ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އަބްދުﷲ މަސީހު އިންނެވިޔަސް މަސީހަކީ މަޖިލީހުގެ ރައީސް ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނެވޭނީ މެޖޯރިޓީ އޮތް ބޭފުޅަކަށްކަމަށާ މަޖިލީހުގެ މެޖޯރިޓީ މެންބަރުން މަސީހަށް ނޫނެކޭ ބުނެފައިވާކަމަށެވެ.
އެހެންކަމުން މަސީހުގެ ރިޔާސަތުގައި ބާއްވާ ޖަލްސާތަކާއި، އެ ޖަލްސާތަކުގައި ނިންމާ ނިންމުންތައް ސައްހަ ނުވާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ބާތިލަކީ ދެމި އޮންނާނެ އެއްޗެއް ނޫންކަމަށާ ވަރަށް އަވަހަށް ބާތިލް ނެތިދާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެއްވެސް މީހެއްގެ ނިއުމަތަކަށް އަދި ރިޒްގުގައި ސަރުކާރަށް އަތެއް ނޭޅޭނެކަމަށާ އެހެންކަމުން ވަޒީފާގެ ބިރަށް ކަންކަން ކުރުން ހުއްޓާލަންޖެހޭކަމަށެވެ.
އަދި ބިރުވެތިވާންވީ ހަމައެކަނި މާތްﷲގެ ހަޒްރަތަށްކަމަށް ވިދާޅުވެ ރައީސް މައުމޫން ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މިއަދު އަމަލުކުރަމުންދަނީ އެމީހުންގެ ދަރިންވެސް ލަދު ގަންނަގޮތަށްކަމަށެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ފެެއިލްވެފައި އޮތް ދައުލަތެއްގެ ސިފަތައް ދިވެހި ދައުލަތުން މިއަދު ފެންނަމުންދާކަމަށާއި އެސިފަތަކަކީ ގާނޫންތަކަށް ހުރިމަތްތެރިކޮށް ނުހިތުމާއި، ކޯޓްތަކުން އިންސާފު ނުލިބުމާއި، އަދި ކޯޓްތަކުން ކުރާ ހުކުމްތަކަށް ސަރުކާރުން ތަބާނުވުމުގެ އިތުރަށް ރައްޔިތަކު މުއައްސަސާތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބެއް ދޭނެ މުއައްސަސާއެއްވެސް ނެތުންކަމަށެވެ.
"މިހާރު އަޅުގަނޑަށް ފެންނަމުން މިދަނީ ފެއިލްވެފައިވާ ދައުލަތެއްގެ އަލާމާތްތައް. މިއީ ވަރަށް ހިތާމަކުރަންޖެހޭ އަދި ވަރަށް ކަންބޮޑުވާންޖެހޭކަމެއް. މިސާލަކަށް އެއްވެސް ގާނޫނެއް ނުހިނގާ. އެއީ ގާނޫން އަސާސީކަމަށްވިޔަސް އެހެން ގާނޫނެއް ވިޔަސް. އެއާއި އެއްގޮތަށް މީހަކު އަމަލެއް ނުކުރޭ. ދައުލަތެއްގެ ހުންނަންޖެހޭ ކަންތައްތައް، ސިފަތައް، ކޮށްދޭންޖެހޭ ޚިދުމަތްތައް ފެންނަމުންނުދާތީ މިއީ ފެއިލްވެފައިވާ ދައުލަތެއްކަމަށް ބުނަންޖެހޭ. މިއީ ޝަރީޢަތު ގެއްލިފައިވާ ސަރުކާރެއް. ލެޖިޓިމެސީއެއް ނެތް." ރައީސް މައުމޫން ވިދާޅުވިއެވެ.
މިޖިލީހުގެ ރިޔާސަތުގައި މަސީހު އިންނެވިޔަސް އެއީ ރައީސެއްނޫން - ރައިސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ