ގައުމު ނިޔާމަ ބަދަރަކަށް ގެންގޮސްދެވެން އޮތީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް: އަމީން

ދިވެހި ގައުމު ނިޔާމަ ބަދަރަކަށް ގެންގޮސްދެވެން އޮތީ ސުޕްރީމް ކޯޓްގައި ތިއްބެވި ފަނޑިޔާރުންނަށްކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ މިއަދު ކުރައްވާފައިވާ ޓްވީޓްތަކެއްގައެވެ.
އަމީންގެ ޓްވީޓްތަކުގައި ވިދާޅުވީ ދިވެހި ގައުމަށް ޖެހިފައިވާ ކެހިވެރި މަޅިފަތިން ސަލާމަތްކޮށް، ގައުމު ނިޔާމަ ބަދަރަކަށް ގެންގޮސްދެވެން އޮތީ ސުޕްރީމް ކޯޓްގެ އިއްޒަތްތެރި ފަނޑިޔާރުންނަށްކަމަށެވެ.
އަދި އެބޭފުޅުންގެ ދީނީ ގައުމީ ވާޖިބު އަދާނުކުރައްވާ، ޖިހާދުގެ މައިދާނުން ފިއްލަވައިފިނަމަ ދެން ގައުމު ވެއްޓެން އޮތް ވަޅުގަނޑުގެ ފުންމިން ނުވެސް އިނގޭކަމަށެވެ.
އަމީން ވިދާޅުވީ ކިތަންމެ ބިރަކާއި، މަޖުބޫރަކާއި ހެދިނަމަވެސް ގާނޫން އަސާސީގެ މަގުން ކައްސަލައިފިނަމަ ދިވެހި ޑިމޮކްރަސީގެ އެންމެ ބޮޑެތި ހަތުރުންގެ ގޮތުގައި އެ ފަނޑިޔާރުން ރައްޔިތުން ދެކޭނެކަމަށެވެ.
ދިވެހި ގައުމު ނިޔާމަ ބަދަރަކަށް ގެންގޮސްދެވެން އޮތީ ސުޕްރީމް ކޯޓްގައި ތިއްބެވި ފަނޑިޔާރުންނަށްކަމަށް އަމީން ވިދާޅުވެފައިވާއިރު، ގައުމުގައި ހުރި މައްސަލަތައް ހައްލުކޮށް ގައުމު އިސްލާހީ މަގަށް ގެނައުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ފެށުމާއި ގުޅިގެން މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުން ނިންމުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ދަނީ ބަލަމުންނެވެ.
މި މައްސަލަތަކުގެ އަޑުއެހުންތައް ނިމިފައިވާއިރު މައްސަލައިގެ ޙުކުމް އިއްވުން ފަސްވެ ގާނޫނީ ބޮޑެތި މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓިފައިވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރަށް ސިޔާސީ އެތަށް ބޭފުޅުންތަކެއްގެ މައްޗަށް ދަށު ކޯޓްތަކުގައި ބޮޑެތި ޝަރީއަތްތަކެއް ހިނގަމުންދާއިރު، އެ ބޭފުޅުންގެ މައްޗަށް އުފުލިފައިވާ ދައުވާތަކާއިމެދުވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އެހެންކަމުން ޝަރުއީ ނިޒާމުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގާނޫނީ ވަކީލުންނާއި ސިޔާސީ ޕާޓީތަކުންވެސް ދަނީ ގޮވާލަމުންނެވެ.
މީގެ އިތުރަށް ސުޕްރީމްކޯޓަށް ސަރުކާރުގެ ނުފޫޒް ފޯރުވާ ވަކި ގޮތަކަށް މައްސަލަތައް ނިންމުމަށް ބާރު އަޅަމުންދާކަމުގެ އަޑުތައް ގަދަވެފައިވާއިރު، ސުޕްރީމް ކޯޓުން މިނިވަންކަމާއި އިންސާފުވެރިކަމާއިއެކު ނޫނީ އެއްވެސް ކަމެއް ނުކުރުމަށް ސިޔާސީ ލީޑަރުން ގެންދަވަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ