ރައީސް މައުމޫން ފެކްޝަންގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނަށް ލިޔުމުން ހުށަހަޅައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެއްކޮޅަށް ތިއްބެވި ބޭފުޅުންނާއެކު އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަންކަމުގެ ތަފްސީލްތައް އިލެކްޝަންސް ކޮމިޝަނާ ރަސްމީކޮށް ވަނީ ހިއްސާކޮށްފަ އެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ހަތަރު ސިޓީގެ ތެރެއިން އެއް ސިޓީ ފޮނުއްވާފައިވަނީ ރައީސް މައުމޫން ސޮއިކުރައްވާފަ އެވެ. އަނެއް ތިން ސިޓީ ފޮނުއްވާފައިވަނީ ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އިއްޔެ އައްޔަންކުރައްވާފައިވާ އަބްދުﷲ އަލީމް ސޮއިކުރައްވަ އެވެ.
ރައީސް މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަަރަލްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ތޮލާލް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އަބްދުﷲ އަލީމް އައްޔަންކުރެވިފައިވާ ކަމަށާއި އަލީމް މި މަގާމަށް އައްޔަންކުރެވުނީ އިއްޔެ ބޭއްވުނު ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ބައިވެެރިވި ބޭފުޅުންގެ އަގުލަބިއްޔަތުން ކަމަށްވެސް ސިޓީގައި ވިދާޅުވެފައިވެއެވެ.
އަލީމް ފޮނުއްވި ތިން ސިޓީގެ ތެރެއިން ދެ ސިޓީގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ކައުންސިލަށް އިއްޔެ ގެނައި ބަދަލުތަކާއި ގުޅޭ މައުލޫމާތުތަކުގެ ތަފްސީލް އެވެ.
އޭގެތެރޭގައި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫން ޕާޓީގެ ކައުންސިލަށް އައްޔަންކުރައްވާފައި ތިއްބެވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއާއި، ޒާހިދު ރަމީޒު ކައުންސިލުން ވަކިކުރުމަށް އިއްޔެ ބޭއްވުނު ކައުންސިލުން ނިންމާފައިވާ ކަމަށާއި އަދި ޕާޓީގެ ކައުންސިލުން އަބްދުއްރަހީމް ވަކިކުރެވިފައިވާތީ ޕީޕީއެމްގެ ނައިބް ރައީސް ކަމުން އޭނާ ވަކިކުރެވިފައިވާ ކަމަށްވެސް މިސިޓީގައިވެ އެވެ. އޭގެ އިތުރުން ދެ ބޭފުޅުންގެ ބަދަލުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި، މ. ހިންމިޔަ އަހްމަދު ސޮފްވާން ޕާޓީގެ ކައުންސިލަށް އަލަށް އައްޔަންކުރައްވާ އަދި ކައުންސިލުން މި ދެ ބޭފުޅުންގެ ނަން ބަލައިގެންފައިވާ ވާހަކަ ލިޔެފައިވެއެވެ.
ތިން ވަނަ ސިޓީ އަކީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ރޭ ދަރުބާރުގޭގައި ބޭއްވި ކައުންސިލް ބައްދަލުވުމާއި ރައީސް މައުމޫންގެ ފެކްޝަނުން ދެކޭ ގޮތުގެ ވާހަކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ