އައިމިނަތުދިޔެ ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު

އައްޑޫ ސިޓީގައި ހައެއް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރި އައިމިނަތުދިޔެ، 59 އަހަރު ޝަރީއަތް ނިމެންދެން ބަންދު ކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލާގައި މިދިޔަ މާޗް މަހު ހައްޔަރުކުރި އައިމިނަތުދިޔެ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފައެވެ. އޭގެފަހުން އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމުމުން އޭނާ މިހާރު ވަނީ އެއްކޮށް ދޫކޮށްލައިފައެވެ.
ހައި ކޯޓުގެ ހުކުމް އިސްތިއުނާފްކުރަން އެމީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ މީހާއަކީ ބަންދުކުރަން ދަށު ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކުރީ ރަނގަޅަށް ކަމަށެވެ.
ހުސްވި އޭޕްރީލް މަހުގެ 21 ގައި އޭނާ ދޫކޮށްލަމުން ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމައި ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
ސްކޫލުގައި ކިޔަވަމުންދާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލާގައި މާޗު މަހުގެ 25 ވަނަ ދުވަހު ހައްޔަރުކުރި އައިމިނަތުދިޔެއަކީ ކުއްޖާ ކިޔަވަމުންދާ ސްކޫލުގެ މަސައްކަތު މީހެކެވެ.
ސްޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ މީހާއަކީ ސްކޫލެއްގައި މަސައްކަތްކުރާ މީހަކަށް ވާއިރު، ހެކިބަސް ދޭން ތިބި މީހުންގެ ތެރޭގައި އޭނާއާ އެކު މަސައްކަތް ކުރާ މީހުން ތިބުމަކީ ބަންދުކުރަންޖެހޭ ސަބަބެއް ކަމުގައި ދަށު ކޯޓުން ބަލާފައިވާ ކަމަށެވެ. އެހެންވެ، އެއީ ގާނޫނުގައިވާ ގޮތުގެ މަތިން ހެކިތަކަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ