"ވަޒީފާ އިން ބޭރުކުރަން ވީމަ ސިވިލް ސާވަންޓުން ވެސް ބޭރުކުރާނެ" ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިވިލް ސާވަންޓުންނަށް ޤާނޫނީ ބާރުތައް ހަނދާން ކޮށްދެއްވައިފިއެވެ.
ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ މިނިސްޓަރު ކަން ކުރައްވާ ޓްރާންސްޕޯޓް މިނިސްޓްރީން މުވައްޒަފުންތަކެއް ވަކިކުރަން އުޅޭ މައްސަލަ ބޮޑުވެފައި ވަނިކޮށް ގާސިމް މިރޭ ވިދާޅުވީ ސިވިލް ސާވަންޓުން ވަޒީފާ އިން ވަކިނުކުރެވޭނެ ކަމަށް ބައެއް މީހުން ހީކުރާ ކަމަށާއި ނަމަވެސް ސިވިލް ސާވަންޓުން ވެސް ވަޒީފާ އިން ވަކިކުރެވޭނެ ކަމަށެވެ.
"ބައެއް މީހުންގެ ވިސްނުމުގައި މިހުންނަނީ ސިވިލް ސާވިސްގެ މުވައްޒަފަކަށް ވީމާ ދެން ތިމަންނާ ވަތްކެއް ވެސް ނުކުރެވޭނެއޭ. އުޅޭނެހާ ގޮތަކަށް އުޅެވޭނެއޭ. އެވެސް ގޯހެއް." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސިވިލް ސާވަންޓުން ތިބެނީ ސަރުކާރު ބަދަލުވުމުން ގައުމު ސްޓޭބަލްކޮށް ކުރިއަށް ގެންދަން ކަމަށެވެ.
"އެމީހުންނަކީ ކަނޑާ ނުލެވޭނެ ބައެއް ނޫނޭ އިނގޭތޯ. އެމީހުން ވަކިވެސް ކުރެވޭނެ. ފަރުވާ ކުޑަކޮށް ޤާނޫނީ އިމުން ބޭރުވާ ކަމަށް ވަންޏާ އެމީހުން ބޭރުވެސް ކުރާނެ. އަދި ބޭރު ކުރަން ވެސް ޖެހޭނެ." ގާސިމް ވިދާޅިވިއެވެ.
ރޭ އާއްމުވެފައިވާ ނަހުލާގެ އޯޑިއޯއެއްގައި އެކަމަނާ ވިދާޅުވަނީ އެކަމަނާ އާއި މެދު ހިތްހަމަނުޖެހިގެން ކިތަންމެ ވަރަކަށް އެކަމަނާގެ ވާހަކަ ދެއްކިއަސް ވާނެ ކަމެއް ނޯންނާނެކަމަށެވެ.
ނަހުލާ ވިދާޅުވީ އެ މިނިސްޓްރީގައި ވެސް މަސައްކަތްކުރަން ޖެހޭ ވަގުތު މުވައްޒަފުންނަށް އޮޅިފައެއް ނޯންނާނެ ކަމަށާއި ކޮންމެ މިނިސްޓްރީއެއްގައި ވެސް ވަޒީރު ފިޔަވައި އެހެން އެއްވެސް މުވައްޒަފަކަށް ބޭނުން ގަޑިއަކު އޮފީހަށް ވަދެ، ނުކުމެ އުޅުމުގެ ފުރުސަތެއް ނޯންނަ ކަމަށެވެ.
"ކިތަންމެ ގިނަ ބޭފުޅުންނެެއް ވިޔަސް އަޅުގަނޑު ފިޔަވަޅު އަޅަން ޖެހެންޏާ ފިޔަވަޅު އަޅާނަން. އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް މާދަމާ ގޮސްވެސް ގޭގައި އިންނާކަށް. އަޅުގަނޑުގެ ކުޑަ ކުޑަ ހަ ބެއިން ތިބޭ. އަޅުގަނޑު ހަ ބެއިން ގޭގައި މަންމަ ކައިރީ ބައިންދާފައި ވަޒީރު ކަމާއި ހަވާލުވީ، ހަގީގަތުގައި ވެސް ﷲ އަށްޓަކައި ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދޭން އެކަން ނުވާކަމަށްވަންޏާ އެއްވެސް ބޭނުމެއް ނެތް މިތާ އިނުމުގެ،" ނަހުލާ ވިދާޅުވެ އެވެ.
ޓްރާންސްޕޯޓްގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަން އުޅޭތީ އެމުވައްޒަފުން ވަޒީފާ އިން ވަކިނުކުރުން އެދި ރައީސް ޞާލިހަށް ޓްރާންސްޕޯޓްގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ސޮއި ކޮށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
ގާސިމް ސިވިލް ސާވަންޓުންނަށް "ވަޒީފާ އިން ބޭރުކުރަން ވީމަ ބޭރުކުރާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ