ހުކުމުގެ ކުރިން ހިނގާފައިވާ ކަމަކާ ގުޅިގެން މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ: ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ކުރިން ހިނގާފައިވާ ކަމަކާ ގުޅިގެން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް އެ ކޯޓުން ބުނެފިއެވެ. ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ވަނީ އެ ހުކުމް ކުރުމުގެ ކުރިން މާޒީގައި ހިނގާފައިވާ އެއްވެސް ކަމަކަށް އެ ހުކުމުން ތަންފީޒު ކުރުން ހުއްދަވެފައިނުވާކަން އެ ހުކުމުން ސާފުކޮށް އެނގޭ ކަމަށެވެ. އެ ހުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ، ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ގަޒިއްޔާގެ ހުކުމުގެ އަސަރު އެއްވެސްގޮތަކުން މާޒީއަށް ރުޖޫއަ ނުވާނެ ކަމަށް އެ އަމުރުގައިވެއެވެ. ސުޕްރީމް ކޯޓުން އިއްވި ހުކުމްގައިވާގޮތުން މެމްބަރުންގެ ގޮނޑި ގެއްލޭނީ އެ ހުކުމް ކުރި ދުވަހުން ފެށިގެން އެ މެމްބަރަކު އިންތިޚާބުވި ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކާ ގުޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ