ޖިންސީ ފުރައްސާރަކުރާ މީހުން، ނިކަމެތިންގެ ދަތި ޙާލުގެ ނާޖައިޒު ފައިދާ ނަގާ: ޣައްސާން މައުމޫނު

ޖިންސީ ފުރައްސާރަކުރާ ފަރާތްތަކުން ނިކަމެތިންގެ ޙާލަތުގެ ނާޖައިޒު ފައިދާ ނަގާ ކަމުގައި ޕީޕީއެމްގެ ނައިބުރައީސް އަދި ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ. ޣައްސާނު މިހެން ވިދާޅުވީ އެމަނިކުފާނު އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓު ކުރެއްވީ ދަރުމަވެރިޔެއްގެ ގޮތުގައި މަޝްހޫރުވެފައިވާ، އަޙްމަދު ހިޝާނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިގެން ދިޔުމާ ގުޅިގެންނެވެ. އެކަމަށް އިޝާރާތްކުރައްވައި ޣައްސާން ވިދާޅުވީ ޑިސްއެބިލިޓީ އެމްބެސަޑަރެއްގެ ގޮތުގައި ހުންނެވި ފަރާތަކާ ގުޅިގެން ލިބިގެން މިދިޔައީ ވަރަށް ބޮޑު ޢިބުރަތެއް ކަމުގައެވެ. އަދި ޤާނޫނުތައް ހަރުދަނާކުރުން އަވަސްކުރަންޖެހޭ ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. ހެކި ނެތުމަކީ ފިޔަވަޅުތަކެއް ނޭޅުމަށް އޮންނަ ހުއްޖަތެއް ނޫން ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. ޖިންސީ ފުރައްސާރަކުރާ މީހުން، ނިކަމެތިންގެ ދަތި ޙާލަތުގެ ނާޖާއިޒް ފައިދާ ނަގާ. ސަހަރޯވެރިއަކަށް ހެދިގެން، ނިކަމެތި ޢާއިލާތަކުގެ ކުދީންނާ ގާތްވަން މަސައްކަތްކުރޭ. ދައުލަތުގެ އިދާރާތަކުގެ ތެރެއިންނާ، ގާނޫނުގައި ހުރި ބާގަނޑުތައް ހޯދައިގެންވެސް މި ނޭއްގާނީ ޢަމަލަށް މަގުފަހިކުރޭ. 1/3— Mohamed Ghassan Maumoon (@mgmaumoon) February 4, 2020އޭގެ އިތުރަށް ޣައްސާން ވިދާޅުވެފައިވަނީ ޖިންސީ ފުރައްސާރަކުރާ ފަރާތްތަކުން، ނިކަމެތިންގެ ނިކަމެތިކަމުގެ ފައިދާ ނަގައި، އެމީޙުންނަށް ކުރިމަތިވެފައިވާ ދަތި ޙާލަތުގެ ފައިދާ ނަގާ ކަމުގައެވެ. ސަހަރޯވެރިން ކަމުގައި ހެދިގެން އެފަދަ ނިކަމެތި ދަތި ޙާލުގައި އުޅޭ ޢާއިލާތަކުގެ ކުދިންނާ ގާތްވުމަށް މަސައްކަތްކުރާ ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. އަދި އޭގެ އިތުރުން އެފަދަ ޢަމަލުތައް ހިންގާ މީހުން ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކުދިންނާ ގާތްވެވޭނެ ގޮތްތައް ހޯދާ ކަމުގައާއި ޤާނޫނުގައި ހުންނަ ބާގަނޑުތައް ހޯދައިގެން އެބާގަނޑުތައް ބޭނުންކޮށްގެން އެ ނޭއްގާނީ ނުބައި ޢަމަލު ހިންގާ ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. އޭގެ އިތުރަށް ޣައްސާނު ފާހަގަކުރެއްވި ގޮތުގައި ޖިންސީ ގޯނާގެ ވޭނާއި އަނިޔާގެ އަސަރު ކުދިން މުޅި ޢުމުރަށް ތަޙައްމަލުކޮށް ބަރުދާސްކުރެއެވެ. އަދި ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ކޮންމެ ފަރުދަކަށް ރައްކާތެރިކަން ހޯދައިދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމުގައިވެސް ޣައްސާނު ފާހަގަކުރެއްވިއެވެ. 
މިލިޔުން ކިޔާލުމުން
67 %
އުފާވި
33 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ