ޑީއާރުޕީ ޖަލްސާ އަށް އުމަރު ވަންނަން އުޅުމުން ބޮޑު ހަމަނުޖެހުމެއް އުފެދި މާރާމާރީ ހިންގައިފި

54: 23 - އުމަރާއި އިލްހާމާއި މަހުލޫފު ވެސް ގެންދަވަނީ ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމަށް ތައުރީފް ކުރައްވައި ލީޑަރު ތަސްމީން އަލީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ތަސްމީނާއި ޝާހިދު ޖީއެމްއާރާ ބައްދަލު ކުރައްވަން އުޅުއްވި ކަމުގެ ތުހުމަތު ތިން ބޭފުޅުން ވެސް ތަކުރާރު ކުރައްވައިފި އެވެ.
45: 23 - އުމަރާއި މަހުލޫފާއި އިލްހާމް ވެސް ބައިވެރިވެވަޑައިގަންނަވާ ނިއުސް ކޮންފަރެންސްގައި އެ ތިން ބޭފުޅުން ވެސް ގެންދަވަނީ ތަސްމީންގެ އާއިލާގެ ބައެއް ބޭފުޅުން އުމަރަށް މިރޭ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
އިލްހާމް ވިދާޅުވީ އުމަރު ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި އަމިއްލަ މަގާމް އުމަރަށްޓަކައި ދޫކޮށްލަން ޖެހުނަސް އެކަން ވެސް ކުރައްވާނެ ކަމަށެވެ.
42: 23 - މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސެއްގައި އުމަރު ވިދާޅުވީ އޭނާއަކީ އަދިވެސް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމަށާއި މިރޭގެ ޖަލްސާ އަށް އޭނާ ވަޑައިގަތީ އެ ހައިސިއްޔަތުން ކަމަށެވެ.
އުމަރު އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ޑީއާރުޕީގެ ޖަލްސާތަކުގައި ޑެޕިއުޓީ ލީޑަރުންގެ ސަފުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
35: 23 - ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އެ ކަމުގެ އުފަލުގައި މިރޭ ބާއްވަން އުޅުނު ޑީއާރުޕީގެ ޖަލްސާއަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވަދެ ވަޑައިގަންނަވަން އުޅުއްވުމުން އޭނާގެ ސަޕޯޓަރުންނާ ލީޑަރު އަހުމަދު ތަސްމީން އަލީގެ ސަޕޯޓަރުން ބޮޑު ކުރިމަތިލުމަކާ އެކު މާރާމާރީ ހިންގައިފި އެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަމުން ވަކި ކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައިވާ އުމަރު ޖަލްސާއަށް ވަދެވަޑައިގަންނަވަން އުޅުއްވީ މިރޭ 30: 9 ވާން އުޅެނިކޮށެވެ. އޭރު ޖަލްސާ ފަށައި ވާހަކަ ދައްކަވަމުން ގެންދެވީ ކައުންސިލް މެމްބަރު އަދި ކުރީގެ އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރެވެ. ޣިޔާސުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި މި ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ވާހަކަ ދައްކަވަން ހަމަޖެހިފައި އޮތީ އާޒިމާ ކަމަށް ވާއިރު އޭނާ ވާހަކަ ދައްކަވަން ފެއްޓެވިތަނާ ބޭރުން ކުއްލި ގޮތަކަށް އިވުނީ "ބައްލަވާ ތަސްމީން އުމަރު ހިފަހައްޓަނީ،" މިހެން ގޮވަން ފެށިތަނެވެ.
އެއާއެކު ހޯލުގައި ތިބި މީހުންގެ ތެރެއިން ބަޔަކު ބޭރަށް ނުކުމެ އުމަރަށް ހުރަސް އަޅަން ފެށި އެވެ. އޭގެ ކުރިން ޣިޔާސުއްދީން ސްކޫލަށް އުމަރު ވަދެވަޑައިގަތް ވަގުތު ވެސް ބަޔަކު އޭނާ އަށް ހުރަސް އެޅި އެވެ. އެ ގޮތުން އޭނާ ޖަލްސާއަށް ނުވެއްދުމަށާއި ބޭރު ކުރުމަށް ބަޔަކު ގޮވަމުން ގެންދިޔަ އެވެ. އުމަރު ހޯލަށް ވަދެވަޑައިގަތުމަށްޓަކައި ސެކިއުރިޓީންނާއި ސަޕޯޓަރުންގެ އެހީގައި "ގަދަކަމުން" މަސައްކަތް ކުރެއްވުމުން އޭނާއާ އިދިކޮޅު މީހުން ވެސް އުމަރާ ދެކޮޅަށް މަސައްކަތް ކުރި އެވެ. އެ ގޮތުން ދެ ބައި މީހުން ވެސް މާރާމާރީ ހިންގި އެވެ. އަދި ބައެއް މީހުންނަށް ވަނީ ކުދިކުދި އަނިޔާތައް ވެފަ އެވެ.
މި ހަމަނުޖެހުން އުފެދުނު ވަގުތު ތަސްމީންގެ އިތުރުން ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ޖަލްސާގައި އިންނެވި އެވެ. އެހެން ނަމަވެސް އުމަރަށް ހުރަސް އެޅި މީހުންގެ ތެރެއިން ލާފައި ގަދަކަމުން ކަހަލަ ގޮތަކަށް އުމަރު ހޯލަށް ވަދެވަޑައިގަތުމާއެކު ތަސްމީނާއި ޝާހިދު ޖަލްސާ ދޫކުރައްވައި ވަޑައިގަތީ އެވެ.
އުމަރު ހޯލަށް ވަދެވަޑައިގަތުމާއެކު ކަހަލަ ގޮތަކަށް ޖަލްސާގައި ތަސްމީން އިށީނދެ ވަޑައިގެން އިންނެވި ގޮނޑި ކުރިމަތީގައި ބަހައްޓާފައި ހުރި ބިއްލޫރި ކުޑަ މޭޒެއް ވަނީ ބަޔަކު ތަޅާލައިފަ އެވެ. އަދި ގޮނޑިތަކާ އެއްޗެހި އުކާ ހެދި އެވެ.
އުމަރު ހޯލުން ބޭރުކޮށްލުމަށް އޭނާއާ އިދިކޮޅު މީހުން މަސައްކަތް ކުރި އެވެ. އެ ކަމުގެ ތެރޭގައި ވެސް ވަނީ މާރާމާރީ ހިންގައިފަ އެވެ.
އުމަރު ހޯލަށް ވަދެވަޑައިގެންނެވިތާ އިރުގަނޑެއްގެ ތެރޭގައި ފުލުހުން ގޮސް އެ ތަނުން މީހުން ބޭރަށް ނެރެން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އިރުގަނޑެއްގެ ފަހުން ފުލުހުން ވަނީ އެނބުރި ގޮސްފަ އެވެ.
މި ބޮޑު ހަމަނުޖެހުމަށް ފަހު ޖަލްސާ ނިންމާލިކަން އިއުލާން ކުރެއްވީ އާޒިމާ އެވެ. ހޯލުގައި ތިބި މީހުންނާ މުހާތަބުކޮށް އާޒިމާ ވިދާޅުވީ މިއީ ޕާޓީގެ ހަޔާތުގައި "އަނދިރި" އަދި "ހިތާމަވެރި" ރެއެއް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މި މައްސަލަ ހައްލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށާއި ލޯކަލް އިންތިހާބު ޑީއާރުޕީން ކާމިޔާބުކުރާނެ ކަމަށެވެ.
ހޯލު ދޫކޮށް އެންމެން ދިއުމަށް އެދިވަޑައިގަންނަވަމުން އާޒިމާ ވަނީ އެއްބައިވަންތަވުމަށް ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އާޒިމާގެ އެދިވަޑައިގަތުމަކަށް އުމަރު ވެސް އޭނާގެ ސެކިއުރިޓީންނާއި ސަޕޯޓަރުންގެ އެހީއާއެކު ވަޑައިގަތީ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މި ޖަލްސާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ މާރާމާރީ ހިންގިއިރު އުމަރާއި ތަސްމީނާ ދެމެދު ވަނީ ބޮޑު ކޯޅުމެއް ފެށިފަ އެވެ. މިރޭގެ ހަމަނުޖެހުމުގައި ވެސް ޕާޓީގެ ބައެއް އާންމު މެމްބަރުން ވަނީ ތަސްމީނާއި އުމަރުގެ ކޯޅުން މައިތިރި ކުރުމަށް ގޮވާލައިފަ އެވެ.
މި ހަމަނުޖެހުމަށް ފަހު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވީ އުމަރާއި އޭނާގެ ސަޕޯޓަރުން މަސައްކަތް ކުރީ ލީޑަރު ތަސްމީނަށް ހަމަލަ ދިނުމަށެވެ.
"މިއީ ހަމަ ރާވައިގެން ލީޑަރަށް ހަމަލަދޭން ކުރި ކަމެއް. ޕާޓީ ހަލާކު ކޮށްލުމުގެ ނިޔަތުގައި އުމަރުމެން ހިންގި އަމަލެއް މިއީ،" އަލީ ވަހީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް އަނެއް ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ އުމަރުގެ ސަޕޯޓަރުން އުޅުނީ ބަޔަކަށް ހަމަލަދޭން ނޫން ކަމަށެވެ.
"އަޅުގަނޑުމެން އުޅުނީ އުމަރު ސަލާމަތް ނުކުރެވިގެން ބަޔަކު އޭނާގެ ގަޔަށް އަރައިގަންނަން އުޅޭތީ. އުމަރާ ގުޅުނީ އެ ވަގުތު ހޯލުގައި ތިބި ބައެއް. ކުރިން ރާވައިގެން ތަސްމީންގެ ސަޕޯޓަރުންތަކެއް ތިބީ ތައްޔާރަށް. އަޅުގަނޑުމެންނަށް އިނގޭ އެކަން،" އިލްހާމް ވިދާޅުވި އެވެ. "އަޅުގަނޑު ގޮވާލަން ޖީއެމްއާރުގެ މައްސަލާގައި ތަސްމީންގެ މައްޗަށް މި ކުރެވޭ ތުހުމަތާ ގުޅިގެން އަވަހަށް ޕާޓީން އިސްތިއުފާ ދެއްވަން."
ޑީއާރުޕީގެ އަހުމަދު މަހުލޫފު ވެސް މިރޭ ޓީވީ އިންޓަވިއުއެއްގައި ވިދާޅުވީ ޕާޓީން "ތަސްމީން ބޭރު ކުރާނަން" ކަމަށެވެ.
27: 22 - އުމަރު ނަސީރު ޣިޔާސުއްދީނުން ވަޑައިގެންފި އެވެ.
17: 22 - ޖަލްސާ ނިންމާލިކަން ޑީއާރުޕީގެ ކައުންސިލް މެމްބަރު އާޒިމާ ޝަކޫރު ދެންމެ އިއުލާން ކުރައްވައިފި އެވެ.
އޭނާ ވިދާޅުވީ މިއީ ޕާޓީގެ ހަޔާތުގައި "އަނދިރި" އަދި "ހިތާމަވެރި" ރެއެއް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މި މައްސަލައިން ސަލާމަތްވެ ލޯކަލް އިންތިހާބު ޑީއާރުޕީން ކާމިޔާބުކުރާނެ ކަމަށެވެ.
ހޯލު ދޫކޮށް އެންމެން ދިއުމަށް އެދިވަޑައިގަންނަވަމުން އާޒިމާ ވަނީ އެއްބައިވަންތަވުމަށް ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
59: 21 - ފުލުހުން ދިޔުމުން ހަމަނުޖެހުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެއްޖެ އެވެ. ނަމަވެސް އުމަރުގެ ސަޕޯޓަރުންނާއި އޭނާއާ ދެކޮޅު މީހުން އަދިވެސް ހޯލުތެރޭގައި އެބަތިއްބެވެ.
އުމަރު އިންނެވީ ހޯލު ތެރޭގައި ގޮނޑިއެއްގަ އެވެ. ސަޕޯޓަރުން އޭނާގެ ވަށައިގެން އެބަތިއްބެވެ.
ހޯލުން މީހުން ނެރެން ފުލުހުން މަޑުމަޑުން މަސައްކަތް އެބަ ކުރެ އެވެ.
38: 21 - ފުލުހުން ގޮސް ހަމަނުޖެހުން ކޮންޓްރޯލް ކުރަން މަސައްކަތް ފަށައިފި އެވެ.
31: 21 - ޑީއާރުޕީ ޖަލްސާ އަށް އުމަރު ނަސީރު ވަންނަން އުޅުމުން މައްސަލަ ހޫނުވެ ބޮޑު ހަމަނުޖެހުމެއް ފެށިއްޖެ އެވެ.
ޣިޔާސުއްދީން ސްކޫލު ހޯލަށް އުމަރު ވަނަ ނުދޭން ޑީއާރުޕީގެ ބައެއް މީހުން މަސައްކަތްކޮށް ދެ ފަރާތުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި މާރާމާރީ ހިންގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ. އެ ގޮތުން މަޖިލިސް މެމްބަރު އަހުމަދު އަނގަމަތި ފަޅާލާފައިވާ ކަމަށްވެ އެވެ.
ހަމަނުޖެހުން ފެށުނީ ޖަލްސާ ފެށުނުތަނާ އުމަރު އޭނާގެ ސަޕޯޓަރުންނާ އެކު ވަޑައިގަތުމުން ޖަލްސާ ތެރެއިން ބަޔަކު ގޮސް އޭނާއާ ދިމާކޮށްލި ހިސާބުންނެވެ.
އުމަރު ހޯލަށް ވަތް ވަގުތު ލީޑަރު ތަސްމީން އަލީ ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފަ އެވެ.
ޑީއާރުޕީގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އުމަރު ޕާޓީން ވަކިކޮށްފަ އެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ