ޖީއެމްއާރުން ދިން ކަމަށް ބުނާ ޓިކެޓް: ޝާހިދާއި ތަސްމީނާ ދެކޮޅަށް އުމަރު ތެދުވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ނަންފުޅުގައި ޖީއެމްއާރުގެ ޚަރަދުގައި ނަންގަވާފައިވާ ކަމަށް ތުހުމަތުކުރެވޭ ޓިކެޓަކީ ސައްހަ އެއްޗެއް ކަމަށް އުމަރު ނަސީރު ވިދާޅުވުމާ އެކު އެއީ "ހަގީގަތާ ޚިލާފު" ވާހަކައެއް ކަމަށް ވިދާޅުވެ ޝާހިދު އެމަނިކުފާނުގެ ނަންފުޅު ދިފާއުކުރައްވައިފި އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ކުއްޔަށް ދިނުމުގައި "އަޅުގަނޑުމެން ބައިގެ މީހުން" ވެސް ރިޝްވަތު ނަގާފައިވާ ކަމަށް އުމަރު ކުރިން ތުހުމަތު ކުރެއްވުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް އޭނާ ވަޑައިގަތީ ހައިދުރަބާދުގައި ހުންނަ ސްރީލަންކަން އެއާލައިންސްގެ ޓިކެޓް އެޖެންޓަކު ޝާހިދާއި ތަސްމީންގެ ނަންފުޅުގައި، ނިއު ދިއްލީން ރާއްޖެ އަށް ވަޑައިގަތުމަށް ދޫކޮށްފައިވާ ކަމަށް ބުނާ ޓިކެޓެއްގެ ކޮޕީ އާއި އެއީ "ސައްހަ" ޓިކެޓެއް ކަމަށް ބުނެ އެ އެއާލައިންގެ އޮފިޝަލަކު އުމަރަށް ދިން ކަމަށް ބުނާ ސިޓީއަކާ އެކުގަ އެވެ. އެ ސިޓީ ހޯދުމަށްޓަކައި އުމަރު ވަނީ މިދިއަ ހަފުތާ ބަންދުގައި ލަންކާ އަށް ދަތުރެއް ކުރައްވައިފަ އެވެ.
ނަމަވެސް ނޫސްވެރިންނަށް އުމަރު ދެއްކެވި ޓިކެޓާއި ސިޓީގައި ދިމާނުވާ ބައެއް ކަންކަން އެބަ ހުއްޓެވެ. އެގޮތުން ޓިކެޓް ދޫކުރި ކަމަށް ސިޓީގައި ބުނާ ތާރީހު ޓިކެޓުގައިވާ ތާރީހާ ދިމައެއް ނުވެ އެވެ.
އެ ސިޓީގައި ސޮއިކޮށްފައިވާ ދައްމިކަ ކުލަތުންގަ އަށް، ސިޓީގައި ދީފައިވާ ނަމްބަރަކުން، "ހަވީރު"ން ގުޅުމުން އޭނާ ބުނީ ތަސްމީނާއި ޝާހިދުގެ ނަންފުޅުގައި އޮތް ދެ ޓިކެޓަކީ ސައްހަ އެއްޗެއް ކަމަށެވެ. އެކަމަކު އެ ދެ ޓިކެޓްގައި އެ ދެ ބޭފުޅުން ދަތުރެއް ނުކުރައްވަ އެވެ. އެހެންކަމުން ދެ ޓިކެޓް ވަނީ ރީފަންޑު ކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.
ސްރީލަންކަންގެ ލޯގޯ ޖަހާފައިވާ ސިޓީގައި ސޮއިކޮށްފައިވާ ކުލަތުންގަ އަކީ އެ އެއާލައިނުން ރާއްޖެ އަށް ކަނޑައަޅާފައިވާ މެނޭޖަރު ކަމަށް އުމަރު ދެއްކެވި ސިޓީގައިވެ އެވެ.
އެސިޓީގައި ވަނީ ތަސްމީނާއި ޝާހިދު ނިއު ދިއްލީން މާލެ އަށް ކޮލަމްބޯ މަގުން ވަޑައިގަތުމަށް އޮކްޓޯބަރު ،16 2010 ގައި ހައިދްރަ އާބާދުގައި ޓިކެޓު ދޫކޮށްފައިވާ ކަމަށެވެ.
"ހުއްދަ ދީފައިވާ އޭޖެންޓަކު މި ޓިކެޓުތައް ދޫކުރީ ސްރީލަންކަން އެއާލައިންސުން، ސްރީލަންކަންގެ ފްލައިޓުގައި ދަތުރުކުރުމަށް ކަން އަޅުގަނޑުމެން ޔަގީން ކޮށްދެން،" ސިޓީގައިވެ އެވެ.
ޓިކެޓުގައި ބުނެފައިވާ ގޮތުން ޓިކެޓް ދޫކޮށްފައި ވަނީ އޮކްޓޯބަރު 26 ގަ އެވެ. އަދި ނިއު ދިއްލީން ކޮލަމްބޯ އަށް އެ ބޭފުޅުން ވަޑައިގަތުމަށް ޓިކެޓުގައި އޮތީ އޮކްޓޯބަރު 30 ވަނަ ދުވަހުގެ ރޭ 15: 7 ގަ އެވެ. ކޮލަމްބޯ އިން މާލެ ވަޑައިގަތުމަށް ފުރާ ގަޑިއެއް ކަމަށް ޓިކެޓުގައި ވަނީ ހަމަ އެ ރޭ 35: 11 ގަ އެވެ.
އެ ޓިކެޓަށް ފައިސާ ދޫކޮށްފައި ވަނީ ޖީއެމްއާރުން ކަމަށް އުމަރު ވިދާޅުވި އެވެ.
ތަސްމީނާއި ޝާހިދު ނިއު ދިއްލީ އަށް ވަޑައިގަންނަވާ ގޮތަށް އޮތް ނަމަ ސްރީ ލަންކާ އިން ދިއްލީ އަށް ދަތުރުކުރައްވަން އޮތީ ކޮން ޓިކެޓެއްގައި ކަމެއް ނޭނގެ އެވެ.
އުމަރު ވިދާޅުވީ ޝާހިދާއި ތަސްމީން ދަތުރު ކެންސަލް ކުރެއްވީ ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމަށް އެ ދަތުރުގެ މައުލޫމާތު އެނގިވަޑައިގެން އެ ދެ ބޭފުޅުންނަށް ގުޅުއްވުމާ ހިސާބުން ކަމަށެވެ.
"އެއީ ދިވެހި ރައްޔިތުންގެ ޕާޓީގެ ޒައީމަށް މިކަން އެނގިވަޑައިގެން ޒައީމް މި ބޭފުޅުންނަށް ފޯނު ކޯލެއް ކުރެއްވުމުން އަނބުރާ މާލެ ވަޑައިގެންނެވިކަން އަޅުގަނޑުމެންނަށް މިހާރު އެނގިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އުމަރުގެ އެ ހުރިހާ ވާހަކައެއް ވެސް ޝާހިދު ވަނީ ދޮގުކުރައްވާފަ އެވެ. ޝާހިދު ވިދާޅުވީ އެމަނިކުފާނަށް މައުމޫން ގުޅުއްވާފައި ނުވާ ކަމަށެވެ. އަދި ޖީއެމްއާރުގެ ހަރަދުގައި ޓިކެޓެއް ނަންގަވާފައި ނުވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ޖީއެމްއާރު ބަޔަކާ ބައްދަލުކުރަން އިންޑިއާ އަށް ދާން ކީއްކުރަންތޯ، ދުވަހަކު ވެސް ފޯނުން ވެސް ޖީއެމްއާރު ބަޔަކާ އަޅުގަނޑު ވާހަކަ ދައްކާފައެއް ނޯންނާނެ. އަޅުގަނޑަކަށް ނޭނގެ، އަޅުގަނޑުގެ އަގު ވައްޓާލުމަށްޓަކައި ތި ވާހަކަތައް ފަތުރަމުންދަނީ ކޮން ބައެއް ކަމެއް. އެއީ ސައްހަ ޓިކެޓެއް ކަމަށް ސްރީލަންކަން އެއާލައިންސްގެ މެނޭޖަރު ވިދާޅުވަނީ ނަމަ ޓިކެޓް ނެގީ ކޮން ފަރާތަކުން ކަން ވެސް އޭނާ ބުނެދޭން ޖެހޭނެ. އަދި އުމަރު ނަސީރު ވެސް ވިދާޅުވާން ވާނެ، އެއީ ކޮން ފަރާތަކުން ނެގި ޓިކެޓެއްކަން. އަޅުގަނޑުގެ ނަމުގައި ތި ޓިކެޓު ނެގީ ކޮން ބައެއްކަން އެއްގޮތަކަށް ވެސް ނޭނގޭ،" ލޯކަލް އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތުމުގެ މަގުމަތީގައި ޝާހިދު މިރޭ ފޯނުން ވިދާޅުވި އެވެ.
މިއަދު އުމަރު ކުރެއްވި ތުހުމަތުތަކާ ބެހޭ ގޮތުން ތަސްމީންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ޑީއާރުޕީން ވަކިކުރަން އެ ޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ އުމަރު އޭނާގެ އަމިއްލަ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ތަސްމީނާއި ޝާހިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ދިވެހި ދައުލަތުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ހަތަރު ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އަދި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އަދި އަޅުގަނޑު އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން އަދާކުރަމުންދާ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ ދެ ބޭފުޅުން ޖީއެމްއާރާ ސިއްރުން ބައްދަލުކުރުމަށްޓަކައި ދިއްލީ އަށް ގޮސް އަނބުރާ އައުމަށްޓަކައި ހިލޭ ޓިކެޓެއް ސިއްރިއްޔާތުގައި ފޮނުވާފައިވާ ފޮނުވުން މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އަޅުގަނޑު ދެކެނީ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީގެ 40،000 މެމްބަރުންގެ ފަރާތުން ތަސްމީނާއި ޝާހިދުގެ އަރިހުން އެދިވަޑައިގަންނަވަނީ މިހާރުން މިހާރަށް ޕާޓީން އިސްތިއުފާ ދެއްވުމަށް ކަމަށެވެ.
އުމަރު ދެއްވި ޑޮކިއުމެންޓުގައި ވަނީ ތަސްމީނާއި ޝާހިދުގެ ނަމުގައި ސްރީލަންކަން އެއާލައިންސުން ޓިކެޓް ދޫކޮށްފައި ވަނީ އެފްސީއެމް ޓްރެވެލްސް ސޮލިއުޝަންސް އިންޑިޔާ ލިމިޓެޑް ޖީއެމްއާރު ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށެވެ.
އުމަރު އަދި ވިދާޅުވީ ޝާހިދާއި ތަސްމީން އޮކްޓޯބަރު 28 ގައި މާލެއިން ސްރީ ލަންކާ އަށް ވަޑައިގެންނެވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ