ބައެއް ވިޔަފާރިތަކާއި ސިޔާސީ ފަރާތްތަކުން މަސްތުވާތަކެތީގެ ނާޖާއިޒް މަންފާ ހޯދާ - ހޯމް މިނިސްޓަރ

ރާއްޖޭގައި ފުޅާދާއިރާގައި ކުރަމުން އަންނަ މަސްތުވާތަކެތީގެ ވިޔަފާރީގެ ނާޖާއިޒް މަންފާ ލިބޭ ބޮޑެތި ވިޔަފާރިތަކާއި އެކި ސިޔާސީ ފަރާތްތައް އެބަތިބިކަމަށާ، އެފަރާތް ހުއްޓުވުމަށް ބޮޑެތި ދަތިތަކެއް އެބަހުރިކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ފުލުހުން ހިންގާފައިވާ އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރވަނީ ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ވަރަށް ތިލަކޮށް ސާފުކޮށް ވިދާޅުވެދެއްވާފައެވެ.
މަސްތުވާތަކެތީގެ މައްސަލަ ފުޅާވެ އޭގެމަންފާ ނާޖައިޒްގޮތުގައި ހޯދާ ފަރާތްތަކުގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. މަސްތުވާތެކެތީގެ މައްސަލަ ޙައްލުކުރުމަށް ނުކުންނަ ފުލުހުންނާއި މިފަދަ މައްސަލަތަކުގެ ޙަގީގަތް ހާމަކުރުމަށް ނުކުންނަ ނޫސްވެރިންނާއި އެނޫންވެސް މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާއިރު މިމައްސަލަ ޙައްލުކުރުމަށް ޤާނޫނީ ގޮތުން ގިނަ ހުރަސްތަކެއް ހުރިކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް މުޅި ޤައުމަށް ކުރިމަތިވެފައިވާ މިބޮޑު ވަބާއިން ޤައުމު ސަލާމަތްކުރުމަށް ދިވެހި ފުލުހުން މަސައްކަތް ކުރާނެކަމަށާ، ދޫކޮށްލައިގެން ބަލަން ނުތިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކާއި ސިޔާސީ އެކި ފަރާތްތަކަށް މަސްތުވާތަކެތީގެ ސަބަބުން ނާޖާއިޒް މަންފާ ލިބެމުންދާއިރު މިއީ ރައްޔިތުންގެ ގާތަށް ސިޔާސީ ގޮތުން ދާންޖެހޭ މިމީހުންގެ ނިޔަތާމެދު ރައްޔިތުން ސަމާލުވެ ހުށިޔާރުވާންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ފުލުހުން އެކަނިކުރާ މަސައްކަތުން މާބޮޑު ޙައްލެއް ނާންނާނެކަމަށާ، ހުރިހާ މުއައްސަސާތަކުން ތެދުވެރިކަމާއެކު މިމަސައްކަތްކޮށްގެން ނޫނީ މިއީ ދުވަހަކުވެސް ޙައްލުވާނެކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މަސްތުވާތަކެތީގެ ނާޖައިޒް ފައިދާ ނަގާ ވިޔަފާރިތަކާއި ސިޔާސީ ފަރާތްތައް ރާއްޖޭގައި އެބަތިބި. ރައްޔިތުންނަށް އެނގެން އެބަޖެހޭ މީކޮންބައެއްކަން. މިމީހުން ހުއްޓުވުމަށް ރައްޔިތުން ޕްރެޝަރކޮށްގެންވިޔަސް އެބަޖެހޭ މަސައްކަތްކުރަން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ މިއަދު އޮތް ހިސާބަށް ގޮސްފައިވަނީ ވޭތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް މިމައްސަލަ ޙައްލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުތަކުގެ ސަބަބުންކަމަށެވެ. ސަބަބަކީ ދައުލަތެއްގެ ހުރިހާ މުއައްސަސާއެއް އެކައްޗެއްކިޔައިގެން އެއް އަމާޒެއްގައި މަސައްކަތްކޮށްގެން ނޫނީ ހަމައެކަނި ފުލުހުން ކުރާ މަސައްކަތަކުން އެކަނި މިމައްސަލައަށް ޙައްލެއް ނުގެނެވޭނެކަމަށެވެ. މައްސަލައިގެ ބޮޑު މިނާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ ރާއްޖެއަށް އެކި ބާވަތުގެ ވިޔަފާރި ގެންނައުމުގެ އިތުރަށް ރާއްޖެ މެދުވެރިކޮށް އެހެން ޤައުމުތަކަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި ޖަރީމާތައް ހިންގަމުންދާކަމަށެވެ.
"މިހާރު ނެތް ބުނެވޭކަމަށް މިއީ ހަމައެކަނި ޒުވާނުންނަށް ކުރިމަތިވެފައިވާ ވަބާއެކޭ. މިކަމުގައި އުޅޭ 60 އަހަރުން މައްޗަށް ގޮސްފައިވާ މީހުން އެބަތިބި. މަރުކަޒުކޮށްގެން އެންމެން ބަންދުކޮށްގެން މައްސަލަ ޙައްލުކުރުމަކީ ދައުލަތަކަށް ކޮންމެ ސަރުކާރެއް އޮތްނަމަވެސް އުފުލޭނެ ބުރައެއް ނޫން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި އަތުލައިގަނެވިފައިވާ 314 ކިލޯގެ މަސްތުވާތަކެތި ވަނީ މިއަދު ނައްތާލާފައެވެ. ނޫސްވެރިންނަށާއި ޢާއްމުނަށް ހުޅުވާލާއިގެން މަސްތުވާތަކެތި ނައްތާލުމަށް ކުރިޔަށް ދިޔަ ޙަރަކާތުގައި ނައްތާލާފައިވަނީ މާލެއާއި ހުޅުމާލޭގެ އިތުރުން ރ.އަތޮޅު ކައިރިން ޓްރެފިކްކުރެވުނު މަސްތުވާތަކެއްޗާއި އދ.މަހިބަދޫން އަތުލައިގަނެވުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗެވެ. މަސްތުވާތަކެތީގެ ޤާނޫނު މީގެ 10 އަހަރުކުރިން ވުޖޫދު ވީނަމަވެސް މިޤާނޫނުގެ ތެރެއިން މަސްތުވާތަކެތި ނައްތާލަން ފަށާފައިވަނީ 2019ވަނަ އަހަރުތެރޭގައެވެ. އެގޮތުން މިހަތަނަށް އައި އިރު ޖުމްލަ 1801 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލެވިފައިވާކަމަށް ފުލުހުން ހާމަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ