ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ހާޒިރުވެވަޑައިނުގަންނަވާތީ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ފުލުހުންނަށް ބަޔާން ނުދެއްވާ ވަޑައިގެންފިއެވެ. ޖާބިރުގެ ފުލުހުންގެ އިދާރާއަށް މިރޭ އަށެއްޖެހި އިރު ވަޑައިގަތީ އޭނާގެ އަތްޕުޅުން 29 މިލިއަން ރުފިޔާ ނެންގެވުމަށް ފަހު، އެފައިސާ ލިބިވަޑައިގެންފައި ނުވާ ކަމުގައި ވިދާޅުވެ ރައީސް މައުމޫނު އިތުރުފުޅު ހައްދަވާފައިވާތީ، އެފައިސާގެ މައްސަލަ ތަޙުޤީޤުކޮށްދެއްވުން އެދިވަޑައިގެން ޖާބިރު ފުލުހަށް ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ބަޔާނެއް ދެއްވުމަށެވެ. ނަމަވެސް ފުލުހުންގެ އިދާރާއަށް ރައީސް މައުމޫން ހާޒިރުވެ ވަޑައިނުގަންނަވާތީ ބަޔާން ނުދެއްވާނެ ކަމަށް ވިދާޅުވެ ޖާބިރު ފުލުހުންގެ އިދާރާއިން ނުކުމެވަޑަގެންނެވިއެވެ. އަދި ޖާބިރު ވިދާޅުވީ އެމައްސަލައިގައި އެއްވެސް ވާހަކައެއް ދެއްކޭނީ ރައީސް މައުމޫން އިންނަވައިގެން ކަމަށެވެ. ކުރިންވެސް ޖާބިރު ވަނީ މިމައްސަލަ ފުލުހަށް ހުށަހަޅުއްވާފައެވެ. ނަމަވެސް ހެކި ނެތް ކަމަށްބުނެ އޭރު ފުލުހުން ވަނީ މި މައްސަލަ ނުބަލަން ނިންމާފައެވެ. ނަމަވެސް ފަހުން ޖާބިރު ވަނީ ހެކިތަކާއި އެކު އެ މައްސަލަ އަލުން ހުށަހަޅާފައެވެ.ޖާބިރު ވިދާޅުވި ގޮތުގައި އެ ފައިސާ ހަވާލު ކުރެއްވީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އާއިއެވެ. އަދި އެކަމާއި ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިޔާގެ ވެރިރަށް ކޫއަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރުގެ އެ ވާހަކަތައް ރައީސް މައުމޫންގެ ފަރާތުން ވަނީ ދޮގުކުރައްވާފައެވެ.
މިލިޔުން ކިޔާލުމުން
57 %
އުފާވި
14 %
ދެރަވި
14 %
ރުޅިއައި
14 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ރައީސް މައުމޫން ހާޒިރު ނުކުރެއްވުމުން ޖާބިރު ބަޔާން ނުދެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ