ޑރ. ހަސަން ސައީދުގެ ރަނިންމޭޓަކަށް ޑރ. ޝަހީދު ހޮވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. ހަސަން ސައީދުގެ ރަނިންމޭޓަކަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު ހޮވައިފި އެވެ.
ޑރ. ހަސަންގެ ރަނިންމޭޓް އިއުލާން ކުރެއްވުމަށް ހ. ލަންޗްމީޑުގައި ހުންނަ ކެމްޕޭން އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ އޭނާގެ ރަނިންމޭޓަކަށް ހަމަޖެއްސެވި ޑރ. ޝަހީދަކީ ބުރަކޮށް މަސައްކަތްކުރައްވައި ކަންކަމާ ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ އިސްލާހަށް މަސައްކަތް ކުރައްވާ، ހުރިހާ ގޮތަކުން ވެސް ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ.
މީގެ އިތުރުން ވެސް ޑރ. ހަސަން ވިދާޅުވި ގޮތުގައި އޭނާގެ ރަނިންމޭޓަކީ މުޅި ދުނިޔޭގެ ހާރިޖީ ވުރާޒާތަކުގެ ވަޒީރުންގެ މަގުބޫލުކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
"ބޭރު ދުނިޔެ އާއި ޑރ. ޝަހީދު ވަރުގެ ގާތް ގުޅުމެއް އޮތް އެއްވެސް ބޭފުޅަކު ދިވެހި ރާއްޖޭގެ ފަސްގަނޑުގައި މިއަދު ނެތް. (ޑރ. ޝަހީދަކީ) އިސްލާހަށް މަސައްކަތް ކުރާ ފަސްބައި ސާފު 24 ގަޑިއިރު މަސައްކަތްކުރަން ޖެހިއްޖިއްޔާ އެކަން ވެސް ކުރައްވާނެ ވަރަށް މޮޅު މީހެއް،" ކުރިން ދައުލަތުގެ ބަންޑާރަ ނައިބަކަށް ހުންނެވި ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 2004 ވަނަ އަހަރާއި 2005 ވަނަ އަހަރު ރާއްޖެ އަށް ހާރިޖީ ގޮންޖެހުންތައް ވަރަށް ބޮޑަށް ކުރިމަތިވި އެވެ. އެ ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި ޑރ. ހަސަން ވިދާޅުވި ގޮތުގައި ރައީސް މައުމޫންގެ އެންމެ އިސް މޭސްތިރިއަކަށް އޭރު ހުންނެވީ ވެސް ޑރ. ޝަހީދެވެ. މީގެ އިތުރުން ވެސް ސުނާމީގައި ލިބުނު ގެއްލުން ފޫބެއްދުމަށް ގައުމުތަކުން އެހީ ހޯދުމަށް އެންމެ ބުރަކޮށް އަދި އެންމެ ފުންނާބު އުސްކޮށް މަސައްކަތް ކުރެއްވީ ވެސް ޑރ. ޝަހީދު ކަމަށް އޭނާ ވިދާޅުވި އެވެ.
"މަގާމުން އިސްތިއުފާ ދެއްވިއިރު ސުނާމީގެ ސަބަބުން، ގައުމު އަރާސްތު ކުރުމަށް ބޭނުންވި ހުރިހާ ފައިސާއެއް ވަނީ ހޯއްދަވައިދެއްވާފައި. ތިން ސަތޭކަ އެކާވީސް މިލިއަން ޑޮލަރުގެ ލޯނާއި އެހީ (ސަރުކާރަށް) ހޯއްދަވައިދެއްވި،" ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އެކިއެކި މުއާހަދާތަކުގައި ވެސް ބައިވެރިވީ ޑރ. ޝަހީދުގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ.
"ޑރ. ޝަހީދުގެ ހާރިޖީ ވަޒީރުކަމުގައި ޖަޕާނުގެ ތަފާތު އެކިއެކި ލުއިފަސޭހަ ލޯނުތައް ދިވެހި ރާއްޖެ އަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވީ ވެސް ޑރ. ޝަހީދު. ޔޫރަޕިއަން ބޭންކުން ތަފާތު އެކިއެކި ލޯނު ރާއްޖެ އަށް ލިބޭނެ ގޮތް ހަމަޖެއްސީ ވެސް ޑރ. ޝަހީދު،" ޑރ. ހަސަން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޑރ. ހަސަންގެ ރަނިންމޭޓުކަން ގަބޫލުކުރައްވައި ޑރ. ހަސަނަށް ތާއީދުކުރަން ޖެހޭ ސަބަބުތައް ހާމާކުރައްވަމުން، ޑރ. ޝަހީދު ވިދާޅުވީ ހަސަން ސަރުކާރުގައި އުޅުއްވިއިރު ރާއްޖެ އަކީ އިސްލާމް ދީނެއް ކަމަށް ވަރަށް ބޮޑަށް އާއްމުންނަށް ދައްކުވައިދީފައިވާ ކަމަށެވެ.
"ދިވެހި ރާއްޖެ އަށް އެހެން ދީންތައް ވައްދަން ކުރި މަސައްކަތް ހުއްޓުވާލީ ހަސަން. އެކަން ކުރެއްވި ގޮތަކީ ދިވެހި ރާއްޖެ އިން ބައިވެރިވި އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާގައި ލިޔުއްވީ، މުއާހަދާ ތަންފީޒުކުރެވޭނީ އިސްލާމް ދީނާ އެއްގޮތްވާ ގޮތުގެ މަތިންނޭ،" ޑރ. ޝަހީދު ވިދާޅުވި އެވެ. "ހަސަންގެ ތައުލީމާ މެދު ކުރާނެ ބަހުސެއް އަދި ދައްކާނެ ވާހަކައެއް ނެތް. ގާބިލްކަމާ މެދު ކުރާނެ ބަހުސެއް ނެތް. ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ދިވެހި ރާއްޖެ އަށް ވަނީ އިސްލާހު ގެންނަވާފައި."
ސަރުކާރުން އިސްތިއުފާ ދެއްވައި ވަރަށް ފާޅުކަން ބޮޑުކޮށް ސަރުކާރަށް ގޮންޖެއްސެވުމުން ވެސް ސަރުކާރުން ދެކޮޅަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވި ގޮތުގައި ޑރ. ހަސަނަކީ އާއިލީ ވެރިކަމާއި ދެކޮޅުހައްދަވައި ރައްޔިތުންނަށް އަނިޔާކުރާ މީހުން މަގާމުން ދުރުކުރައްވަން މަސައްކަތްކުރެއްވި ބޭފުޅެކެވެ.
މީގެ އިތުރުން ވެސް ޑރ. ހަސަންގެ މެނިފެސްޓޯ އަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެ މެނިފެސްޓޯގައި ހިމަނައިފައިވާ ކަންތައްތަކަކީ ތަންފީޒު ކުރެވޭނެ ކަންތައްތައް ކަމަށެވެ.
"އެއީ (އެ މެނިފެސްޓޯގައި ވަނީ) ރާއްޖެ އަށް މިހާރު ލިބޭ އާމްދަނީން ކުރެވޭނެ ކަންތައްތައް. އިސްރާފުތައް ހުއްޓާލާ ރައްޔިތުންނަށް މަންފާކުރާނެ ގޮތަކަށް ކޮށްފިއްޔާ ކަންތައް ކުރެވޭނެ. ރާއްޖެ އަށް މި ލިބޭ އަށެއްކަ ބިލިއަން ދާހިލީ ބަޖެޓުން ކަންތައް ކުރެވޭނެ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ރަނިންމޭޓު އިއުލާން ކުރެއްވުމުގެ ކުރިން ދެއްކެވި ވާހަކައިގައި ޑރ. ހަސަން ވިދާޅުވީ އިންތިހާބުގައި ވޯޓު ހޯދުމަށް ކެމްޕޭން ކުރައްވަމުން ގެންދަނީ ވޭތުވެދިޔަ 30 އަހަރު ތެރޭގައި ރާއްޖެ "ސަލާން ޖެހުމުމުގެ ސަގާފަތަކުން ބަދަލުނުކުރެވުނު ބައެއް" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމެއްގެ ހާލަތު ބަދަލު ކުރެވޭނީ އެ ގައުމެއްގައި ގާބިލް ވެރިން ތިބެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ