އަމީނަކީ ކުށްވެރިއެއް ކަމަށް ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑުން: ސުޕްރީމް ކޯޓު

ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން އަކީ ކުށްވެރިއެއް ކަމަށް ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމައި ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފިއެވެ.ސުޕްރީމް ކޯޓުގެ ސަމާލުކަމަށް އަމީންގެ ވަކީލް އަހުމަދު ޔާމީން ގެނައީ އެ ކޯޓުގައި އިއްޔެ އޮތް އަޑުއެހުމެއްގައި އަމީން ހުއްޓާ ނަގާފައިވާ ފޮޓޯއެއް އެޑިޓްކޮށް, އެ ފޮޓޯއަށް އައިއެސްގެ ލޯގޯ އާއި ހަތިޔާރު ހިމަނާފައިވާ މައްސަލައެކެވެ.އެ މީޑިއާގެ ނަން ޔާމީން ވިދާޅެއް ނުވެ އެވެ. ނަމަވެސް, އެނގިފައިވާ ގޮތުގައި އެއީ އިއްޔެ ރާއްޖެއެމްވީގައި ޖެހި ފޮޓޯއެކެވެ. އެ ފޮޓޯ ހިމެނޭ ލިޔުންތައް ވެސް ވަކީލް ޔާމީން މިއަދު ވަނީ ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.އެކަމާ ގުޅިގެން އަމުރެއް ނެރޭނެ ކަމަށް އަމީންގެ މައްސަލަ ބަލާ ބެންޗުގެ ރިޔާސަތުގައި އިންނަވާ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވިއެވެ. އަދި އެ އަމުރު ނެރެދެއްވީ އެބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދުއެވެ.އަމުރު އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ، ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްގުލިބިގެންވާ މީހެއް ކަމަށެވެ."މި ކޯޓުގައި ހިގަމުންދާ ޕީޖީ ވާސަސް މުހައްމަދު އަމީން ގަޒިއްޔާއާ ގުޅިގެން ހިޔާލު ފާޅުކުރާ ފަރާތްތަކުންނާއި ހަބަރު ފެތުރުމުގެ ތެރޭގައި މައްސަލައިގެ މައުޟޫއަށް ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން ގާނޫނު އަސާސީގައި ބަޔާންވެގެންވާ ބުނެވުނު ހައްގަށް އެއްވެސް އަސަރެއް ކުރާނެ މޭރުމަކުން މައްސަލައިގެ ހަސްމު ތަސައްވަރުކޮށްދިނުމުގެ ގޮތުން އެއްވެސް ހިޔާލެއް ފާޅުކުރުމަކީ ނުވަތަ ހަބަރެއް ގެނެއިސް ދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެ ކަން އާންމުކޮށް އަންގަން،" އަމުރު އިއްވަވަމުން ސުއޫދު ވިދާޅުވިއެވެ.އަމީން ދޫކޮށްލި މައްސަލަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު ހައިކޯޓުން ވަނީ އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައެވެ. މޮނިކޮން އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ރޭގަނޑު ހަޔަކުން ހެނދުނު ހަޔަކަށް ގެއިން ބޭރަށް ނުކުތުން މަނާވާނެއެވެ. އަދި އެ އަމުރުގައި ވާ ގޮތުން އޭނާއަށް ފުލުހުންގެ ހުއްދަނެތި މާލެއިން ބޭރަކަށް ނުދެވޭނެއެވެ.ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް ދަނީ އަމީން ދޫކޮށްލަން ހައިކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފް މައްސަލަ އެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. މައްސަލާގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފައެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އަމީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ