ސީއެޗްއެސްސީގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް މުހައްމަދު ހައްސާން އަހުމަދު ހޮވައިފި އެވެ.
މިދިޔަ އަހަރު އެ ސްކޫލުގެ ކެޕްޓަން ކަމުގެ މަގާމުގައި ހުރި ހައްސާން ވަނީ މި އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި ވެސް ހިމެނިފަ އެވެ. އަދި އޭލެވެލް އިމްތިހާނުގެ ދެ މާއްދާއިންނާއި އެޗްއެސްއީގެ މާއްދާއަކުން ޑިސްޓިންކްޝަން އޭނާ ވަނީ ހޯދައިފަ އެވެ.
ސީއެޗްއެސްއީގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވީ މި އަހަރަކީ އެ ސްކޫލުން އެންމެ ގިނަ ދަރިވަރުން އޭލެވެލް އިމްތިހާނުގައި ބައިވެރިވި އަހަރު ކަމަށެވެ. އެގޮތުން އެ ސްކޫލުގެ 826 ދަރިވަރުން މި އަހަރުގެ އޭލެވެލްގައި ބައިވެރިވެފައި ވެ އެވެ.
ސޮފޫރާ ވިދާޅުވި ގޮތުގައި އޭލެވެލް އިމްތިހާނުގެ އެއްވަނައިގައި އެ ސްކޫލުގެ ހަތަރު ދަރިވަރަކު ވަނީ ހިމެނިފަ އެވެ. އެއީ އައިޝަތު އަޒްމާ އާއި އާމިރު މުހައްމަދާއި ފާތުމަތު ސަމާހާ އިބްރާހިމް އަދި ހުސައިން ސާލިމެވެ.
އޭލެވެލްގައި އެ ސްކޫލުން ހޯދި ކާމިޔާބީ އިއުލާނު ކުރައްވަމުން ސޮފޫރާ ވިދާޅުވީ އެ ސްކޫލުގެ 76 ޕަސެންޓް ކުދިން ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް ފާސްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 49 ޕަސެންޓް ކުދިންނަކީ ހުރިހާ މާއްދާއިން ފާސްވެފައިވާ ކުދިންނެވެ. ސޮފޫރާ ވިދާޅުވީ އޭލެވެލް އިމްތިހާނުގައި ދިވެއްސާއި އިސްލާމާއި އިކޮނޮމިކްސް އާއި ބިޒްނަސް ސްޓަޑީޒުން ސްކޫލުގެ 80 ޕަސެންޓަށް ވުރެ ގިނަ ކުދިން ފާސްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ޖޯގްރަފީ އާއި ހިސްޓްރީން ސްކޫލުގެ 100 ޕަސެންޓް ވަނީ ފާސްވެފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ސީއެޗްއެސްއީގެ 451 ދަރިވަރަކަށް އިނާމުދީފައި ވެ އެވެ. ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވުމަށް ފަހު ޝަރަފްވެރި މެހެމާނު، ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ މަދްރަސީ ތައުލީމުގެ އެންމެ މުހިއްމު ކަމަކީ ދަރިވަރުންނަށް ދިމާވާ ބޮޑެތި ކަންތައްތަކާ ވިސްނައި ފިކުރުކޮށް، އެ ކުދިންގެ ލާބައާ މަންފާ އަށް މަސައްކަތްކުރުން ކަމަށެވެ. އެހެން ކަމުން ބޭނުންވާ ކަންތައް ނުވެގެން މާޔޫސްވެ، އެކަމަކުން ރެކިގަތުމަކީ ރަނގަޅުގޮތެއް ނޫން ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.
އޭގެ އިތުރުން ކޮންމެ ކުއްޖަކީ ވެސް އެ ކުއްޖަކަށް ލިބިފައިވާ ތައުލީމާއި ހުނަރުގެ މައްޗަށް ކަންތައްތައް ނިންމައި ކުޅަދާނަ ކުއްޖަކަށް ވުމަށް ޑރ. ވަހީދު އިލްތިމާސް ކުރެއްވި އެވެ.
ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރަކަށް މުހައްމަދު ހައްސާން އަހުމަދު ހޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ