އަމާޒަކީ އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާތެރޭ ޒިންމާދާރު މުއައްސަސާއެއް ގޮތުގައި ހަރުދަނާވުން: ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ އަމާޒަކީ އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާތެރޭ ޒިންމާދާރު މުއައްސަސާއެއް ގޮތުގައި ހަރުދަނާވުންކަމަށް އެކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓަށް 13 އަހަރު ފުރުމާއި ގުޅިގެން އެކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ރައްޔިތުންނަށް އަދުލުއިންސާފު ލިބިދިނުމުގައި ކާމިޔާބީތަކެއް ހާސިލުކޮށް، މި ދާއިރާ ހަރުދަނާ ކުރުމަށް ސުޕްރީމް ކޯޓުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
މި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އަދިވެސް ކުރާންހުރި ކަންތައްތައް މަދެއް ނޫންކަމަށާއި، މާލީ ގޮތުންނާއި އިންސާނީ ވަސީލަތްތައް ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް، ލިބެންހުރިމަދު ވަސީލަތްތަކުގެ އެހީގައި މި ދާއިރާ އިސްލާހުކުރުމަށާއި ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުގައި ހީވާގިކަމާއެކު މަގު ދެއްކުމުގައި ސުޕްރީމް ކޯޓު ދެމިއޮންނާނެކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
ސްޕްރީމް ކޯޓްގެ ތަފާސްހިސާބަށް ބަލާއިރު، ސުޕްރީމް ކޯޓްގެ 13 ވަނަ ޢަހަރަކީ އޭގެ ކުރީ އަހަރަށްވުރެ ކާމިޔާބު އަހަރެއްކަން އެކޯޓުން ވަނީ ފާހަގަކޮށްފައެވެ. 2020 ވަނަ އަހަރުގެ ސެޕްޓެންބަރު 18 އިން މިއަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހާ ހަމައަށް 225 މައްސަލައެއް ހުށައެޅި 121 މައްސަލަ ވަނީ ރަޖިސްޓްރީ ކުރެވިފައިކަމަށް އެކޯޓުން ވަނީ ބުނެފައެވެ.
ނިމިދިޔަ އަހަރުގެ ތެރޭގައި 369 އަޑުއެހުން ބޭއްވިފައިވާއިރު، 90 މައްސަލައެއްގައި ހުކުމްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރު ހުކުމް ކުރެވުނު އަދަދަށްވުރެ 20 އިންސައްތައިގެ ކުރިއެރުމެއްކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
އިންފޮމޭޝަން ޓެކްނޮލޮޖީގެ އައު ތަޞައްވުރާއެކު، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީސްތައް ހިންގުމުގައި، ކަރުދާސް މަދުކޮށް، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ފާއިތުވެގެން މިދިޔަ އަހަރުގެ ތެރޭގައި ހާސިލްކުރެވުނު މުހިންމު އެއް ކާމިޔާބީއަކީ ޝަރުޢީ ދާއިރާގެ ކޭސް ރިޕޯޓަރ އެޕްލިކޭޝަން ތަރައްޤީކޮށް، ސްޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމަޖަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އެ އެޕްލިކޭޝަންއަށް އަޕްލޯޑްކޮށް، އެތެރޭގެ ބޭނުންތަކަށް އެ އެޕްލިކޭޝަން ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެއްސުންކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
ކޭސް ރިޕޯޓަރ އެޕްލިކޭޝަނަކީ ސްޕްރީމްކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެގުމަކަށް ފެށުން ޚާއްޞަ ޕްރޮޖެކްޓެވެ. މި އެޕްލިކޭޝަން ތަރައްޤީކުރެވިގެން ދިޔައީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. މި މަސަތްކަތަކީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެހީތެރިކަމާއެކު ނިންމާލެވެން މަސައްކަތެއްކަމަށް އެކޯޓުން ބުނެއެވެ.
ސުޕްރީމް ކޯޓުން ބުނީ، އެކޯޓަކީ ފަސޭހަކަމާއެކު ޢަދުލުއިންސާފަށް ވާޞިލްވެވޭނެ މަގުފަހިވެފައިވާ އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިގެންވާ ތަނެއްގެގޮތުގައި ހަދައި، އަދުލުއިންސާފް ޤާއިމްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވި، ފުރިހަމަ ނަތީޖާއެއް ޙާޞިލްވެގެން ދިޔައީ، ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނާއި މުވައްޒަފުން ހުއްޓުމެއްނެތި ކުރެއްވި މިންނެތް މަސައްކަތާއި ހިތްވަރުންކަމަށެވެ.
އަހަރީ ދުވަހުގެ ބަޔާން ނިންމާލަމުން އެ ކޯޓުން ބުނެފައިވަނީ ސްޕްރީމް ކޯޓްގެ އަމާޒަކީ، ލިބިފައިވާ މަދު ވަސީލަތްތަކާއެކުވެސް، އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ޚިދުމަތްފޯރުކޮށްދިނުމާއި، އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާނެރޭ ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި ސްޕްރީމް ކޯޓް ހަރުދަނާކުރުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ