ދީބާޖާ އަށް ބަދަލުދޭން ނިންމި މައްސަލަ ރިވިއުކުރަން ބަންޑާރަނައިބު ސުޕްރީމް ކޯޓަށް

ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އަލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އޭޖީ އޮފީހުން ބުނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާމެދު އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އެހެންކަމުން މި މައްސަލަ އަލުން ރިވިއުކުރުމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި މިވަނީ، ޢާންމު މަސްލަހަތަަށް ރިއާޔަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމާއި ގުޅިގެން ނެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އާއިއެކު 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު އޮތް ރައީސް ޔާމީންގެ ސަރުކާރުން ބާތިލުކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި ދޭން ނިންމީ 348 މިލިއަން ރުފިޔާ އެވެ. ނަމަވެސް ހުކުމާ އެއްގޮތަށް ދައުލަތުން ފައިސާ ދައްކާފައި ނުވާތީ، ދީބާޖާ އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، ކޯޓުން ބޭރުގައި ވާހަކަ ދައްކައިގެން، ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް އެއްބަސްވީ ހުސްވި އަހަރުގެ ތެރޭގައެވެ.
ދީބާޖާ އަށް ބަދަލުގެ ގޮތުގައި ދޭން ނިންމި އަދަދާއި ގުޅިގެން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ފެންމަތިވެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ބަންޑާރަނައިބު އިބްރާހީމް ރިއްފަތު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރެއްވި އެވެ. އޭޖީ ރިފްއަތު އޭރު ވިދާޅުވެފައި ވަނީ ދީބާޖާ އަށް ބަދަލުދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާކޮށްގެން ސަރުކާރަށް ކާމިޔާބުވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި މަޖިލީހުން ނިންމީ، ދީބާޖާ އަށް ބަދަލު ދިނުން މަޑުޖައްސާލުމަށްފަހު ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބަށް ދެންނެވުމަށެވެ.
ދީބާޖާ އާއިއެކު ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް ޚިދުމަތް ނުދޭ ކަމަށް ބުނެ އެއްބަސްވުން އުވާލި މައްސަލާގައި ދީބާޖާއިން ސިވިލް ކޯޓުގައި ކުރި ދައުވާ އާއި ގުޅިގެން 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރި ހުކުމްގައި ބުނެފައި ވަނީ އެއްބަސްވުން 29 މޭ 2013 ގައި އުވާލީ، ބ. ފުޅަދު އާއި ފެހެންދޫއަށް ފެރީގެ ޚިދުމަތް މެދުކެނޑިފައިވާތީކަން އޭރުގެ މިނިސްޓްރީ އޮފް ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އާއިއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ