ޑީއާރުޕީން މިހާރު ވަކިކޮށްފައިވާ އުމަރު ނަސީރު ޑީއާރުޕީގެ ނަމުގައި މިހާރު ކަންތައްތަކެއް ކުރައްވަމުން ގެންދަވަނީ ޕާޓީ އިތުރަށް ބައިބައިކުރުމަށް ކަމަށް ކައުންސިލް މެމްބަރު ރޮޒައިނާ އާދަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީ އޮފީހުގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އުމަރު ޕާޓީގެ ނަމުގައި ކެމްޕޭންކޮށް، ބަޔާންތައް ނެރެ، ވާހަކަ ދެއްކެވުމަކީ ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ ފެކްޝަނުން ވަނީ މިދިޔަ ހަފުތާގައި ނ. މިލަދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވައިފަ އެވެ. އެ ޖަލްސާ އަށް ފަހު އުމަރު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭންކޮށްދެއްވުމަށް އެހެން ރަށްރަށަށް ވެސް ވަޑައިގަންނަވާނެ ކމަށެވެ.
"އެހެން ކަންތައްތައް ކުރައްވަންޏާ ޑީއާރުޕީގެ ބައިބައިވުން އިތުރުވާނެ. ހަގީގަތުގައި ޑީއާރުޕީ އެއްބައިވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ޑީއާރުޕީގެ ލީޑަރު [ތަސްމީނު]ގެ ފަހަތުގައި ޑީއާރުޕީގެ މެމްބަރުން މަސައްކަތްކުރެއްވުން. އޭރުން ޑީއާރުޕީ އެކަތިގަނޑަކަށް އޮންނާނީ. އެކި މީހުންނަކީ ލީޑަރުކަމަށް ބަލައިގެނެއް ޕާޓީއެއް ނުހިންގޭނެ،" ރޮޒައިނާ އަމިއްލަ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އުމަރު ނަސީރު ޑީއާރުޕީގެ ނަމުގައި ކުރައްވަމުން ގެންދަވާ ކަންތައްތަކަށް ފާޑުވިދާޅުވެ، ރޮޒައިނާ ވިދާޅުވީ އުމަރު ޕާޓީއެއްގެ ލީޑަރުކަން ބޭނުންފުޅުވާ ނަމަ، އަމިއްލަ އަށް ޕާޓީއެއް އުފައްދަވައި، ތާއީދުކުރައްވާ ބަޔަކާ އެކު ހުންނެވުން މުހިންމު ކަމަށެވެ.
"އުމަރު ނަސީރު ވެސް ތަނެއްގެ ލީޑަރުކަން ބޭނުންފުޅުވެގެން އުޅުއްވާ ކަމަށް ވަންޏާ ރަނގަޅުވާނީ ހަމަ އަމިއްލަ ޕާޓީއެއް ހެދުން،" ރޮޒައިނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ކައުންސިލް އިންތިހާބު ބޯމަތިވެފައިވާތީ މިވަގުތު އެއްވެސް ކަމަކަށް ކޮމެންޓް ކުރައްވަން ބޭނުން ނުވާ ކަމަށެވެ.
ޑީއާރުޕީން ވަކިކުރުމުން އުމަރު ވަނީ އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އުމަރު ވިދާޅުވެފައި ވަނީ މުޒާހަރާއެއް ބާއްވަން ރާވައިގެން ޕާޓީން ވަކިނުކުރެވޭނެ ކަމަށާއި އެއީ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެންވެ އެ މައްސަލަ ވަރަށް އަވަހަށް މަދަނީ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ޑީއާރުޕީގެ ނަމުގައި އުމަރު ކަންތައްތަކެއް ކުރައްވަނީ ޕާޓީ އިތުރަށް ބައިބައިކުރަން: ރޮޒައިނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ