މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021- ނޯތު ޓު ސައުތު: މޫސުން ގޯސްވެ ދަތުރަށް ހުރަސް އެޅިއްޖެ

ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ޖެޓްސްކީ ގައި ދަތުރުކޮށް ރެކޯޑެއް ގާއިމްކުރުމަށް މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އިން ކުރަމުންދާ ދަތުރުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ކުރިއަށް ގެންދިއުމުގައި ދަތިތަކަކާއި ކުރިމަތިވެއްޖެއެވެ.
މިދަތުރުގެ ކްރޫ ގައި ވީޓީވީގެ ވީޑިއޯ ޖާނަލިސްޓް މުހަންމަދު ޒާހިރު (ބަކާ)ވެސް ބައިވެރިވަމުންދާއިރު ބަކާ މައުލޫމާތުދިން ގޮތުގައި ހޮނިހިރު ދުވަހުގެރޭ އދ. މަހިބަދޫގައި މަޑުކުރުމަށްފަހު އެންމެ ފުރަތަމަ ތާވަލުކުރީ މިއަދުގެ ހެނދުނު އަލުން ދަތުރު ފަށާ ވ. ތިނަދޫ އަށް ދަތުރު ކުރުމަށެވެ.
އެހެންނަމަވެސް މިއަދު މޫސުން ވަރަށް ބޮޑަށް ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ރޭވިފައިވާ ގޮތަށް ދަތުރު ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެ މަހިބަދޫގައި އަދިވެސް މަޑުކުރަން ރައިޑަރުންނަށް ވަނީ މަޖުބޫރުވެފައެވެ.
މިމަހުގެ 22 ވަނަ ދުވަހު ހއ. ތުރާކުނުން މިދަތުރު ފެށިއިރު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މޫސުން ވެފައިވަނީ ބޮޑު ގޮންޖެހުމަކަށެވެ. މޫސުމުގެ އިތުރުން ރަށްރަށުން ރައިޑަރުންނަށް ކިޔަމުންދާ މަރުހަބާގެ ސަބަބުންވެސް ދަތުރު ގެންދަން ރޭވި އަވަސްމިނުގައި ދަތުރު ކުރެވިފައެއް ނުވެއެވެ.
މޫސުން ގޯސްވެ މަހިބަދޫގައި ރައިޑަރުން މަޑުކޮށްފައިވާއިރު މަހިބަދޫ އަކީ މި ދަތުރުގެ 11 ވަނަ މަންޒިލެވެ. މިދަތުރުގެ ޝެޑިއުލްގައިވާގޮތުން މިމަހުގެ 27 ވަނަ ދުވަހު ރައިޑަރުން އައްޑޫ އަތޮޅު ހިތަދޫގައި މަޑުކޮށް ދަތުރުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނެއެވެ.
ދަތުރުގައި ކުރިމަތިވާ އެންމެބޮޑު ގޮންޖެހުމަކަށް މޫސުން ވެފައިވާއިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 36 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ބުނެފައެވެ. މެޓް އޮފީހުން ބުނީ، ކުރިޔަށް އޮތް 36 ގަޑިއިރު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ޢާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑު، ބުރިޖް އަދި ހައިވޭގައި ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓުން ވަނި އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ