ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ގާނޫނާ ޚިލާފަށް ބަންދުކުރިތާ 50 ދުވަސްވިއިރު ވެސް އިންސާފު ނުލިބޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ކޯފާވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނާ ޚިލާފަށް، ފާރިސްއާ ދޭތެރޭ އަމަލުކުރަމުންދާ ގޮތް ބަލައިނުގަނެވޭ ކަމަށެވެ. ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރުމުން އެ މައްސަލައިގެ ހުކުމް އިއްވުން ލަސްވާ މައްސަލާގައި ވެސް މައުމޫން ހިތްހަމަނުޖެހުންފާޅުކުރެއްވި އެެވެ.
އެމަނިކުފާނު ވިދާޅުވީ ފާރިސް ހުށަހެޅުއްވި އިސްތިއުނާފް މައްސަލައިގެ އަޑުއެހުން ހައި ކޯޓުން ނިންމާލިތާ 27 ދުވަސް ވެފައިވާ ކަމަށެވެ.
ފާރިސް ބަންދުކޮށްފައި ވަނީ އެއްވެސް ހެއްކެއް އަދި ގަރީއާއެއް ނެތި ކަމަށް ވެސް މައުމޫން މީގެކުރިން ވިދާޅުވެފައިވެ އެވެ. އެކަމާ މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ރައްޔިތުންގެ މަޖިލީހުން
ވެސް އެއްވެސް ވަރަކަށް އަޅާނުލާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
.@afarismaumoon completes today 50 days in arbitrary detention & 27 days after completion of appeal hearings at HC against his arrest. 1/2— Maumoon Abdul Gayoom (@maumoonagayoom) September 5, 2017
ފާރިސް ބަންދުކޮށްފައިވާ މައްސަލާގައި ހިތްހަމަނުޖެހުންފާޅުކުރައްވައި މައުމޫން ކުރެއްވި ޓުވީޓެއް.ފާރިސް ބަންދުކޮށްގެން އުޅޭ މައްސަލާގައި ބައެއް ގާނޫނީ ވަކީލުން ވެސް ގެންދަވަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ. ވަކީލުން ވިދާޅުވާ ގޮތުގައި ހަމަ އެފަދަ މައްސަލައެއްގައި ބަންދުކުރި އަހްމަދު ޝާފިއުގެ މައްސަލަ ހައި ކޯޓުން ނިންމާފައިވާ ހުކުމަށް ބަލާއިރު ވެސް ފާރިސް ވަގުތުން ދޫކޮށްލަން ޖެހޭ ކަން ސާބިތުވެ އެވެ..
މައުމޫނާއި ދަރިކަލުން ފާރިސް ކްރިމިނަލް ކޯޓުގައި ދެންމެ ސަލާމް ކުރައްވަނީ.---ސޯޝަލް މީޑިއާ ފޮޓޯ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި މެމްބަރުންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާފިއު ކްރިމިނަލް ކޯޓުން ދޫކޮށްލުމާ ގުޅިގެން ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފްކުރުމުން ނިންމީ، އޭނާ ބަންދުގައި ބެހެއްޓެން ނެތް ކަމަށެވެ.
ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެފައިވާ ގޮތުގައި ފާރިސް ހުށަހެޅުއްވި އިސްތިއުނާފް މައްސަލައިގެ ހުކުމް ކުރުން މިދިޔަ މަހުގެ 20 ގައި ބާއްވަން ނިންމުމަށް ފަހު ކުއްލި ގޮތަކަށް ކެންސަލްކުރީ ޖާއިޒު އެއްވެސް ސަބަބެއް ނެތި އެވެ. އަދި އިސް ފަނޑިޔާރުގެ ބިއުރޯގެ ދަށަށް ފާރިސްގެ މައްސަލަ ނަގައި ހުކުމް ކުރުމުގެ މަޖިލިސް ނުބާއްވައި ގިނަ ދުވަސްތަކެއް ހިނގަމުން ދިއުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވެފައިވެ އެވެ.
ފާރިސް ކޯޓަށް ވަޑައިގަންނަވަނީ: އޭނާ އިސްތިއުނާފް ކުރެއްވި މައްސަލައިގެ ހުކުމް އިއްވުން ލަސްކުރާތީ ވަކީލުން ވެސް ގެންދަނީ ކަންބޮޑުވުންފާޅުކުރަމުން. --މިހާރު ފޮޓޯ/ހުސައިން ވަހީދު
އޭނާ ވިދާޅުވެފައިވާ ގޮތުގައި އިސް ފަނޑިޔާރުގެ ބިއުރޯ އަށް ފާރިސްގެ މައްސަލަތައް ނެގިއިރު އޭނާގެ މައްސަލަތައް ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗުން އެއްވެސް ފަނޑިޔާރަކު ތަނާޒުލުވެވަޑައިގަތުމަށް އެދިވަޑައިގެންފައި ނުވާ ކަމުގެ މައުލޫމާތު ވަނީ ލިބިވަޑައިގެންފަ އެވެ. އެއާއެކު މައްސަލަތައް ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ވުޖޫދުގައި ނުވާ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.
ފާރިސް ހުށަހަޅުއްވާފައިވާ އިސްތިއުނާފްގެ މައްސަލަތަކަކީ ހުކުމެއް ކުރުމުގެ ކުރިން އޭނާ ބަންދުކޮށްފައިވާ ބަހައްޓާ މައްސަލަ ކަމަށްވާއިރު މިއީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލާއިރު ވެސް އެންމެ ނުރައްކާތެރި އަދި އެންމެ ނޭއްގާނީ ގޮތުގައި ނަގާލެވޭ އިންސާނީ ހައްގެއް ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވެފައިވެ އެވެ.
ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ލަސްވާތީ ވަކީލުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު ރިޝްވަތުގެ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެކަމަކު އެ މައްސަަލައިގެ އަޑުއެހުންތައް ކޯޓުން އަދި ނުފަށަ އެވެ.
ފާރިސްގެ ބަންދަށް 50 ދުވަސް، މައުމޫން ކޯފާވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ