ހިތްވަރަކާއެކު މަސައްކަތް ފެށުމަށް ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އިލްތިމާސްކުރައްވައިފި އެވެ.
ގާސިމުގެ ރިޔާސަތުގެ ދަށުން ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފެއްޓެވުމަށް ފަހު ދެއްވި ތަގުރީރުގައި ވިދާޅުވީ "(ގާނޫނު އަސާސީ އިސްލާހުކުރުމުގެ) މަސައްކަތް ނިންމުމަށް ކެނޑިނޭޅި ރައްޔިތުން ކުރައްވަމުން ގެންދަވާ ދިގު އިންތިޒާރުގައި ރައްޔިތުންގެ ކެތްތެރިކަން ވަނީ ކޮޅުންލާފައި" ކަމަށެވެ.
"ގާނޫނު އަސާސީ އިސްލާހުކޮށް ނިންމުން ލަސްވާނަމަ އެކަމުގައި އަޅުގަނޑުމެން ކޮންމެ މެމްބަރެއްގެ ޒިންމާ ވެސް އޮންނާނެކަން ކަށަވަރު. ރައްޔިތުންގެ ފަރާތުން މި މަޖިލީހަށް ލިބިފައިވާ ކޮންމެ ތައުރީފެއް އަޅުގަނޑުމެންނަށް ހިއްސާކުރާ ނަމަ މި މަޖިލިސް ވާ ކޮންމެ ބަދުނާމެއް ވެސް އަޅުގަނޑުމެން އުފުލަން ޖެހޭނެ،" ހާއްސަ މަޖިލީހުގެ އދ. އަތޮޅުގެ މެމްބަރު ކަމުގައި ހުންނެވި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހްކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ ގަބޫލުކުރާ ފަދަ ރަނގަޅު އަވަސް ނަތީޖާއެއް ނެރެދެއްވުމަށް މަޖިލީހުގެ މެމްބަރުންގެ އިހްލާސްތެރި އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިވަޑައިގެންފި ނަމަ ގާނޫނު އަސާސީ އިސްލާހްކުރެއްވުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.
"އަޅުގަނޑުގެ އަޒުމަކަށްވެފައި ވަނީ ތިޔަ އިއްޒަތްތެރި މެމްބަރުންގެ އެހީތެރިކަމާއި މުރާލިފުޅު މަސައްކަތްޕުޅުގެ ސަބަބުން މި މަސައްކަތް ވީ އެންމެ އަވަހަކަށް އެންމެ ރަނގަޅަކަށް ނިންމާލުން. އަންނަ އިންތިހާބަކީ އާ ގާނޫނު އަސާސީގެ ދަށުން ގިނަ ޕާޓީތައް ބައިވެރިވެގެން ބާއްވާ އިންތިހާބަކަށް ހެދުމަށް އަޅުގަނޑުމެން އަޒުމު ކަނޑައަޅަމާތޯ. މިއީ ވަރަށް ބުރަ އުނދަގޫ މަސައްކަތެއްކަން އަޅުގަނޑަށް ވެސް ވަޒަންކުރެވޭ،" ގާސިމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ކަމާއި ޑީއާރުޕީގެ ނާއިބު ޒައީމު ކަމުގައި ވެސް ހުންނެވި ގާސިމް ވިދާޅުވީ މި ވަގުތު އޭނާ ސަރުކާރުގެ ވަޒީފާއެއް އަދާކުރައްވަމުން ގެންދެވިކަމުގައި ވިޔަސް އަދި ޕާޓީއެއްގެ ނާއިބު ޒައީމްކަމުގައި ހުންނެވިޔަސް އޭނާ އަކީ، "ރައްޔިތުންގެ އިހްސާސްތައް ދަންނަ ރައްޔިތުންނާ މެދު އަބަދުވެސް ހިޔާލު ބަހައްޓާ ރައްޔިތުންގެ އެހީތެރިކަމަށް ބޭނުންވާ ރައްޔިތުންގެ މީހެއް،" ކަމަށެވެ.
"މި މަޖިލީހުގައި މެމްބަރެއްގެ ހައިސިއްޔަތުން އަދި (ރައީސްކަމުގެ) މަގާމުގެ ހައިސިއްޔަތުން އަޅުގަނޑުކުރާ ހުރިހާ ކަމެއް ކުރާނީ މާތް ﷲ ގަންދީ އަޅުގަނޑު ކޮށްފައިވާ ހުވައާ އެއްގޮތަށްކަން ތިޔަ އިއްޒަތްތެރި މަޖިލީހުގެ މެމްބަރުންނަށް އަޅުގަނޑު ޔަގީންކޮށް އަރުވަން،" ގާސިމް ވިދާޅުވި އެވެ.
ހާއްސަ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާ ނިމުނީ އެއްވެސް ކަމެއް ފާސްނުކުރެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ