ކޯޓުގެ އަމުރާއެކު ވައިކަރަދޫ އަށް ކަރަންޓު ދީފި

އިންޖީނުން ތެޔޮ ހުސްވެގެން ހދ. ވައިކަރަދޫން ކަރަންޓު ކެނޑިފައި ވަނިކޮށް އެ ރަށު އިންޖީނުގެ ހިންގާ ޖަމިއްޔާ ކަމަށްވާ ވިނަރެސް ޖަމިއްޔާ އަށް ރަށު ކައުންސިލުން ތެޔޮ ދިނުމަށާއި އެ ޖަމިއްޔާއިން އިންޖީނުގެ ހިންގުމަށް އަމުރުކޮށް ރަށު ކޯޓުން ވަގުތީ އަމުރެއް ނެރުމާއެކު ދޮޅު ގަޑިއެއްހާ އިރުގެ ތެރޭގައި ވައިކަރަދޫއަށް ކަރަންޓު ދީފި އެވެ.
ވައިކަރަދޫއަށް ކަރަންޓު ދީފައި މި ވަނީ މުޅި ރަށުން ކަރަންޓު ކަނޑައިގެން ގޮސްފައިވާތާ 24 ގަޑިއިރަށް ވުރެ ވެސް ގިނަ އިރުވެފައި ވަނިކޮށެވެ. އިންޖީނުގެއިން ތެޔޮ ހުސްވާން ދިމާވި ސަބަބަކީ ވިނަރެސް ޖަމިއްޔާ އުވާލުމަށް ހޯމް މިނިސްޓްރީން އަންގާފައި ވަނިކޮށް އެ ޖަމިއްޔާއިން ދަރަންޏަށް ތެޔޮ ގެންނަން ބޭނުންނުވުމެވެ. އަދި ޖަމިއްޔާއިން އެއްވެސް މަޝްވަރާއެއް ކުރުމަށް ބޭނުން ނުވާތީ ވިނަރެސް އަށް ތެޔޮ ދިނުމަށް ރަށު ކައުންސިލުން ވެސް ބޭނުމެއް ނުވެ އެވެ.
އެ މައްސަލައިގައި އިއްޔެ ހދ. ޖުޑީޝަލް ދާއިރާގެ ވަގުތީ މެޖިސްޓްރޭޓް މުހައްމަދު ނިޔާޒް ނެރުއްވާފައި ވަގުތީ އަމުރުގައި ބުނެފައި ވަނީ ވައިކަރަދޫ ރައްޔިތުންނަށް ދެމުން ގެންދާ ކަރަންޓުގެ ހިދުމަތް އިންޖީނުގެ ބޯޑު މެދުވެރިކޮށް ހަމަ އެގޮތުގައި ކުރިއަށް ގެންދިއުމަށް މީގެ ކުރިން ވެސް އަމުރެއް ނެރެފައިވާނެ ކަމަށެވެ. އަދި އެގޮތަށް ކުރިއަށް ގެންދެވެން ނެތް ނަމަ ރަށު ކައުންސިލާ ގުޅިގެން ނަމަވެސް އިންޖީނުގެ ހިންގުމަށް ވެސް ކުރިން ނެރެފައިވާ އަމުރުގައި ބުނެފައިވާނެ ކަމަށް ކޯޓުން ބުނެ އެވެ.
އެ އަމުރުގައި ބުނެފައި ވަނީ ކޯޓުން ކުރިން ނެރުނު ވަގުތީ އަމުރާ ވިނަރެސް ޖަމިއްޔާއިން ހިލާފުވެ ވައިކަރަދޫއަށް ދެމުން ގެންދިޔަ ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށާއި އެހެންކަމުން ކުރީގެ ކޯޓު އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
"...މި އަމުރާ ވިނަރެސް ޖަމިއްޔާއިން ހިލާފުވެ ވައިކަރަދޫ ރައްޔިތުންނަށް ދެމުން ގެންދިޔަ ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާތީ މަތީގައިވާ ބަޔާން ކުރި މި ކޯޓުގެ އަމުރު ތަންފީޒުކޮށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރުކޮށްފިން،" އެ އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން އިންޖީނުގެ ހިންގަން ބޭނުންވާ ތެޔޮ ޖަމިއްޔާގައި ނެތް ނަމަ، އިންޖީނުގެ ހިންގުމަށް ރަށު ކައުންސިލުން ތެޔޮ ފޯރުކޮށްދިނުމަށް ވެސް އެ އަމުރުގައިވެ އެވެ. އަދި ޕަވާހައުސްގެ ތަޅުދަނޑި އޮތް އެރަށު ސޭޑީވިލާ، އަހުމަދު ނަސީމުގެ އަތުން ތަޅުދަނޑި ގެނެސް އިންޖީނުގޭގެ މެނޭޖަރު މުހައްމަދު އަބްދުއްސަމަދާ ހަވާލު ކުރުމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ވަހީދު ވިދާޅުވީ އިއްޔެ ހަވީރު ފަހެއް ޖަހާކަންހާއިރު ކޯޓު އަމުރު ނެރުމުން ގާތްގަނޑަކަށް 6:30 ހާއިރު މުޅި ރަށަށް ވެސް ކަރަންޓު ލިބިފައިވާ ކަމަށެވެ. އަދި އިންޖީނުގެ ހިންގުމަށް އިއްޔެ ތިން ފީފާ ތެޔޮ ވިނަރެސް ޖަމިއްޔާއަށް ދީފައިވާނެ ކަމަށާއި މިއަދު އަލުން 40 ފީފާ ތެޔޮ ދީފައިވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ