ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އޮތީ ހައިޖެކްކޮށްފައިކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ޑިމޮކްރަސީ ދުވަހަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައިވެސް ޑިމޮކްރަސީ ދުވަހެއް ފާހަގަކުރާއިރު، ޑިމޮކްރަސީގެ ހާލަތު އޮތީ ވަރަށް ނިކަމެތިކޮށްކަމަށެވެ.
ޑިމޮކްރަސީއެއްގައި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ނިޒާމު އޮންނަންޖެހޭނީ ވަރަށް މިނިވަންކަމާއިއެކު މަސައްކަތްކުރާ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭ ދެ ބާރުގެ ގޮތުގައިކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ނަމަވެސް މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާއިން އެކަން ނުފެންނަކަމަށް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އޮތީ ހައިޖެކްކޮށްފައިކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަށާފައިވާ މަސައްކަތަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ އިސްލާހަށް ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތް ކާމިޔާބުވުމުން ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަށަގަންނާނެކަމަށެވެ.
އަދި ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބުވަމުންދާކަމުގެ އަލާމާތްތައް ދަނީ ފެންނަމުންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ކަންކަން އިސްލާހުކުރަން ގޮވާލުމުން އެގޮވާލާ ފަރާތްތައް ސަސްޕެންޑްކޮށް ނުވަތަ އަދަބު ދެމުންދިއުމަކީ ވަރަށް މޮޔަކަމެއްކަމަށާ ބޮޑެތި މޮޔަކަންތައްތައް ކުރަމުންދާތަން ފެންނަމުން ދިއުމަކީ އިސްލާހީ މަސައްކަތް ކާމިޔާބުވާކަމުގެ ހެއްކެއްކަމަށެވެ.
މި ޖަލްސާގައި ރައީސް މައުމޫން ވަނީ ގުޅިފައިވާ ޕާޓީތަކުން ފަށާފައިވާ އިސްލާހީ މަސައްކަތުގައި ސާބިތުވެހުރުމަށް އިލްތިމާސްކުރައްވާފައެވެ.
މަޖިލީހާއި ޝަރުއީ ދާއިރާ އޮތީ ހައިޖެކްކޮށްފައި: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ